ކުރިއަށް އޮތް އަހަރަށް ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާމަން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ހޮވިއްޖެއެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފްގެ މެންބަރު ގައުމުތަކުގެ ވޯޓުން ހޮވާ މި މަގާމަށް ހާޝިމް ހޮވިވަޑައިގަތީ ބައިވެރިވި ހުރިހާ ގައުމެއްގެ ތާއީދާ އެކުގައެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރު ވޯލްޑް ބޭންކާއި އައިއެމްއެފުން ބާއްވާ އަހަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ހާޝިމެވެ.

ކޮންމެ އަހަރަކު ވެސް ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑަށް ޗެއާމަނެއް ހަމަޖައްސަނީ ތަފާތު ސަރަހައްދަކުންނެވެ. އެގޮތުން ކުރިއަށް އޮތް އަހަރު އެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމަކުންނެވެ.

އެ ބޯޑުގެ ޗެއާމަނަކަށް ހޮވުމާ ގުޅިގެން ހާޝިމް ވިދާޅުވީ މިއީ ރާއްޖެ އަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.

"ރާއްޖެ އައިމްއެމްއެފްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 45 އަހަރުވެފައިވާއިރު މިއީ ރާއްޖެ އަށް މި ފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރު، އެހެންކަމުން ވޯލްޑް ބޭންކް ގްރޫޕް އަދި އައިއެމްއެފްގެ ޗެއާގެ މަގާމު ރާއްޖެއަށް ލިބުމަކީ ވަރަށް ތާރީހީ ކާމިޔާބީއެއް،" އޭނާ ވިދާޅުވިއެވެ.

ގަވަރުނަރުންގެ ބޯޑުގެ ޗެއާމަންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

އަހަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ އިތުރުން، ރެމިއުނެރޭޝަން އޮފް އެގްޒެކެޓިވް ޑިރެކްޓާސް އެންޑް ދެއާ އަލްޓަނޭޓްސް ކޮމިޓީ އާއި ޖޮއިންޓް ޕްރޮސީޖާ ކޮމިޓީ އާއި މަލްޓިލެޓެރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ ޕްރޮސީޖާ ކޮމިޓީގެ ރިޔާސަތު ވެސް ބަލަހައްޓަން ޖެހޭނީ ގަވަރުނަރުންގެ ބޯޑުގެ ޗެއާމަނެވެ.