ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމަށް އިޒްރޭލުން ފެށި އަަސްކަރީ ހަމަލާތަކުގައި ބޮން އަޅަން މިޙާރު ތަނެއް ތަނެއް ނުބަލައެވެ. ރޭ އިރުއޮއްސި އަލިވިލެންދެން މިސައިލާއި ބޮމުގެ ހަމަލާތައް ގާޒާ އަށް އޮއްސަމުން ދިޔަ އިރު މިއަދު އިރު ފެނުން ތޮޅިލި އިރުވެސް ގާޒާ އަނދަމުން ދެއެވެ.
ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 704 އަށް އަރާފައި ވާ އިރު، ހޮސްޕިޓަލްތައް ފުރި، އިތުރު ފެސިލިޓީތައް ބޭނުން ވެފައި ވުމުގެ އިތުރުން ޒަހަމްވެ ސިއްހީ ފަރުވާއަކާ ހަމައަށް ނުގެންދެވި ވެސް އެތަައްހާސް ބަޔަކު އެބަތިއްބެެވެ.
އެހީއާއި ކާބޯތަކެއްޗާއި ވަސީލަތްތަކަށް އެދި ފަލަސްތީނުގެ ރައްޔިތުން އާދޭސް ކުރަމުން ދާ އިރު، ހަމަލާތަކުގައި އަނިޔާ ލިބޭ މީހުން ސިއްހީ ފަރުވާއަކާ ހަމައަށް ގެންދިޔުމަށް ރައްކާތެރި މަގެއް ނުވަތަ ގޮތްތަކެއް ހޯދައި ދިނުމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ވަނީ ގޮވާލާފައެވެ.
ގާޒާއިން ކަރަންޓް ކަނޑާލައި ކާބޯތަކެއްޗާއި ތެޔޮ ދިނުން ހުއްޓާލުމަށް ފަހު ފެށި ހަމަލާތަކުގައި ގާޒާއަށް ލިބެމުން ދާ ގެއްލުންތަކުގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، 2.3 މިލިއަން މީހުންގެ އާބާދީގެ ސިޓީގެ ބޮޑުބައެއް ވަނީ ބިމާ ހަމަކޮށްފައެވެ. ގާޒާ އަކީ އިމާރާތަކާއި އިމާރާތެއް ގެއަކާއި ގެއެއް ޖެހިގެން ހުންނަ ބައިބޯ ސިޓީއަކަށް ވާއިރު، ދޭތެރެ ދޭތެރެއިން މިހާރު ފެންނަން އޮތީ ބޮޑެތި ހުސްގަނޑުގަނޑެވެ. ފުނޑުފުނޑުވެގެން ފައިބާފައި ހުރި އިމާރާތްތަުގެ ގާކުނޑިތަކެވެ. ދިރި ހުރި މީހަކު ފެނޭތޯ ގާޒާގެ އާންމުން އެއެއްޗެއް ހިއްލާ މިއެއްޗެއް ހިއްލާ ހަދާ ތަނެވެ. ނުވަތަ އަތްފުނާ އަޅާތަނެވެ.
އެތަން މިތަނުން ދަނީ ދުން އަރަމުންނެވެ. ދޭތެރެ ދޭތެރެއިން ބާރު އަޑުފައްގަނޑާއެކު އިމާރާތްތައް ގޮވާ ވެއްޓޭ މަންޒަރާއެކު ބޯ އަލިފާންގަނޑުގަނޑު އަރައިގެން ދާތަން ގާޒާގެ އެތަން މިތަނުން ދަނީ ފެންނަމުންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު އިހާނެތިކޮށް ހިތާ ސިއްހީ ރަނގަޅު ކާނާއިން މަހުރޫމްކޮށް އަސާސީ ހިދުމަތްތައް ނިގުޅައިގެންފައި އޮންނަތާ 75 އަހަރު ވެގެން ދާއިރު، ފަލަސްތީނުގެ ރައްޔިތުން ގާޒާއަށް ކާބޯތަކެއްޗާއި އެނޫންވެސް ބައެއް ތަކެތި އެތެރެ ކުރުމަށް ހަދާފައި ހުންނަ ޓަނަލްތައް ވެސް އިޒްރޭލުން މިހާރު ވަނީ ހަލާކުކޮށްލަން ފަށާފައެވެ.
އެގޮތުން ބަންކަރު ބޮން ބޭނުން ކޮށްގެން ގާޒާގެ ހުޅަނގު އުތުރު ބިތުގައި ހުރި ޓަނަލްތަކަށް ހަމަލާ ދެމުން ދާ އިރު ބޯފެން ހޯދުމަށްޓަކައި ބޭނުން ކުރަމުން ދާ ފެނުގެ ނިޒާމާ ގުޅިގައޮިޮ ހުންނަ ވަޅުތަކަށް ކޮންކްރީޓް އަޅާ ދަނީ ބައްދަމުންނެވެ.
