ޔޫކްރައިން އަށް ހަމަލާ ދީ ހަނގުރާމައިގެ ޖަރީމާ ހިންގެވި ކަމުގެ ކުށުގައި ޕުޓިން ހައްޔަރު ކުރުމަށް އިންޓަނޭޝަ ކްރިމިނަލް ކޯޓު (އައިސީސީ) އިން އަމުރު ނެރެފައި ވަނިކޮށް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި ކިރިގިސްތާނަށް ވަޑައިގެންފިއެވެ.

ދެދުވަހުގެ މިދަތުރުގައި ސޯވިއެޓްގެ ގައުމުގަތުގެ މެދުގައި އުފައްދާފައި އޮންނަ ކޮމަންވެލްތް އޮފް އިންޑިޕެންޑެންތް ސްޓޭޓްސް (ސީއައިއެސް) ގައި ބައިވެރިވެ ވަަޑައިގަންނަވާނެއެވެ. އަދި ކިރިގިސްތާންގެ ރައީސް ސަދީރް ޖަޕަރޯވް އާ ބައްދަލުކުރައްވާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅެގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ. ރަޝިއާ އަކީ ކިރިގިސްތާންގެ އެންމެ ބޮޑު އިންވެސްޓަރަށް ވާ އިރު ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން ގިނަ މުއާމަލާތްތައް ހިންގައެވެ.

އައިސީސީން 2022 ގައި ނެރުނު އަމުރާ ގުޅިގެން ގައުމުން ބޭރަށް ވަޑައިނުގެން ހުންނެވުމަށް ފަހު ކުރެެއްވި މިދަތުރަކީ ކޮންމެހެންވެސް ކުރައްވަން ޖެހިވަޑައި ނުގެންނެވި ނަމަވެސް ވަޑައިނުގެންނެވި ގިނަ ދުވަސް ވެފައި ވުމުން ކުރެއްވި ދަތުރެއް ކަމަށާއި ދެގައުމުގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ދެެކެވަޑައިގަންނަވާ ކަމަށް ވެސް ޕުޓީން ވިދާޅުވިއެވެ.

ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅު އަަޅާފައި ވީ ނަމަވެސް ދެގައުމުގެ ދެމެދުގައި ކުރެވެ ވިޔަފާރީގެ މުއާމަލާތްތައް ޑަބަލް ޑިޖިޓް [ދެ އަކުރުގެ އަދަދު] އަށް އަރާފައި ވާ ކަމަށާއި އެއީ ހެޔޮ ފާލެއް ކަމަށް ހަބަރުތައް ބުނެއެވެ.

ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި އިލްކްޓްރޯނިކް ސާމާނު އުފައްދާ ކިރިގިސްތާންގެ 4 ކުންފުންޏެއްވެސް ހިމެނެއެވެ. އެ ކުންފުނިތަކަށް ދަތި ކުރީ އިލެކްޓްރޯނިކް ސާމާނު ރަޝިއާ އަށް ފޯރުކޮށްދޭތީއެވެ.

ކިރިގިސްތާނަށް ޕުޓިން ވަޑައިގެންފައި ވާ އިރު އަންނަ ހަލްތާފައި ޗައިނާ އަށް ވެސް ވަޑައިގަންނަވާނެ ކަަމަށް ހަބަރުތައް ބުނެއެވެ.

ރަޝިއާގެ އިތުރުން، ޗައިނާ އާއި ކިރިގިސްތާނަކީ އައިސީސީގެ މެންބަރު ގައުމުތަކެއް ނޫނެވެ. އެހެން ކަމުން އެ ކޯޓުގެ އަމުރާ އެއްގޮތަށް ޕުޓިން ހައްޔަރު ކުރަން އެގައުމުތަކަކަށް ލާޒިމެއް ނުވާނެއެވެ. ޕުޓިން ހައްޔަރު ކުރަން ލާޒިމު ވަނީ އައިސީސީގެ މެންބަރު ގައުމުތަކުގެ ގޮތުގައި ހިމެނޭ 140 ގައުމުން ކުރެ ގައުމަކަށް އޭނާ ވަޑައިގެންފި ނަމައެވެ.