މިނިވަން މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އޮބްޒާވާ މިޝަންއަށް ދެއްވައިފިއެވެ.

އެ ޔަގީންކަން މިއަދު އެމަނިކުފާނު ދެއްވީ ޔޫރަޕިއަން ޔޫނިއަން އޮބްޒާވާ މިޝަންއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައެވެ. އަދި ހަމައެހެންމެ އިންތިހާބުގެ ކަންކަން ބެއްލުވުމަށް އީޔޫ އިން ދެއްވި ސަމާލުކަމަށް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޮބްޒާވާ މިޝަންގެ މަސައްކަތްތަކުގެ ސަބަބުން، އިންތިހާބުތަކާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާވެގެން ދިޔުމަށް އުއްމީދު ކުރައްވާކަމަށާއި ކުރިއަށް އޮތް ދައުރުގައި މިނިވަން މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، މުސްތަގިއްލުކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބުގެ ކަންކަމުގެ އިތުރުން އިންތިގާލީ މަރުހަލާގެ ކަންކަން އަމާންކަމާއި އޮމާންކަމާ އެކު ކުއިޔަށްދާކަން ފާހަގަ ކުރައްވާ، ޔޫރަޕިއަން ޔޫނިއަން އޮބްޒާވާ މިޝަންއިން، އެކަންކަމަށް ވަނީ މަރުހަބާ ކިޔާފައެވެ. އަދި ރިޔާސީ އިންތީހާބާ ގުޅޭ ގޮތުން ތައްޔާރު ކުރައްވާފައިވާ ރިޕޯޓު، އިންތިހާބީ ރައީސް މުއިއްޒަށް ވަނީ އަރުވާފައެވެ.

މުއިއްޒުގެ އިތުރުން މި ބައްދަލުވުމުގައި، އިންތިހާބީ ނައިބު ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ވެސް ވަނީ ބައިވެރި ވެވަޑައިގެންފައެވެ.