މަދީނާގައި ހުންނަ މަސްޖިދް އަލް ނަބަވީ (ރަސޫލާގެ މިސްކިތު)ގައި އަގްސާގެ މިނިވަން ކަމަށް އެދިވަޑައިގެން އިމާމް ދުއާ ކުރައްވައިފިއެވެ.

ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ދައުލަތުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ކުއްލި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ހަނގުރާމަ އިއުލާންކޮށް އިޒްރޭލުން ގާޒާއަށް ދޭން ފެށި މިސައިލް ހަމަލާތަކުގައި ޝަހީދު ކޮށްލި ފަަލަސްތީނުގެ މުސްލިމުންގެ އަދަދު 1053 ވަނީ އަރާފައެވެ.

އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ދުނިޔޭގެ އެކި ކަންކޮޅުގައި އިހުތިޖާކުތައް ކޮށް މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުން އަންނަ އިރު މުސްލިމް ބައެއް ގައުމުތަކުގައި ދުއާ ކުރުމާއި ފަތިސް ނަމާދަށް ފަހު ގުނޫތުގައި ވެސް މުސްލިމުންނަށް ނަސްރު ދެއްވުމަށް އެދި އަންނަނީ ދުއާ ކުރަމުންނެވެ.

އިއްޔެ މަދީނާގެ މަސްޖިދް އަލް ނަބަވީގައި ދުއާ ކުރައްވާފައި ވަނީ ޝެއިހް ސަލާހް އަލް ބުދެއިރް އެވެ. އެގޮތުން ދުއާގައި އަގްސާ ހިފާފައިވާ ޔަހޫދީންނާއި ހިޔާނާތްތެރިންގެ ކިބައިން މިނިވަން ކުރެއްވުމަށް ދުއާ ކުރައްވާފައި ވެއެވެ. އަދި ހަމަ އެހެންމެ ޔަހޫދީން ވަނީ ވަފާތެރި އަޅުންނަށް ގެއްލުން ދީފައި ކަމަށާއި އެބައިމީހުން ނެތި ފަނާ ކުރެއްވުމަށް ﷲގެ ހަޒްރަތުގައި އިމާމް ކުރެއްވި ދުއާގައި އެދިވަޑައިގެންފައި ވެއެވެ.

އަދި އެ މާތްވެގެންވާ މިސްކިތްތަކުގައި ޔަހޫދީންގެ ދިދަ އުފުލާ ދިނުން ހުއްޓުވުމަށާއި އޭގެ ބަދަލުގައި އެ މިސްކިތްތަކުގައި ފަލަސްތީނުގެ ދިދަ ވިހުރުވާލުމުގެ މަގު ފަހި ކޮށްދެއްވުމަށް ވެސް އިމާމްގެ ދުއާގައި ވަނީ އެދިވަޑައިގެންފަވެ. އަދި ހަނގުރާމައިގައި ޔަހޫދީންނާ އެއްބައިވެ އެހީވާ މީހުންވެސް ނެތި ކުރެއްވުމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުމަށް ތަކުރާރުކޮށް ދުއާގައި ޝާމިލް ކުރައްވާފައި ވެއެވެ.

މަސްޖިދުލް ނަބާވީ އަކީ މުސްލިމުންގެ މުގައްދަށް މިސްކިތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މާތް މިސްކިތެވެ. މިއީ މައްކާގެ މަސްޖިދުލްހަރާމަށް ފަހު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު މިސްކިތްވެސް މެއެވެ. މީލާދީން 622 ވަނަ އަހަރު މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު މާތް ނަބިއްޔާ އަމިއްލަފުޅަށް ބިނާ ކުރެއްވި އެ މިސްކިތަކީ އެކަލޭގެފާނު ވަޒަންވެރިވެވަޑައިގެންނެވި ގެކޮޅާ ޖެހިގެން ބިނާ ކުރެއްވި މިސްކިތެކެވެ. އެ މިސްކިތް މިހާރުގެ ގޮތަށް ފަރުވާކޮށް ޖާގަ ތަނަވަސް ކޮށްފައި ވަނީ ސައުދީގެ ސަރުކާރުންނެވެ.

ފަލަސްތީނު ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ވެސް ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެގޮތަށް ނިންމާފައި ވަނީ އިޒްރޭލުގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވާ، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ދެއްވުން އެދި ދުއާ ދެންނެވުމުގެ ބޭނުމުގައި ކަމަށެވެ.

ފަލަސްތީނަށް އެހީ ފޮނުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑުތައް ވެސް ރާއްޖޭއިން ހުޅުވާލާފައި ވާއިރު ފަލަސްތީނުގެ މީހުންނާ އެކު ދިވެހިން ތިބިކަން އަންގައިދޭން އަންނަ ހުކުރު ދުވަހު ހަވީރު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ވެސް އަންނަނީ ތައްޔާރު ވަމުންނެވެ.