ޑާކްރެއިން އެންޓަޓެއިންމަންޓުން އަންނަ އަހަރަށް ތާވަލްކޮށް ގެނެސްދޭ ފިލްމު "ބަޅިނދު" ގެ ޝޫޓިން ނިންމާލައިފިއެވެ.

ޑާކްރެއިނުން ކުރި ޕޯސްޓެއްގައި ބުނީ މި ފިލްމުގެ ޝޫޓިން ކާމިޔާބުކަމާއެކީ ނިންމާލެވިއްޖެ ކަމަށެވެ. މީގެ ކުރިން ފިލްމުގެ ތަރިންގެ ޕޯސްޓަރުވެސް ދައްކާލައިފައިވާ މި ފިލްމަކީ މިއަހަރު ޑިސެމްބަރަށް ތާވަލްކުރި ފިލްމެކެވެ. ނަމަވެސް އެ ކުންފުނީގެ "ނޮވެމްބަރ" ގެ މަސައްކަތް ނިމި ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން "ބަޅިނދު" ލަސްކޮށް މިއަހަރު ޑިސެމްބަރަށް "ނޮވެމްބަރ" އަޅުވަން ތާވަލްކުރީއެވެ. ފިލްމު "ބަޅިނދު" އަކީ 2019 ވަނަ އަހަރު ޝޫޓިން ފެށި ފިލްމެކެވެ. ފިލްމުގެ 80 އިންސައްތަ ޝޫޓްކުރެވިފައިވަނިކޮށް ކޮވިޑްގެ ސަބަބުން މުޅި ގައުމު ހުއްޓުމަކަށް އައިއިރު މި ފިލްމުގެ މަސައްކަތް ވެސް ހުއްޓުނެވެ. އޭގެ ފަހުން އަނެއްކާ ފަށައިގެން މި ފިލްމު ޝޫޓްކުރަން ޖެހުނު ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މީގެ ކުރިން ބުނެފައިވެއެވެ.

ބަޅިނދުގެ ތަރިންނަކީ އާޝާ، ޖުމައިހު، ހުނޫ، ދޮން އައްޔަ، ނުޒުހަތު ޝުއައިބު، އައިޝާ، ޝަރަފް އަދި މަޖޫ އެވެ. މީގެ ކުރިން "ބަޅިނދު"ގެ ޓީޒާ އެއް ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު އެ ޓީޒާ ވަރަށް ތަފާތެވެ. އެ ޓީޒާ އިން ފެނިގެންދަނީ އަކަ ޖެހި ދޮލަގެކެވެ. އެއީ ތަށި ދުއްވަން ބޭނުންކުރާ އާލާތެކެވެ. މާލެ އަދި ހުޅުމާލޭގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ބިރުވެރި ފިލްމެކެވެ. ފިލްމުގެ ޓީޒާކޮޅުން ވެސް އެ ފިލްމަކީ ބިރުވެރި ފިލްމެއްކަން ހާމަވެގެން ދެއެވެ. މި ފިލްމަކީ ހަގީގީ ހާދިސާތަކުން އިންސްޕަޔާވެގެން އުފައްދާ ފިލްމެކެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު "ބީވީމާ" ގެނެސްދިނެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނުއިރު ދެން ގިނަ ބަޔަކު އިންތިޒާރުކުރަނީ "ނޮވެމްބަރ" އަށެވެ. މި ޕްރޮޖެކްޓްއަކީ އެ ކުންފުނިން އުފެއްދި އެންމެ އަގުބޮޑު ފިލްމެވެ. އޭގެ ފަހުން އަންނަ ޖަނަވަރީ މަހު "ފުރޭތަ" އޮލިމްޕަހަށް އަންނާނެއެވެ.