ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެގައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސާފައި ވަނިކޮށް އޮމާނަށް ދިޔަ ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެގައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަން ފޮރިން މިނިސްޓްރީން އަންގާފައިވަނީ މިއަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ.
ނަމަވެސް މިދިޔަ އާދީއްތަ ދުވަހު އޮމާންއަށް ފުރި ހުސައިން ޝަހުދާން އޭނާ ކުރި ޓްވީޓެއްގައި ބުނީ، އޭނާ އާއިލާއާއެކު އޮމާނަށް ދިއުމުން, އެ ގައުމަށް އެތެރެ ނުވެވި, އެއާޕޯޓުގައި 12 ގަޑިއިރު ހިފަހައްޓާފައިވާ ބެހެއްޓި ކަމަށެވެ. އަދި އަގުބޮޑުކޮށް ޓިކެޓު ރީބުކް ކޮށްގެން އަނެއްކާ އޮމާންއިން އަނބުރާ ދުބާއީއަށް އައިސްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޝަހުދާން ބުނިގޮތުގައި މިކަމުގައި ހައްލެއް ލިބޭތޯ ބަލަން ފޮރިން މިނިސްޓްރީގެ ބޭފުޅުންނާ ވެސް ގުޅި ނަމަވެސް، އެ މިނިސްޓްރީގެ އެހީތެރިކަން ލިބިފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް ލިބިފައިނުވާއިރު ސަރުކާރުގެ ވެބްސައިޓު "ގަވް.އެމްވީ"ގައި ދިވެހިންނަށް ވިސާއާ ނުލައި އޮމާންއަށް ދަތުރުކުރެވޭނެ ކަމަށް ބުނެ ކުރި އިއުލާން ވަނީ ޑިލީޓުކޮށްލާފައެވެ.
މިނިސްޓްރީން މީގެ ކުރިން ބުނީ، އޮންއެރައިވަލް ވިސާގެ އިންތިޒާމުގެ ދަށުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރައްވާ ފަރާތްތަކަށް އެގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެގައުމުގައި ތިބެވޭނެ ކަމަށެވެ.
ކުރިން ވިސާއެއް ނެގުމަކާނުލައި އޮމާނަށް ދަތުރުކުރެއްވުމަށްޓަކައި ދުރާލައި ހައްދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮންނަންވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޕާސްޕޯޓުގެ މުއްދަތު މަދުވެގެން 6 މަސްދުވަސް އޮންނަންވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ޝަހުދު ހީކުރީ ކަންނޭގެ އޮމާނަށް ދިވެހިން ނުދާނެ ކަމަށް. މިހިރީ އާދައިގެ ކަންތަކުގަ އޮޅުވާލުން ހުރި ވަރު ދެން އެހެން ކަންތައް ތަކާ ދޭތެރޭ ވިސްނާލާ އޮޅުވާލާފައި ހުންނާނެ ވަރު.