ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އދ އިން އެހީތެރިވާނެ ކަމުގެ ޔަގީންކަން އެ އިދާރާގެ ރެސިޑެންޓް ކޯޑިނޭޓަރު ކެތަރީން ހަސްވެލް ދެއްވައިފިއެވެ.
މިގޮތަށް ކެތަރީން ވިދާޅުވެފައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި މުއައްސަސާތައް ވަރުގަދަކުރުމުގެ އިތުރުން ޑިމޮކްރެސީ ހަރުދަނާކުރުމުގައި އދ އިން ދެމުންގެންދާ ފަންނީ އެހީތެރިކަން ފާހަގަކުރައްވާ މުއިއްޒު ވަނީ އެކަންކަމަށް ޝުކުރުއަދާކުރައްވާފައެވެ.
އަދި ކުރިޔަށް އޮތް ދައުރުގައިވެސް އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން އދ ގެ އެހީތެރިކަމަށް އޭނާ އެދިވަޑައިގެންފައި ވެއެވެ.
ހަމައެހެންމެ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކެތަރީން ވަނީ ދެއްވާފައެވެ. އެގޮތުން އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ޕްލޭނާއި، އިންތިހާބީ ރައީސްގެ މެނިފެސްޓޯގައި ވައުދުވެ ވަޑައިގެންފައިވާ ގައުމީ ތަރައްގީގެ ޕްލޭންތަކަށް ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް އެކަމަނާ ވިދާޅުވެފައި ވެއެވެ.
އަދި މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށް ވެވަޑައިގެންފައިވާ ވައުދުތަކަށް ތައުރީފް ކުރައްވާ ވާހަކަ ދެއްކެވިއެވެ. މި ބައްދަލުވުމުގައި، އިންތިހާބީ ނައިބު ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.