24 ގަޑިއިރުގެ ތެރޭގައި ގާޒާގެ އުތުރުން ފައިބަން އިއްޔެ އިޒްރޭލުން އެންގި އެންގުމަށް އިތުރު 6 ގަޑިއިރު އިރުކޮށް, ޔަހޫދީ ފައުޖުތައް އުތުރަށް ޖަމާކޮށް ތައްޔާރު ވެއްޖެއެވެ.

އަރަބި ބަހުން އިޒްރޭލުން އާންމު ކުރި މެސެޖެއްގައި ބުނީ, ގާޒާ ގަޑިން ހަވީރު 4 އާ ހަމައަށް ވަގުތު އޮންނާނެ ކަމަށާއި އޭގެ ފަހުން ދެން ނުބަލާނެ ކަމަށެވެ. އަދި ވަޒަނުން ފައިބައިގެން ދާން ވާނީ އިޒްރޭލުން އަންގާ މަގަކުން ކަމަށާއި އެނޫން މަގުތަށް އިހުތިޔާރު ކުރާނަމަ ހަމަލާ ދޭނެ ކަމަށެވެ.

އިޒްރޭލުން ދިން 6 ގަޑިއިރުގެ މުހުލަތު މިހާރު ހަމަވެފައި ވާ އިރު އާންމުން ފައިބައިގެން ދާން ބުނި މަގު ފިޔަވައި އެހެން ސަރަހައްދުތަކަށް މިހާރުވެސް ދަނީ ހަމަލާ ދެމުންނެވެ. އަދި އާންމުން ފައިބައިގެން ދާ މަގުތަކަށް ވެސް ހަމަލާ އާމާޒު ވަމުން ދާ އިރު އެ ހަމަލާތަކުގައި އިއްޔެއާއި މިއަދު ޖުމްލަ 70 މީހަކު ވަނީ ޝަހީދު ވެފައެވެ.

ޔަހޫދީން ދިން ހަމަލާތަކެއްގައި ޒަހަމްވި ކުއްޖަކު ސިއްހީ ފަރުވާއަށް ގެންދަނީ

އިޒްރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ, ހަމާސްގެ ލީޑަރުން ފިލާ ތިބީ ގާޒާގެ އުތުރުގައި ކަމަށާއި އެއިން އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނެ ކަމަށެވެ.

އިޒްރޭލުގެ މި އިންޒާރާ އެކުވެސް ހަމާސްގެ މެންބަރުން ގާޒަ ދޫކޮށް ނުދާނެ ކަމަށް ބުނެފައި ވާ އިރު, އެ ޖަމާއަތުން ވަނީ އާންމުންވެސް ވަޒަނުން ނުފައިބާ ތިބުމަށް އިލްތިމާސް ކޮށްފައެވެ.

މަތިން ލީފްލެޓްތައް ގާޒާއަށް އަޅާ ދިން މި އިންޒާރުގެ މެސެޖާ ގުޅިގެން 400,000 އެއްހާ މީހުން މިހާރުވެސް ވަޒަން ދޫކޮށް ފައިބާފާ ވާކަމަށް ހަބަރުތައް ބުނެއެވެ.

ސީއެންއެން އިން ބުނީ, އިޒްރޭލުން ގާޒާއަށް ހަމަލާ ދޭ މަންޒަރު ފެންނަ 5 ވީޑިއޯއެއް އެނަލައިޒް ކުރި އިރު އެ ވީޑިއޯތަކުން ފެންނަނީ, މީހުން ފައިބައިގެން ދާ މަގުތައް ހިމެނޭހެން އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދޭ މަންޒަރުތައް ކަމަށާއި, މުޅި ތަން ފުނޑުފުނޑު ވެފައި ވާ އިރު މީހުން އުފުލާ ޒާތުގެ އެނދުތަކުގެ މަތީގައާއި ބިންމަތީގެ އެކި ސަރަހައްދުތަކުގައި މަރުވެފައި ތިބި މީހުން ފެންނަ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް ސީއެންއެން އިން ބުނެފައި ވެއެވެ.

