މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެެއްވުމާއެކު، އަންނަ އަހަރު ޖަނަވަރީ 17 ވަނަ ދުވަހުގެ ކުރިން މޭޔަރަކު ހޮވުމަށް އިންތިހާބު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން ބުނީ އިންތިހާބީ ރައީސް ޑރ.މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށް މާލެ ސިޓީގެ މޭޔަރު ކަމުން ނޮވެމްބަރު 16 ނުވަތަ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވަނެ ކަމަށެވެ. އަދި މުއިއްޒު އިސްތިއުފާ ދެއްވުމުން އެކަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އީސީ އަންގާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެލްޖީއޭ އިން މިކަން އީސީ އަށް އަންގާތާ 5 ދުވަހުގެ ތެރޭގައި މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

ކައުންސިލެއްގެ އިންތިހާބީ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި މެންބަރަކު އެ މަގާމަށް އިންތިހާބުކުރަން އީސީގެ މައްޗަށް ލާޒިމްވެގެން ވާއިރު އީސީ އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ނައިބު ރައީސްކަމުގެ ހުވާކުރައްވާ ހިސާބުން އެ ދާއިރާގެ ގޮނޑި ހުސްވި ނަމަވެސް ބައި އިލެކްޝަނެއް ނުބާއްވަން ނިންމާފައެވެ. މި ގޮތަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު އޮތީ ހަމަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ކަމުގައިވާނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކޮށްގެން ނުވާނެކަން ގާނޫނުގައި ބުނެފައިވާތީއެވެ.

މިހާރުވެސް މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ. މި ގޮތުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުވަނީ ވިދާޅުވެފައެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ދަ ޑިމޮކްރެޓްސްއިން ކެނޑިޑޭޓަކު ނެރޭނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ ބުނެފައެވެ. މި ގޮތުން އެ ޕާޓީން ވަނީ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު މުހައްމަދު ސައިފް ފާތިހްގެ ކެމްޕެއިން ވެސް ފަށާފައެވެ. މީގެ އިތުރުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދު ވެސް މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.