އެމެރިކާއިން ޔޫކްރައިނަށް މަދަދު ދެމުން އަންނަ އިރު އެހެން ގައުމުތަކުން ރަޝިއާ އަށް އެހީވޭތޯ ފާރަލައި ދަނީ ބަލަމުންނެވެ. މިއަދު އެމެރިކާގެ އޮފިޝަލުން ބުނީ އުތުރު ކޮރެއާއިން ރަޝިއާ އަށް 1000 ކޮންޓޭނަރުގެ އަސްކަރީ ސާމާނު ފޮނުވާފައި ވާ ކަމަށާއި އެކަމުގެ ސާފު ހެކި ހުރި ކަމަށެވެ.

އެމެރިކާގެ މި ތުހުމަތުތަކަށް އުތުރު ކޮރެއާ ވެސް އަދި ރަޝިއާއިން ވެސް އެއްޗެއް ބުނެފައި ނުވާ އިރު އެމެރިކާއިން ބުނީ އުތުރު ކޮރެއާގެ ނާޖިން އިން ރަޝިއާ އަށް ފޮނުވަން ތައްޔާރު ކޮށްފައި ހުރި 300 ކޮންޓޭނަރުގެ ފޮޓޯ ލިބިފައި ވާ ކަމަށެވެ.

އެ ކޮންޓޭނަރުތަކުގައި ހުރީ އަސްކަރީ ސާމާނާއި ގޮވާތަކެތީގެ އިތުރުން އަސްކަރީ ޓެކްނޮލޮޖީ ކަމަށް ވެސް ބުނެފައި ވެއެވެ.

ރަޝިއާ އަށް އެއްވެސް ބާވަތެއްގެ ހަތިޔާރު ފޯރު ކޮށް ނުދޭ ކަމަށް މީގެ ކުރިން ތަކުރާރު ކޮށް އުތުރު ކޮރެއާއިން ބުނެފައި ވީ ނަމަވެސް އެމެރިކާއިން ގަބޫލު ކުރަނީ ދެގައުމުގެ އިސްވެރިންގެ މެދުގައި ބާއްވާ ބައްދަލުވުންތަކާއި ދެގައުމުގެ އިސްވެރިން, އެއް ގައުމުން އަނެއް ގައުމަށް ކުރައްވާ ދަތުރުތަކުގެ ބޭނުމަކީ މިފަދަ ޑީލެއް ހެދުން ކަމަށެވެ.

މުރާސިލުން ބުނާ ގޮތުގައި, މި ދަނޑިވަޅުގައި އެމެރިކާއިން އެވާހަކަ ދެއްކުމުގެ ބޭނުމަކީ އެމެރިކާގެ މަދަދާ އެކު އިޒްރޭލުން ފަލަސްތީނަށް ތަޅާ ސުންނާފަތި ކުރުމުން ދާ އިރު ދުނިޔޭގެ ސަމާލުކަން އެހެން ކަމަކަށް އަނބުރާލުމެވެ.

އެމެރިކާއިން އިތުރަށް ބުނީ އުތުރު ކޮރެއާއިން ފޮނުވާ ތަކެތި ގެންދަނީ ޔޫކްރައިންގެ ބޯޑަރާ 290 ކިލޯމީޓަރު ދުރުގައި އޮންނަ ރަޝިއާގެ ޓިހޯރެޓްސްކް އަށެވެ.

އެމެރިކާއިން މިފަދަ ތުހުމަތެއް ކޮށްފައި ވާ އިރު, މުރާސިލުން ބުނަނީ އުތުރު ކޮރެއާއިން ހަތިޔާރު ލިބުނަސް ރަޝިއާ އަށް އެއިން ފުދޭނީ ކުޑަދުވަސް ކޮޅަކަށް ކަމަށާއި މިހާރު ހަނގުރާމަ ހިނގަމުން ދާ ސްޕީޑަށް ބަލާއިރު ރަޝިއާ އަށް ގިނަ އަދަދެއްގެ ހަތިޔާރު ބޭނުންވާ ކަމަށެވެ.

މިދުވަސްވަރު ޔޫކްރައިން ހަނގުރާމައިގެ ވާހަކަ އަށް ވުރެ ބާރަށް ދެކެވެނީ އަދި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވަނީ އިޒްރޭލުން ހިންގާ އުދުވާނަށެވެ. އެ އުދުވާނުގައި އެއްގަމާއި, ވަޔާއި ކަނޑު މަގުން ޔަހޫދީ ސިފައިން ގާޒާއަށް އަރާ ހަމަލާ ދެމުން އަންނަ އިރު އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި އަދި ގަތުލު އާންމެއް ކަމަށް ބުނެ ދުނިޔެ ދަނީ އިޒްރޭލު ކުށްވެރި ކުރަމުންނެވެ.

ނަމަވެސް އެމެރިކާ އާއި ޔޫރަޕުން ބުނަމުން ދަނީ އިޒްރޭލުގެ ހަމަލާތައް ޖާއިޒު ކަމަށާއި އިޒްރޭލުގެ ރައޔިތުންގެ ދިފާއުގައި އެ ހަމަލާތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމލާ ދޭން ފެށީ މިދިޔަ ހޮނި ހުރު ދުވަހު ފަލަސްތީންގެ ހަމާސް ޖަމާއަތުގެ މުޖާހިދުން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދލަ ހިފުމަށެވެ. ހަމާސްގެ އެންމެން ޝަހީދު ކޮށްލުމުގެ ނިޔަތް ގަނެގެން ޔަހޫދީ ބޮޑުވަޒީރު ފަށާފައިވާ އުދުވާނުގައި ހަމަލާ ދެމުން ދާ އިރު އެއީ ހަމާސްގެ މެންބަރެއްތޯ ނުވަތަ ފަލަސްތީނުގެ އާންމު ރައްޔިތެއްތޯ ނުބަލައެވެ.

ގާޒާގެ އުތުރު ހުސްކޮށް ދެކުނަށް އެންމެން ދާން އިޒްރޭލުން އިންޒާރު ދިނުމަށް ފަހު ދިން 24 ގަޑިއިރުގެ މުހުތަލުގެ ތެރޭގައި ގިނަބަޔަކު ގެދޮރު ދޫކޮށް ދަނިކޮށް ހަމަލާދީ އޭގެ ތެރެއިންވެސް ގިނަ ބަޔަކު ވަނީ އިއްޔެއާއި މިއަދު ޝަހީދު ކޮށްލާފައެވެ.

ހިސާބުތައް ދައްކާ ގޮތުން މިއަދާ ހަމައަށް ފަލަސްތީނުގެ 2,215 މީހުން ޝަހީދު ކޮށްލައި 8,714 މީހަކު ވަނީ ޒަހަމްކޮށްލާފައެވެ.