ގާޒާގެ އުތުރު ބިތުގައި ދިރިއުޅޭ 1.1 މިލިއަން މީހުން 24 ގަޑިއިރުގެ ތެރޭގައި ގެދޮރުން ނުކުމެ ގާޒާގެ ދެކުނަށް ދާން އިޒްރޭލުން އިންޒާރު ދީފިއެވެ.

އިޒްރޭލުން މި އިންޒާރު ދީފައި ވަނީ މަތިންދާބޯޓެއްގައި އެސިޓީގެ ތެރެއަށް އިންޒާރުގެ ލީފްލެޓްތަކެއް އަޅާލައިގެންނެވެ. އިޒްރޭލުން ބުނީ، 24 ގަޑިއިރަކީ އެކަށީގެންވާ ވަގުނު ނޫންކަންވެސް އެނގޭ ކަމަށާއި ނަމަވެސް އެނޫން ގޮތެއް ނެތް ކަމަށެވެ. އެ މުހުލަތުގައި ގެދިރު ދޫކޮށް ދިޔަޔަސް ނުދިޔަޔަސް ބޮން އަޅާ ސުންނާފަތި ކޮށްލާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އިޒްރޭލުގެ އިންޒާރަށް ބޯ ނުލެނބުމަށާއި އެއީ ބިރުދައްކަން ފަތުރާ ޕްރޮޕެގެންޑާއެއް ކަމަށް ބުނެ، އެންމެން ގޭގޭގައި ތިބުމަށް ހަމާސް އިން ނަސޭހަތްތެރިވަމުން ދިޔަ ނަމަވެސް އިޒްރޭލުގެ އިންޒާރުގެ ބިރަށް ގިނަ ބަޔަކު މިހާރު ވަނީ ގެދޮރު ދޫކޮށް ދާން ފަށާފައެވެ.

އިޒްރޭލުން މި އެންގުން އަންގާފައި މިވަނީ އިއްޔެ އިޒްރޭލަށް ވަޑައިގެންނެވި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން އާއި ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ މަޝްވަރާ ކުރުމަށް ފަހުއެވެ. އެމެރިކާ އަކީ ހިފެހެއްޓުމެއް ނެތި އިޒްރޭލަށް ތާއީދު ކޮށް މަދަދު ދޭނެ ގައުމެއް ކަމުގެ ޔަގީންކަން ތަކުރާރު ބްލިންކެން ނަތަންޔާހޫއަށް ދެއްވާފައި ވާ އިރު އޭނާ ވަނީ ހަމަލާތަކުގައި ވީހާވެސް ބޮޑަކަށް އާންމުން ރައްކާތެރި ކުރުމަށް ނަތަންޔާހޫގެ ކިބައިގެން އެދިވަޑައިގެންފައެވެ.

އިޒްރޭލުގެ އިންޒާރާއެކު ބައެއް މީހުން ގެދޮރު ދޫކޮށް ދަނީ

އެމެރިކާގެ ހާރިޖީ ވަޒީރު އިޒްރޭލުގެ އިތުރުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި، މިސްރާއި ގަތަރުގެ ވެރިންނާވެސް ބައްދަލުކުރައްވަން ވަނީ ނިންމަވާފައެވެ. އޭނާގެ ބޭނުމަކީ އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކަކީ ހަމަ ސައްހަ ރަނގަޅު ހަމަލާތަކެއްކަން އެގައުމުތަކަށް ވިސްނައި ދިނުމެވެ. އެކަމަށް ބާރު ލިބޭ ގޮތަށް ވައިޓް ހައުސް އިންވެސް ވާހަކަ ދައްކާފައި ވާ އިރު، ބުނެފައި ވަނީ، ގާޒާގެ އުތުރުން އާންމުން ފައިބަން އިޒްރޭލުން ބުނެފައި ވަނީ އެމީހުންނަށް ރައްކާތެރިކަމެއް ޔަގީން ކޮށްދިނުމަށް ކަމަަށާއި އިޒްރޭލުގެ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު އެ ދައުލަތަށް އޮތް ކަމަށެވެ.

އިޒްރޭލުން، އިންޒާރު ދީފައި ވާ އިރު އދ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ އިޒްރޭލުގެ އެ އެންގުން ކުށްވެރިކޮށް އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބެލެވިދާނެ ކަަމަށް ބުނެފައެވެ. އަދި ގާޒާ އަކީ ދޮށީ އުމުރުގެ މީހުންނާއި ހިނގާ ބިނގާވެ ނޫޅެވޭ ބަލި މީހުންނާއި އެތައް ކުޑަކުދިންނަކާއި އަންހެނުން އަދި ޒުވާނުން އުޅެމުން ދާ ސިޓީއެއް ކަމަށް ވާއިރު އެހެން ގެދޮރުން ނުކުމެ ދިޔުމަކީ ވާނެ ކަމެއް ނޫން ކަމަށް ވެސް އެއިދާރާތަކުން ވަނީ ބުނެފައެވެ.

