މިދިަޔަ ހޮނިހުރު ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ދެމުން ގެންދާ ހަމަލާ ތަކުގައި މިއަދު ވެސް 150 މީހުން ޝަހީދު ކޮށްލައިފިއެވެ.

ހުއްޓުމެއްނެތި ދެމުން ގެންދާ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަހަމްވެ ބޮދެތި އަނިޔާތައް ލިބެމުން ދާ އިރު މުދިނިޔެ ދޫކޮށް ދިޔަ ޝަހީދުންގެ ހަށިތައް ގާޒާގެ އަލް ޝަފާ ހޮސްޕިޓަލްގެ ބޭރުގައި ބިން މަތީ އަތުރާފައި ހުއްޓެވެ. ހޮސްޕިޓަލް ފުރި ވައްދާ ބާއްވާނެ އެނދެއް ނެތް އިރު ހަށިތަކާއި ޒަހަމްވާ މީހުންވެސް ބައިތިއްބާނެ ދެން އިތުރު ތަނެއް ނެތެވެ.

އިޒްރޭލުގެ ހަމަލާތަކަށް ހިތްވަރު ދެއްވަން މިއަދު އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން އިޒްރޭލަށް ވަޑައިގެންފައި ވާ އިރު އޭނާ ވިދާޅުވީ އެމެރިކާއިން އަބަދުވެސް ދެމި ތިބޭނީ އިޒްރޭލާ އެކުގައި ކަމަށާއި ހަމަލާ ދޭއިރު އާންމުންގެ ރައްކާތެރިކަމަށް ބަލާލަން ވާނެ ކަމަށެވެ. އޭނާގެ ފަހަތުން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވެސް މާދަމާ އިޒްރޭލަށް ވަޑައިގަންނަވާނެއެވެ.

ހިފެހެއްޓުމެއް ނެތި އިޒްރޭލަށް މަދަދައި އެހީތެރިކަން ދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވާ އިރު، އެމެރިކާގެ އެންމެ އިސް ދެ ވެރިން އިޒްރޭލަށް ވަޑައިގަންނަވާ މި ވަގުތަކީ މަތިންދާބޯޓު އުފުލާ އެމެރިކާގެ 2 މަނަވަރުވެސް އިޒްރޭލާ ކައިރިކޮށްފައި ވާ ވަގުތެކެވެ.

ބްލިންކެން އިޒްރޭލަށް ވަޑައިގެން ނަތަންޔާހޫއަށް ހިތްވަރު ދެއްވަނީ

އެމެރިކާއިން އިޒްރޭލުގެ ހަނގުރާމައިގެ ތެރެއަށް ވަދެދާނެ ފަދަ ކަންތައްތަކެއް ފެންނަމުން ދާ އިރު، ޔަމަނުގެ ހޫތީންނާއި ޕާކިސްތާންގެ ޖެނެރަލުންގެ އިތުރުން މިސްރުގެ ބައެއ ޖަމާއަތްތަކުން ވަނީ އިންޒާރު ކޮށްފައެވެ. އިޒްރޭލާ ބައިވެރިވެ އެމެރިކާ ހަނގުރާމައަށް ވަދެއްޖެނަމަ، މަޑުން ނުތިބޭނެ ކަމަށާއި ހަމާސް އަށް މިސައިލްވެސް ފޯރުކޮށްދޭނެ ކަމަށް ޕާކިސްތާނުން ބުނެފައި ވެއެވެ. ހޫތީންވެސް ބުނެފައި ވަނީ، އެމީހުންގެ ފައުޖުތައް ހަމާސް އާ ބައިވެރިވުމަށް ގާޒާއަށް ވަންނާނެ ކަމަށެވެ.

ހަމާސްގެ ހަމަލާ އަންނަކަން މިސްރުގެ ޖާސޫސީ އިދާރާތަކުން އިޒްރޭލަށް އަންގާ އެލާޓް ކޮށްފައި ވަނިކޮށް އިޒްރޭލުގެ ދެކުނުން ގާއިމު ކޮށްފައި ވާ ދިފާއީ ނިޒާމު ޖޭމްކޮށްލައި ހަމާސްއިން ދިން ވަރުގަދަ ހަމަލާގައި އިޒްރޭލުގެ 1300 މީހަކު ވަނީ މަރުވެފައެވެ. އަދި 150 މީހަކު ރަހީނު ކޮށްފައި ވާ އިރު، އިޒްރޭލުން ވަނީ ގާޒާގެ ބޯފެނާއި، ކަރަންޓާއި ކާބޯތަކެތީގެ އިތުރުން ތެލުގެ ނެޓްވޯކްތައް ކަނޑާލާފައެވެ. އިޒްރޭލުން ބުނަނީ ރަހީނު ކުރި މީހުން ދޫކޮށް ނުލަނީސް އެއިން އެއްވެސް ހިދުމަތެއް ނުދޭނެ ކަމަށާއި ގާޒާ ފުނޑުފުނޑު ވާންދެން ހަމަލާ ދޭނެ ކަމަށެވެ.