އިޒްރޭލުގެ މިއަމަލުތަކާއެކު ވެސް ޑަބްލިއުއެޗްއޯއިން ވަނީ، އިންސާނީ ވަސީލަތް ފޯރުކޮށްދިނުމަށް މަގުތައް ހުޅުވާލުމަށް ގޮވާލާފައެެވެ. އަދި ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަމަލާ ނުދިނުމަށް ވެސް ގޮވާލާފައި ވެއެވެ. ނަމަވެސް އިޒްރޭލުން އެއިން އެއްވެސް ކަމަކަށް އިޖާބަ ނުދީ މިހާތަނަށް އެފަދަ 13 ފެސިލިޓީއަަކަށް ހަމަލާ ދީ ވަނީ ބިމާ ހަމަކޮށްލާފައެވެ.
އދ ގެ އިދާރާތަކުން ބުނާ ގޮތުގައި، ގާޒާގެ ރައްޔިތުން ބޭނުން ކުރަން ދޫކުރާ ބޯފެނުގެ ނިޒާމުތައް ބަންދުކޮށް ގެއްލުން ދިނުމުގެ ސަބަބުން ގާޒާ ފެނަށް ޖެހިދާނެ ކަމުގެ ބޮރުވެސް މިހާރު ވަނީ އުފެދިފައެވެ.
ފަލަސްތީނާއި އިޒްރޭލުގެ މި ހަމަނުޖެހުން ކުރިއަށް ދާއިރު ސަރަހައްދީ މުސްލިމް ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރުމުގެ އިތުރުން އެއްވެއް ކަމެއް ނުކުރާ ކަމަށް މުރާސިލުން ބުނެއެވެ. އަދި މިސްރު ފަދަ ބައެއް ގައުމުތަކުން އެ މަސައްލައިގެ ތެރެއަށް ވަންނަން އެއްގޮތަކަށް ބޭނުން ނުވާ ކަމަށް ވެސް ބުނެއެވެ.
އިޒްރޭލުގެ ހަމަލާތައް ފަލަސްތީނުގެ ސްކޫލުތަކާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒު ކުރަމުން ދާ އިރު ގާޒާގައި ހުންނަ އދ ގެ އިމާރާތަށް ވެސް ހަމަލާ ދީ ވަނީ ގެއްލުން ދީފައެވެ. މި ހަމަލާތަކުގައި ގާޒާގެ 3 ނޫސްވެރިއަކު މިހާތަނަށް ޝަހީދު ވެފައި ވާ އިރު، ހަމާސްގެ މީޑިއާ އޮފީހަށް ވެސް ވަނީ މިސައިލް ހަމަލާ ދީފައެވެ.
މިހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒަރަށް ވެސް ލޮޅުން އަރަމުން އެބަދެއެވެ. އެގޮތުން ތެލުގެ އަގު ފީފާއަކުން 4.2 ޕަސެންޓް އުފުލި އަގު ވަނީ 86 ޑޮލަރަށް ޖެހިފައެވެ.
ޝަހީދު ވެފައި ވާ މީހުންގެ ހަށިޔައް އަތްދަނޑިމައްޗަށް ލައިގެން ގާޒާގެ މަގުތަކުގައި އާންމުން ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން ހިނގާ މަންޒަރާއި ޝަހީދުވި އާއިލާތަކުގެ މީހުން ރޮއެ ހޭރޭ މަންޒަރުތަކުން ސިފަވެގެން ދަނީ، ނުބައި ނުލަފާ އިޒްރޭލުގެ ޔަހޫދީ ކަމަށާއި އިޒްރޭލަށް މަދަދު ދޭ ހުޅަނގާއި އެމެރިކާގެ ކަނު ކަމެވެ.
ފަލަސްތީނުގެ ބިންތައް ގަދަކަމުން ހިފައިގެން ވަޒްންވެރިގެން ތިބެ ފަލަސްތީނުގެ މުސްލިމުން ޝަހީދުކޮށް ތަން ސުންނާފަތި ކުރާތައް އެގައުމުތަކަށް ނުފެނި ފަލަސްތީނުގެ ހަމާސް އިން ދިން ހަމަލާ ކުށްވެރި ކުރަމުން ދިޔުމަކީ ދެފުށްކެހެރި ކަމާއި އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކަށް ރުހި ހިތްވަރު ދިނުން ކަމަށް މުރާސިލުން ބުނެއެވެ.