ގާޒާގެ އުތުރުން މީހުން ފައިބަން ގޮވާލުން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށް ތުރުކީއާއި އެނޫންވެސް ބައެއް ގައުމުތަކުން ވެސް ދަނީ ބުނަމުންނެވެ.

ޔަހޫދީ ފައުޖުތައް އެއްގަމު މަގުން ގާޒާ އަށް އަރަނީ

މިދިޔަ ހޮނިހިރުގައި ފެށި ހަމަލާތައް ހަފްތާއަކަށް ދިދުދެމިގެން އަންނަ އިރު، ގާޒާގެ 3500 މަގާމަކަށް އިޒްރޭލުން 6000 ބޮން ވަނީ އަޅާފައެވެ. އަދި މިސައިލް ހަމަލގެ އިތުރުން ޑްރޯން ހަމަލާތައް ވެސް ދަނީ އަމާޒު ކުރަމުންނެވެ.

މިހަމަލާތަކުގައި ފަލަސްތީނުން 1537 މީހަކު ޝަހީދުވެ ޒަހަމްވި މީހުންގެ އަދަދު ވަނީ 7000 ފަހަނަ އަަޅާފައެވެ.

ގާޒާގެ އުތުރުގެ ބެއިތް ހަނޫން ރެފިއުޖީ ކޭމްޕަކީ، 444،000 މީހުން ދިރިއުޅޭ ކޭމްޕެކެވެ. އެއާ ޖެހިގެން އޮންނަ ގާޒާ ސިޓީގައި 750،000 މީހުން ދިރިއުޅެއެވެ. ހުރަސްކޮށް ދާން ބުނާ ދެކުނު ބިތުން ފުރަތަމަ ޖެހޭ ދައިރް އަލް ބަލާ ކޭމްޕްގައި 320،000 މީހުން، އެއާ ޖެހިގެން އޮންނަ ހާން ޔޫނުސްގައި 430،000 މީހުން އަދި ދެން އޮންނަ ރަފާ ކޭމްޕުގައި 275،000 މީހުން ދިރިއުޅެއެވެ.

އެއްފަޅިން ގާޒާއާ ގުޅެނީ މެޑިޓަރޭނިއަން ކަނޑެވެ. އަނެއް ފަޅިން އިޒްރޭލުން ފެންސްޖަހާ ބައްދާފައި ވާ އިރު ދެކުނު ކޮޅުން ގުޅެނީ މިސްރާއެވެ. އުތުރަކީ ސީރިއާ އާ ގުޅޭ ކޮޅު ކަމަށް ވާ އިރު، އެއްގަމާއި ވަޔާއި ކަނޑު މަގުން ޔަހޫދީން ވަނީ ގާޒާ ވަށާލާފައެވެ. ގާޒާއިން އިޒްރޭލު ހިމެނެ ގޮތަށް ކައިރި ގައުމުތަކަށް ދެވެން އޮންނަ 7 މަގުވެސް އިޒްރޭލު ސިފައިން ވަނީ ބަންދު ކޮށްފައެވެ.

ޒައިނިސްޓް ޔަހޫދީން ބުނާގޮތް ހެދުން ނޫން ގޮތެއް ނެތި ރަށު ބަންދުވެފައ ތިބި ފަލަސްތީންގެ ރައްޔިތުންގެ، މުޅި ދުނިޔޭގެ ލޮލުގެ ކުރިމަތީގައި މަރާއިރު، އެހީއެއްވާނެ ހަމަ އެއްވެސް ގައުމެއް ނެތެވެ. ނަމަވެސް އަރަބި ގައުމެއް ކަމަށް ވާ ގަތަރުން އދ ގެ އެހީދޭ ޖަމާއަތްތައް މެދުވެރިކޮށް 20 މިލިއަން ޑޮލަރު ވަނީ ދީފައެވެ. އެހެން ގައުމަކުން ފެންފޮދެއްވެސް އަދި ދިއްކޮށް ނުލާ އިރު، ޔަހޫދީން ވަނީ، ގާޒާގެ ބޯފެނާއި، ކަރަންޓާއި، ބޭހާއި ކާބޯތަކެތީގެ ދޮރުތައް ބަންދުކޮށް އިންސާނީ ބޮޑު ޖަރީމާއެއް ހިންގަން ފަށާފައެވެ.

