ހަމާސް އިން އިޒްރޭލަށް ހަމަލާދޭން ފެށިތާ އެއްދުވަސް ފަހުން، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒުބުއްލޯ ޖަމާއަތުން އިޒްރޭލަށް ހަމަލާ ދިނުމާއެކު އިޒްރޭލުން ރައްދު ހަމަލާ ފަށާއި ހިނގަމުން ދާ ހަމަނުޖެހުންތައް ވަރުދގަ ވަމުން އެބަދެއެވެ.

ހަބަރުތައް ބުނާގޮތުން، އިއްޔެގެ ހަމަލާތަކުގައި އިޒްރޭލުގެ އޮފިސަރަކު ވަނީ މަރުވެފައެވެ. އަނެއްކޮޅުން އިޒްރޭލުން ވަނީ، އެމީހުން ދިން ވައިގެ ހަމަލާތަކުގައި ހިޒްބުއްލޯގެ ދެމީހަކު މަރާލާފައެވެ.

އެމީހުންނަކީ އިސްލާމިކް ޖިހާދުގެ މުޖާހިދުން ކަމަށް އެޖަމާއަތުން ބުނެފައި ވާއިރު ހޯމަދުވަހުގެ ރޭގެ ހަމަލާތަކުގައި ވެސް ވަނީ 3 މީހަކު މަރާލާފައެވެ.

ހަމާސްގެ ހަމަލާތަކާ ގުޅިގެން ހިޒްބުއްލޯ އިން އިޒްރޭލަށް ހަމަލާދޭން ފަށާފައި ވާ އިރު އެމެރިކާއިން ވަނީ ދެވަނަ ކުރިމަތިލުމެއް ނުފެށުމަށް އިންޒާރު ކޮށްފައެވެ.

ހޯމަ ދުވަހުގެ ހަމަލާތައް ފެށުނީ، ލުބުނާނު ފަޅިން ހިޒްބުއްލޯގެ ހަނގުރާމަވެރިން އިޒްރޭލުގެ ތެރެއަށް ވަނުމާއެކު އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރުތަކުން ދިން ހަމަލާގައި އެ ޖަމާއަތުގެ މީހުން މަރާލުމާ ގުޅިގެންނެވެ. އެ ހާދިސާގައި އިޒްރޭލަށް ވަންނަން އުޅުނު 3 މީހުންގެ ތެރެއިން 2 މީހަކު މަރާލި އިރު 3 ވަނަ މީހާ ވަނީ ސަލާމަތުން އެނބުރި ލުބުނާނުގެ ސަރަހައްދަށް އަނބުރާ ގޮސްފައެވެ.

ހަމާސް އިން އިޒްރޭލަށް ހަމަލާ ދޭން ފެށީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ޖައްސާ ހާލާއި، އަލް އަގުސޯ މިސްކިތަށް ވަދެ ހަމަލާ ދިނުމާއި މިސްކިތުގެ ހުރުމަތް ކެނޑުމުގެ އިތުރުން ފަލަސްތީނުގެ ބިންތައް ހިސޯރު ކޮށް އާބާދު ކުރުވާ، ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ނެރެ، ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ހަމާސް އިން ދިން ކުއްލި ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު 900 އަށް އަރާފައި ވާ އިރު، އެއްގަމާއި، ވަޔާއި އަދި ކަނޑު މަގުން މުޖާހިދުން އިޒްރޭލުގެ ތެރެއަށް ވެސް ވަނެވެ. އަދި އިޒްރޭލުގެ ދެކުނުން އާބާދުވެފައި އޮތް އަވަށަކަށް ވަދެ އެތަނާއި އަދި އެތާނގައި ހުރި ޕޮލިސް ހެޑްކްއޯޓަރުވެސް ހަމާސް އިން ހިފިއެވެ. މަގުމަތިން ވެހިކަލްތައް ހުއްޓުވާ އަތުލައި އސްކަރީ އުޅަނދުތަކުގައި ރޯކޮށްލާފައިވެސް ވެއެވެ.

ފަހުގެ ތާރީހެއްގައި އިޒްރޭލަށް ލިބުނު އެންމެ ބޮޑު ގެއްލުން މި ހަމަލާތަކުގެ ސަބަބުން ލިބިފައި ވާ އިރު، އެއަށް ވުރެ ބޮޑު ގެއްލުމަށް ވީ ހަމާސް އިން އިޒްރޭލުގެ އެތައް ބަޔަކު ރަހީނު ކުރުމެވެ. އަސްކަރީ އޮފިސަރުން ހިމެނޭހެން 100 މީހަކު ހަމާސް އިން ވަނީ ރަހީނު ކޮށްފައެވެ.

ހިޒްބުއްލޯ އިން އިޒްރޭލަށް މިހާރު ދެމުން ގެންދާ ހަމަލާތަކުގައި ރޮކެޓް ހަމަލާއާއި ބޮޑުބަޑީގެ ހަމަލާތައް ހިމެނެެވެ. އެ ޖަމާއަތުން ބުނާގޮތުން އެ ހަމަލާތައް އަމާޒު ކުރަމުން ދަނީ އިޒްރޭލުގެ އަސްކަރީ މަގާމުތަކަށެވެ.

ހިޒްބުއްލޯ އަކީ ލުބުނާނުގެ އެންމެ ބާރުގަދަ އަސްކަރީ ޖަމާއަތަށް ވާއިރު، އެ ޖަމާއަތާއި އިޒްރޭލާ ދެމެދު 2006 ގައި ވެސް ހަނގުރާމައެއް ކޮށްފައި ވެއެވެ.