މިދިޔަ ހަފުތާގައި ސާރާ ސަނީ ވަނީ އެ ގައުމުގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރި އިންޑިއާގެ ފުރަތަމަ ބީރު ގާނޫނީ ވަކީލަކަށް ވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ސާރާ، އުއްތަމަ ފަނޑިޔާރު ޑީވައި ޗަންދުޗޫޑްގެ ކުރިމައްޗަށް އެންމެ ފުރަތަމަ ހާޒިރުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މީގެ އިތުރުން އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ކޯޓުން ވަނީ ކޯޓުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސަނީއަށް އަމިއްލަ ތަރުޖަމާނަކު ހަމަޖައްސައި، ޝަރީއަތުގެ މަރުހަލާގައި ކަންތައްތައް ހިނގަމުންދާ ގޮތް އޭނާ އަށް އެނގޭނެ ގޮތް ހަދާދީފައެވެ.

އޮބްޒާވަރުން ބުނަނީ ސަނީ ސުޕްރީމް ކޯޓުގައި ހުންނެވުމުން އިންޑިއާގެ ގާނޫނީ ނިޒާމަކީ ބީރު މުޖުތަމައުގެ ބޭނުންތަކަށް ވުރެ ބޮޑަށް އިންކްލޫސިވް އަދި އެކަށޭނަ ނިޒާމަކަށް ހެދުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

ގާނޫނީ ވަކީލު މެނަކާ ގުރުސްވާމީ ވަނީ މިއީ ހަގީގަތުގައި ވެސް ތާރީހީ އަދި މުހިންމު މުނާސަބަތެއް ކަމަށް ސިފަކުރައްވާފައެވެ.

ސަނީ އާއެކު މަސައްކަތް ކުރާ ގާނޫނީ ވަކީލު ސަންޗިތާ އައިން ބުނީ ސަނީގެ މަސައްކަތުގެ ސަބަބުން ދިގު މުއްދަތަކަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށެވެ. "ސާރާ ވަނީ ވަރަށް ގިނަ ސްޓެރިއޯޓައިޕްތައް މުގުރާލާފަ. މިކަމުގެ ސަބަބުން ބީރު ކުދިންނަށް ގާނޫނީ ދާއިރާއިން ކިޔެވުމަށް ހިތްވަރު ލިބި، ގާނޫނީ ނިޒާމަކީ ބީރު މީހުންނަށްވެސް ނަގައިގަނެވޭނެ ނިޒާމަކަށް ވެގެންދާނެ."

ދެކުނުގެ ސިޓީއެއް ކަމަށްވާ ބެންގަލޫރަށް ނިސްބަތްވާ ސަނީ ގާނޫނީ ވަކީލުކަން ކުރާތާ ދެ އަހަރު ވެއްޖެއެވެ.

އެ ސިޓީގެ ދަށު ކޯޓުތަކުގައި އޭނާއަށް ތަރުޖަމާނެއް ބޭނުން ކުރުމުގެ ހުއްދަ ނުދެވުނީ ގާނޫނީ ޓާމިނޮލޮޖީ ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ފަނޑިޔާރުންނަށް ނުލިބޭނެ ކަމަށް ފަނޑިޔާރުންނަށް ހީވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކޯޓުގައި އޭނާ ވަކާލާތުކުރަމުން އައީ ލިޔުމުންނެވެ.

ސާރާގެ ސައިން ލެންގުއޭޖް އިންޓަޕްރޭޓަ ސައުރަވް ރޯއިޗައުދަރީ އަކީ ގާނޫނީ ދާއިރާއިން ކިޔަވާފައި ނުވި ނަމަވެސް ވަކީލުންނާއި ގާނޫނީ ދަރިވަރުންނަށް ތަރުޖަމާ ކުރުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ދެ މައްސަލައެއްގައި ބީރު ވަކީލުންގެ ހައްގުގައި ދިއްލީ ހައި ކޯޓަށް ހާޒިރުވެފައެވެ.

އެކަމަކު އިންޑިއާގެ އެއްވެސް ސައިން ލެންގުއޭޖް އިންޓަރޕްރޭޓަރަކަށް މިވަގުތު ލީގަލް ޓާމިނޮލޮޖީގެ ތަމްރީނު ލިބިފައެއް ނުވެއެވެ.

ސަނީ ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަށް އާދެވިފައި ހުރި ހިސާބާމެދު ފަހުރުވެރިވާ ކަމަށެވެ. "އަހަރެން ބޭނުންވީ އަޑު ނީވޭ މީހުންނަށް ދައްކާލަން، އަހަންނަށް މިކަން ކުރެވޭނަމަ އެމީހުންނަށްވެސް ވާނެކަން."