ދުނިޔޭގެ ގައުމުތަކުން އެހީ ނުވިނަމަވެސް ފަލަސްތީނާ އެކު ތިބިކަން ހާމަ ކުރުމަށް ބޮދެތި އެއްވުންތަކާއި އިހުތިޖާޖުތައް ބާއްވަމުން އަންނަ އިރު ބައިނަލްއަގުވާމީ ފެންވަރުގައި ބަސް ބުނެވޭ ގައުމުތައް ކަމަށް ވާ، ޗައިނާ ފަދަ ގައުމުތަކުން ދަނީ ބަސް ބުނަމުންނެވެ. އެގޮތުން ޗައިނާގެ ފޮރިން މިނިސްޓްރު ވެންގް ޔީ ވިދާޅުވީ، ހަމާސް އާއި އިޒްރޭލާ ދެމެދު ހަމަނުޖެހުން ހިނގަމުން ދަނީ، ފަލަސްތީނަށް އިންސާފު ނުލިވި ހަމަހަމަކަން ގާއިމު ވެފައި ނެތުމުން ކަމަށެވެ. އެގޮތުން އިޒްރޭލުގެ ދައުލަތް ގާއިމު ކުރި ގޮތަށް ފަލަސްތީނުގެ ދައުލަތް ގާއިމު ނުކޮށް އޮތް ކަމަށާއި އެއީ ފަލަސްތީނުގެ ރައްޔިތުންނަށް ހައްގު ނުލިބި އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިއަގެ ރައީސް ވްލަޑިމިއާ ޕުޓިންވެސް މިމޭރުމުން ވާހަކަ ދައްކަވާފައި ވާއިރު، 1947 ގައި ދެ ދައުލަތް ވަކިން ގާއިމު ކުރުމަށް އދ އިން ނިންމީވެސް އަދި 1948 ގައި އިޒްރޭލަކީ ދައުލަތެއް ކަމަށް ބަލައި ގަތީވެސް އދ ގައި އެގައުމުތައް ވެސް ތިބެއެވެ. އަދި މިއަދާ ޖެހެންދެންވެސް ފަލަސްތީނަކީ ދައުލަތެއް ކަމުގައި އދ އިން ބަލައި ނުގަނެ ތިބެނީވެސް އެގައުމުތައް ވެސް ހިމެނޭ ގޮތަށެވެ. އެންމެ ބޮޑަށް ދެކޮޅު ހަދާ ގައުމަކީ އެމެރިކާއެވެ. އެމީހުންގެ ބައިވެރިންނަކީ ހުޅަނގާއި ޔޫރަޕްގެ ގައުމުތަކެވެ.

މިއަދު އީޔޫގެ ވެރިޔާ އުރުސަލާ ވޮން ޑަ ލޭން ވެސް ވަނީ އިޒްރޭލަށް ވަޑައިގެންފައެވެ. އަދި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންވެސް މިއަދު އިޒްރޭލަށް ވަޑައިގަންނަވާނެއެވެ. އެ ބޭފުޅުންގެ މަސައްކަތަކީ އިޒްރޭލަށް ފުރިހަމަ ތާއީދު އޮތްކަން ހާމަ ކުރެއްވުމެވެ. މީގެ އިތުރުން ޖަރުމަނުގެ ފޮރިން މިނިސްޓަރުވެސް އިޒްރޭލަށް އެބަ ވަޑައިގަންނަވައެވެ. ބޭނުމަކީ މިސްރުން ޖާގަ ހޯދާ ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ނެރެ އެގައުމަށް ފޮނުވާލުމަށް މިސްރާއެކު މަޝްވަރާ ކުރެއްވުމެވެ.

ގާޒާގެ އުތުރުން މީހުން ފައިބަން އިޒްރޭލުން އަންގާފައި ވާ އިރު، އަދި ބައެއް މީހުން ގެދޮރު ދޫކޮށް ނުކުންނަ އިރުވެސް ޔަހޫދީން ގެންދަނީ އުތުރަށް ހަމަލާ ދެމުންނެވެ. މި ހަމަލާތަކުގައި ފޮސްފަރަސް ގޭސް އެކުލެވޭ ބޮންވެސް އަޅާ ކަމަށް އެމްނެސްޓީން ބުނެފައި ވާއިރު އެ ޖަމާއަތުން މިހާރު ގެންދަނީ އެކަން ތަހުގީގު ކުރަމުންނެވެ.

އިޒްރޭލުން އިތުރަށް ބުނެފައި ވަނީ، ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނީ އީރާނުގެ "އައިޑިއާ" އަށް ކަމަށާއި އެކަން ވެސް ބަލަމުން ދާ ކަމަށެވެ.

އިޒްރޭލުން ފަލަސްތީން ތަޅާ ސުންނާފަތި ކުރަމުން ގެންދާ އިރު ދުނިޔޭގެ އެތަން މިތަނުން އަދި ފަލަސްތީނާ އިންވެގެން އޮންނަ ބައެއް ގައުމުތަކުގެ އާންމުންނާއި އެކި ޖަމާއަތްތަކުން ގާޒާއަށް ވަދެގަތުމަށް ބޯޑަރާ ކައިރިއަށް ޖަމާވަމުންވެސް އެބަދެއެވެ.