މީގެ އިތުރުން އަންދާ އަޅިއަށް ހަދާލަފައިވާ ކާރުތަކާއި އެތައް ވެހިކަލެއް ވެސް ހުރި ކަމަށާއި ގިނަ އިމާރާތްތައްވެސް ހުރީ ބިމާ ހަމަކޮށްލާފައި ކަމަށެވެ.

ސީއެންއެން އިން އިތުރަށް ބުނީ އާންމުން ފައިބައިގެން ދަނީ ސަލާހް އަލް ދީން ސްޓްރީޓުން ކަމަށާއި އެމަގަށް އިޒްރޭލުން ހަމަލާ ދީފައި ވަނީ ކީއްވެތޯ ސާފުކުރަން އައިޑީއެފް އާ ސުވާލު ކުރުމުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

ފަލަސްތީނުގެ ހާލަތު ގޯހުން ގޯހަށް ދާ އިރު އެގައުމުގެ ރައްޔިތުންނަށް ނިކުމެވެން އޮތް ހަމައެކަނި މަގަކި މިސްރާއި ގާޒާ ގުޅޭ މަގު ކަމަށް ވާއިރު އެ މަގު ހުޅުވަފާނެ ކަމުގެ އިޝާރާތެއް އެމެރިކާއިން ދީފައި ވާތީ ގިނަ ބަޔަކު އެ ދޮރާށްޓަށްވެސް ޖަމާވެފައި އެބަ ތިއްބެއެވެ.

އެތާނގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުރި މީހުންނާއި މުސްކުޅިން ހިމެނޭހެން ގިނަ ބަޔަކު ތިބޭތޭ 2 ގަޑިއެއްހާ އިރު ވެއްޖެ ކަމަށާއި ނަމަވެސް އެއްވެސް އޮފިޝަލެއްގެ ހިލަމެއްވެސް (ގޭޓް ހުޅުވަން) ނެތް ކަމަށް އެތާ ތިބި ބައެއް މީހުންނާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

އިޒްރޭލުން ވަނީ ގާޒާގެ ކަރަންޓާއި ފެނާއި ކާބޯތަކެތީގެ އިތުރުން ބޭހުގެ ސަޕްލައި ކަނޑާލާފައެވެ. މިހާރު ކަނު އަނދިރީގައި އޮތް ގާޒާގައި އިންޓަނެޓެއް ވެސް ނެތެވެ. އެހެން ކަމުން އެންމެ ސާފުކޮށް ހަބަރުތައް ލިބުމުގައި ދަތިތަކާ ކުރިމަތިވެފައި ވާ އިރު ޔަހޫދީ ފައުޖުތައް މިވާރު ވަނީ ގާޒާގެ ތެރެއަށް ވަންނަން ފަށާފައި ކަމަށް މައުލޫމާތު ލިބެއެވެ.

ބަރުހަތިޔާރާއި ކޮމްބެޓް ކިޓްގައި ގިނަ އަދަދެއްގެ ސިފައިން ގާޒާގެ ތެރެއަށް ވަންނަމުން ދާ އިރު, ޔަހޫދީ ބޮޑުވަޒީރު ވަނީ ސިފައިންނަށް އެހީވުމަށް ރިޒާވް ސިފައިންގެ ގޮތުގައި ތިބި 350,000 މީހުން ހިދުމަތަށް ނެރެފައެވެ. އަދި މިއަދުގެ ވަގުތެއްގައި ނަތަންޔާހޫ ވަނީ އަސްކަރީ ކޮމާންޑަރުންނާ ބައްދަލުކޮށް ހިތްވަރުދީ ބާރަށް ކުރިއަށް ގެންދިޔުމަށް އަންގާފައެވެ.