ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭރު މަގުގައި މިއަދު ހެނދުނު އެމްއެންޑީއެފްގެ ވެހިކަލެއް ފުރޮޅާލާ އެކްސިޑެންޓެއް ހިނގައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ވީއައިއޭގެ ބޭރުމަގުގައި އެމްއެންޑީއެފްގެ ވެހިކަލް އެއް ފުރޮޅާލާފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 06:05 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށާ މި ހާދިސާ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްގެ ވެހިކަލެއް ވީއައިއޭގެ ރަންވޭގެ އަރިމަތީގައި އޮންނަ ބޭރު މަގުގައި ފުރޮޅާލާފައިވާ ވީޑިއޯ އެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެމްއެންޑީއެފް އިން ބުނީ، މި ހާދިސާ ހިނގީ ހުޅުލޭ އެމްއެންޑީއެފް މަރުކަޒަށް ދިޔަ ވެހިކަލް އެއް ކައްސާލައިގެން ކަމަށެވެ.