އޭނާގެ ދެ ކޮއްކޮ މާރިއާ ސަނީ އާއި ޕްރަތިކް ކުރުވިލާ އަކީ ވެސް ބީރު ބައެކެވެ. ކުރުވިލާ އަކީ އެމެރިކާގެ ސޮފްޓްވެއާ އިންޖިނިއަރެއް ކަމަށާއި މިހާރު ޓެކްސަސްގެ ބީރު މީހުންނަށް ހާއްސަ ސްކޫލެއްގައި ކިޔަވައިދޭ އިރު، މާރިއާ އަކީ ޗާޓަޑް އެކައުންޓެންޓެކެވެ.

ކްލާހުގައި ސަނީ ކިޔެވީ މީހުންގެ އަނގަޔަށް ބަލައިގެންނާއި ރައްޓެހިންގެ އެހީގައެވެ.

ސާރާ ސަނީ އޭނާގެ މައިންބަފައިންނާއެކު

ސަނީ ވަނީ ބެންގަލޫރުގެ ސެއިންޓް ޖޯސެފް ކޮލެޖުން ވަކީލުކަން ކިޔަވާފައެވެ. އަދި 2021 ވަނަ އަހަރު ވަކީލެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބާ އިމްތިހާނުގައި ބައިވެރިވެ، ގާނޫނީ ވަކީލުކަން ކުރަން ފެށިއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ ގައުމުގެ ބީރު މީހުންނަށް ގިނަ ފަހަރަށް ގާނޫނީ ދާއިރާއިން ކެރިއަރު ބިނާ ނުކުރެވެނީ ފުރުސަތު ނުލިބުމާއި ކޯޓުތަކުގައި ތަރުޖަމާނުން ނެތުމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހައި ކޯޓުން އަމިއްލަ ތަރުޖަމާނަކު އައްޔަން ކުރަން ފެށީ ބީރު އެހެން ވަކީލަކު ސައިން ލެންގުއޭޖްގެ ދެ މާހިރުން ހޯދަން އެދުމުންނެވެ.

މީގެ އިތުރުން އެސޯސިއޭޝަން އޮފް ސައިން ލެންގުއޭޖް އިންޓަޕްރެޓާސް އިންޑިއާ (އޭއެސްއެލްއައި) އިން ތަރުޖަމާނުންނަށް ބޭނުންވާ ޕްރޮޓޮކޯލްތައް އެކުލަވާލުމަށް ވެސް ކޯޓުން ވަނީ އަންގާފައެވެ.

އެއީ ވަކީލުންނާއި ފަނޑިޔާރުންނަށް ޝަރީއަތުގެ މަރުހަލާތައް ކުރިއަށް ގެންދިއުމަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް އޭއެސްއެލްއައިގެ ރައީސް ރޭނުކާ ރަމޭޝަން ވިދާޅުވިއެވެ.

ސާރާގެ އެއްބަނޑު އެއްބަފާ ދެކުދިންނަކީވެސް ބީރު ދެކުދިން

ތަރުޖަމާނު ރޮއި ޗައުދަރީ ވިދާޅުވީ ކޯޓުގެ މި ނިންމުމުގެ މާނައަކީ "ބީރު މީހުންނަށް ވެސް ގާނޫނުގެ ދަށުން ހަމަހަމަ ހައްގެއް ލިބިގެންވާކަން އިހުސާސް ވާނެ" ކަމެއް ކަމަށެވެ.

"2011 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން އިންޑިއާގައި 18 މިލިއަން ބީރު މީހުން ނުވަތަ އަޑުއަހަން ދަތި މީހުން އެބަތިއްބެވެ. "ބީރު މީހުންނަށް އެކްސެސިބިލިޓީގެ ހައްގު ހޯދައިދިނުމަށް ސައިން ލެންގުއޭޖަށް ސަމާލުކަން ލިބުމަކީ ރަނގަޅު ކަމެއް" ރޮއި ޗައުދަރީ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 400-500 ސެޓިފައިޑް ތަރުޖަމާނު ގައުމުގައި ތިބި ނަމަވެސް ހަގީގަތުގައި ހުނަރުވެރި، ގާބިލު އަދި އަހްލާގީ މަސައްކަތް ކުރަނީ އެންމެ 40-50 މީހުން" ރޮއި ޗައުދަރީ ވިދާޅުވިއެވެ.

އުފަންވިއިރުވެސް ބީރު އަދި މިހާރު އައިޓީ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ރަންޖީނީ ރާމަނުޖަމް ވަނީ ކޯޓުގެ މި ފިޔަވަޅަކީ "ނަސީބެއް" އަދި "ހުރަހެއް ނައްތާލާ" ފިޔަވަޅެއް ކަމަށް ސިފަކޮށްފައެވެ.

"ސުޕްރީމް ކޯޓުގެ މި ފިޔަވަޅަކީ ބީރު މީހުންނަށް އަޑު ގަދަވި ކަމެއް. އެހެން އޮފީސްތަކަށް ވެސް ކޯޓުން ނަމޫނާ ދައްކައިފި." އޭނާ ބުނެފައި ވެއެވެ.