ހަމަލާތަކާ ގުޅެގޮތުން ޔަހޫދީ ބޮޑުވަޒިރު ބެންޖަމިން ނަތަންޔާހޫ ބުނީ، ހަމާސްގެ ކޮންމެ މެންބަރަކީ މަރުވެފައި ވާ މީހެއް ކަމަށާއި [ޑެޑްމޭން އެލައިވް] އެކަކުވެސް ދޫނުކުރާނެ ކަމަށެވެ.

ހަމަލާތަކުގައ ދެފަރާތުން މަރުވި އަދި ޒަހަމްވި މީހުންގެ އަދަދު:

  • އިޒްރޭލް: 1300 މަރު، 3200 ޒަހަމް
  • ފަލަސްތީން: 1417 މަރު، 6200 ޒަހަމް

އިޒްރޭލުގެ ހަމަލާތަކާ ދެކޮޅު ހަދާ ދުނިޔެގެ އެތަން މިތާނގައި މުޒާހަރާތައް ބާއްވަމުން އަންނަ އިރު ޓިއުނީޝިއާ، ދެކުނު ކޮރެއާ، ޔަމަންގެ އިތުރުން އަރަބި ގިނަ ގައުމުތަކާއި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފްރާންސުފައި ވެސް ދަނީ ބާއްވަމުންނެވެ. މި ގައުމުތަކުގައި ހާހުން ހާހުން މީހުން ބައިވެރިވަމުން އަންނަ އިރު މާދަމާ ދިވެހިރާއްޖެގައި ވެސް ބޮޑު އެއްވުމެއް ބޭއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. މީގެ އިތުރުން ފަލަސްތީނަށް އެހީވުމަށްޓަކައި އެކިއެކި ގައުމުތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ދުއާ ކުރުމާއި، ގުނޫތު ކިޔުމުގެ އިތުރުން ކާބޯތަކެތީގެ އެހީއާއި މާލީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ފަލަސްތީނަށް ތާއީދު ކޮށް ޓިއުނީޝިއާގައި ކުރިއަށް ދާ އިހުތިޖާޖުގެ ތެރެއިން

ހަމާސްގެ ހަމަލާތަކާ އެކު އިޒްރޭލުގެ އަމާޒު ހަމާސް އަށް ވުރެ ބޭރަށް ލުބުނާނުގެ ހިޒުބުއްލޯ އަށް ވެސް ވަނީ އަމާޒުކޮށްފައެވެ. އަދި މިއަދު އީރާނުގެ ހާރިޖީ ވަޒީރު ގޮވައިގެން ސީރިއާއަށް ދާން ދަތުރު ކުރި ބޯޓަކަށް ސީރިއާއަށް ޖެއްސުނަ ނުދޭން، އިޒްރޭލުން ވަނީ ސީރިއާގެ 2 އެއާޕޯޓަކަށް ހަމަލާދީ ގެއްލުންތަކެއް ދީފައެވެ.

މީގެ އިތުރުނ ގާޒާގެ އުތުރު ބިތުގައި ދިރިއުޅެ މީހުން ގެތަކުން ނުކުމެ ގެ ހުސްކުރަން އަންގާ ލީފްލެޓްތައް މިއަދު އިޒްރޭލުން ވަނީ މަތިން އަޅާލާފައެވެ. އެކަން އެގޮތަށް ކުރުމުގެ ބޭނުމަކީ ހަމަލާ ދިނުމުގެ ކުރިން ގެއިން ނިކުންނަން ބޭނުންވާ މީހަކު ނިކުތުމަށް ފުރުސަތު ދިނުމެވެ. އަދި އޭގެ ފަހުގައި ނުނިކުމެ މީހަކު ހުއްޓަސް ނުބަލާނެއެވެ. ގޮއްވާލާނީއެވެ.