ގއ. ވިލިނގިލި، ހުސީނާ ދޯނިން ބާނާ 1 ޓަނު މަސް ކިރުވައިގެން ލިބޭ ފައިސާ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ހަދިޔާ ކުރަން ނިންމައިފިއެވެ.

'ދަ ޕްރެސް؛ އަށް މައުލޫމާތު ދެމުން އެ ދޯނީގެ ކެޔޮޅު މުހައްމަދު ޔުސްލީން ބުނީ، އެދޯނިން މަހަށް ދާ ހުރިހާ މަސްވެރިން އެއްބަސްވެގެން ދެން ބާނާ މަހުގެ ތެރެއިން އެއް ޓަނަށް ވާ މަސް ކިރުވައިގެން ލިބޭ ފައިސާ ފަލަސްތީން ރައްޔިތުންނަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 25،000 ރުފިޔާ ކަމަށް ކެޔޮޅު ބުނެއެވެ.

ހުސީނާ ދޯންޏަކީ މަހަށްދާތާ 20 އަހަރު ވެފައިވާ ދޯންޏެކެވެ. އާންމުކޮށް މަސް ބާނަން ނިކުމެއްޖިއްޔާ 3 ޓަނު ނޫނީ 4 ޓަނުގެ މަސް ބާނާ އެ ދޯނިން މިހާރު ވެސް މަސް ކިރުވާފަ އަދި ފައިސާ ނުލިބި ހުރި ކަމަށް ޔުސްލީން ބުނެއެވެ. އެ ފައިސާ ލިބުނުހާ އަވަހަކަށް ފަލަސްތީނަށް ފައިސާ ހަދިޔާ ކުރާނެ ކަމަށް އޭނާ ބުނެއެވެ.

މީގެ ކުރިން 17 ރުފިޔާއަށް މިފްކޯއިން މަސް ކިރަމުން އައި ނަމަވެސް މިދިޔަ މަހުގެ 16 އިން ފެށިގެން މަސް ކިރާ އަގު ވަނީ 25 ރުފިޔާއަށް ބޮޑު ކޮށްފައެވެ. އަގު ބޮޑުކޮށްފައި ވަނީ ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ކަށަވަރު ވެފައި ވާތީ ކަމަށް ބުނެ އިންތިހާބުގެ ދެވަނަ ބުރުގެ ފަހު ދުވަސްތަކުގެ ތެރޭގައެވެ. އަދި މަސް ގަންނަ އަގު ބޮޑުކުރަން ނިންމީ ގިނަ މަސްވެރިންތަކެއްގެ ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު ކަމަށް ވެސް މިފްކޯއިން ބުނެފައި ވެއެވެ.

މިހާރު މިފްކޯއަށް އެއް ޓަނުގެ މަސް ކިރައިފި ނަމަ 25،000 ރުފިޔާ ލިބޭ އިރު، ކުރީގެ ރޭޓުން ކިރައިފި ނަމަ ލިބޭނީ 17،000 ރުފިޔާއެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފަންޑް ރެއިސް އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ޓިކްޓޮކްގެ މަޝްހޫރު އިންފްލުއެންޒާ ސަމާ ވެސް ވަނީ ފަލަސްތީނަށް އެހީވުމަށް ލައިވެއް ހިންގާފައެވެ. އެ ލައިވް، އެއް ގަޑިއިރަށް ކުރިއަށް ގެންދިޔަ އިރު، އޭނާ ވަނީ ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައެވެ. އަދި އެ ފައިސާ ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އަށް ހަދިޔާ ކޮށްފައެވެ.