ވިޔަފާރި ދާއިރާގައި ނަން މަޝްހޫރު ލިލީ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑުން ޑޮލަރު ގަނެ އެއަށްވާ ދިވެހި ފައިސާ ނުދޭ ކަމަށް ބުނެ އެ ފައިސާ އަންބުރާ ދެއްކުމަށް އަނެއްކާވެސް ސިވިލް ކޯޓުން ހުކުމެއް ކޮށްފިއެވެ.

ލިލީ އެންޓަޕްރައިސެސްއާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ އެމްކޭޓީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅާފައި ދައުވާގައި ލިލީގެ ފަރާތުން 3 ކަމެއް ހޯދުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން އެ ތިން ކަމަކީ އެ ކުންފުނިން މިހާތަނަށް ނުދައްކާ ހުރި 650.0000 (ހަލައްކަ ފަންސާސް ހާސް) އެމެރިކާ ޑލަރަށްވާ ފައިސާ ނަގާދިނުމަށާއި އަދި އެ ފައިސާ އެމްކޭޓީއަށް ނުލިބި ހުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 10،407،500 (ދިހަ މިލިއަން ހަތަރު ލައްކަ ހަތްހާސް ފަސްސަތޭކަ) ޑޮލަރަށްވާ ފައިސާ ނަގާދިނުމުގެ އިތުރުން ވަކީލުންގެ ފީގެ ގޮތުގައި ހަރަދު ކުރި 15000 (ފަނަރަަ ހާސް) ދިވެހި ރުފިޔާ ނަގާދިނުމަށެވެ.

މިއީ ލިލީ އާއި އެމްކޭޓީ އާ ދެމެދު 2020 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތުގެ މައްޗަށް ކުޅަ ދައުވާއެކެވެ. އެގޮތުން އެ އަހަރުގެ ތިން ތާރީހެއްގައި ޑޮލަރު ގަނެފައިވީ ނަމަވެސް އެފަދަ މުއާމަލާތެއް ދެ ފަރާތުގެ ދެމެދުގައި ކުރި އިރު ކޮށްފައި ވަނީ އެއްވެސް އެއްބަސްވުމެއްގެ ދަށުން ނޫން ކަމަށް ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ޑޮލަރުގެ މުއާމަލާތް ކުރަނީ ފައިސާ އަނބުރާ ދޭ ގޮތަށް ކަން ހެކި ތަކުން އިނގޭ ކަމަށް ޝަރީއަތުން ބުނެފައި ވެއެވެ.

ފައިސާ އަނބުރާ ނުދީފި ނަމަ ލިބޭނެ ގެއްލުމެއްގެ އެއްވެސް އެއްބަސްވުމެއް ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން ހަދާފައި ނެތުމުން ގެއްލުމުގެ ބަދަލުގައި ނުވަތަ ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެމްކޭޓީން އެދިފައިވާ 10،407،500 (ދިހަ މިލިއަން ހަތަރު ލައްކަ ހަތްހާސް ފަސްސަތޭކަ) ޑޮލަރަށްވާ ފައިސާ ނަގާ ނުދެވޭނެ ކަމަށް ދައުވާ ގައި ބަޔާން ކޮށްފައި ވެއެވެ.

އަދި ހަމައެހެންމެ އެމްކޭޓީން ވަކީލުންނަށް ހަރަދު ކުރި 15000 ރުފިޔާ ނަގާ ނުދިނުމަށްވެސް ޝަރީއަތުން ވަނީ ނިންމާފައެވެ. އޭގެ ސަބަބެއްގައި ބުނެފައި ވަނީ ވަކީލުންގެ ފީ ނަގާދިނުމުގެ އެންމެ އާންމު އަދި އަސާސީ ޝަރުތު ކަމުގައިވާ ދެ ހަސްމުންގެ މެދުގައި ވަކީލު ފީއަށް އެއްބަސްވެފައިވާކަން އެނގޭނެ ފަދަ އެއްބަސްވުމެއް ނެތުމެވެ.

މި މައްސަލަ ސާބިތު ކުރުމަށް ދައުވާ އުފުލި އެމްކޭޓީ ކުންފުނިން ވަނީ ކިތާބީ ހެކީގެ އިތުރުން 7 ޝަފަވީ ހެއްކެއް ހުށަހަޅާފައެވެ. ނަމަވެސް ހެކިބަސް ނަގާފައި ވަނީ 5 ޝަފަވީ ހެއްކެއްގެ ފަރާތުންނެވެ. ބާކީ ތިބި ހެކިންގެ ހެކިބަސް ނަގާފައި ނުވަނީ އެ ފަރާތްތަށް ހާޒިރު ކުރުމަށް ދައުވާ ލިބޭ ފަރާތުން އުޒުރުވެރި ވުމުންނެވެ.

އެހެންކަމުން ޝަރީއަތުން ނިންމާފައި ވަނީ ލިލީން އެންޓަޕްރައިސެސް އިން ގަތް ޑޮލަރަށްވާ ދިވެހި ރުފިޔާ ހަމައެކަނި ނަގާދިނުމަށެވެ. އެހެން ކަމުން މިއަދުން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ ލިލީގެ މައްޗަށް ހުކުމް ކޮށްފައެވެ.މި މައްސަލަ ބަލާ ހުކުމް އިއްވާފައި ވަނީ ގާޒީ އަބްދުއްނާސިރު ޝަފީގެވެ.

މި މައްސަލައިގެ އިތުރުންވެސް މަކަރާއި ހީލަތުން ފައިސާ ނަގާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ލިލީގެ މައްޗަށް ދައުވާ އުފުލާ ހުކުމްވެސް ކޮށްފައި ވެއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ވެސް ވަނީ އާންމު ވިޔަފާރިވެރި އަކަށް 15 ދުވަސް ތެރޭ 9.3 މިލިއަން ރުފިޔާ ދައްކަން ލިލީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މަައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައެވެ.