އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ މޫނު ބުރުގާއާ ގުޅޭގޮތުން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފިއެވެ.

މޫނު ކަޝްފު ކޮށްގެން މުޖްތަމައުގެ ތެރެއަށް ނިކުންނަން ބޭނުން ނުވާ އަރަބިއްޔާ ސްކޫލު ކުދިންނަށް، އެ ސުކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭގޮތަށް އޮއްވާ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެކަން ކުދިންނަށާއި އަދި ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގާފައި ވާ ކަމަށް ބުނެ، އެ ސްކޫލްގެ ބައެއް ބެލެނިވެރިންގެ ފަރާތުން މި މައްސަލަ ހުށަހަޅާފައި ވަނީ، ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް "ރެހެންދި ޗޭމްބާސް އެލްއެލްޕީ" އިންނެވެ.

މިދިޔަ އޭޕްރީލް މަހު ކޯޓަށް ވެއްދި އެ މައްސަލައިގައި އެދިފައިވަނީ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އަރަބިއްޔާގެ ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާ ނުކުރެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ސިވިލް ކޯޓުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ، ވަގުތީ އަމުރަށް އެދިފައިވާ އިރު، އިޖުރާއީ ކަންކަމުގެ ތެރޭގައި ވަގުތީ އަމުރަކަށް އެދޭ ފޯމުގައި ވަގުތީ އަމުރުގެ ބާވަތް ފާހަގަ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ފޯމާ އެކު ހެކިބަހުގެ ބަޔާން ހުށަހަޅާފައި ނުވާ ކަަމަށް ވެސް ދައުލަތުން ފާހަގަ ކޮށްފައި ވެއެވެ.

މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަމުންވެސް ނިންމާފައިވަނީ ދަށު ކޯޓުގެ ވަގުތީ އަމުރާ މެދު ނިންމި ގޮތް ބާތިލްކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމަވާފައި ވަނީ އެ މައްސަލަ ބެއްލެވި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒެއިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިއްތިފާގުންނެވެ.

ދަރިވަރުން މޫނު ބުރުގާ އަޅާ މައްސަލަ ކުރިން ވެސް ފެންމަތިވެފައި އޮތުމުން އަރަބިއްޔާ ސްކޫލުން އެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ލަފައަށްވެސް އެދުނެވެ. ނަމަވެސް ސްކޫލުގެ ޑްރެސް ކޯޑުގެ ތެރޭގައި މޫނު ބުރުގާ ނުހިމެނޭ ކަމަށް ބުނެ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުމަކީ މަނާ ކަމެއް ކަމަށް އެޑިއުކޭޝަނުން އަންގާފައި ވެއެވެ.

މޫނު ބުރުގާ ނަގަން ދަރިވަރުންނަށް އެންގި މައްސަލައިގައި އެޑިއުކޭޝަނަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ. އަދި ހަމަ އެހެންމެ ދީނި ބައެއް އިލްމު ވެރިންވެސް ވަނީ އެ ނިންމުން ބާތިލު ކުރުމަށް ގޮވާލާފައެވެ. އަރަބިއްޔާ ސުކޫލުގައި މޫނު ބުރުގާ އަޅާ 10 ވަރަަކަށް ކުދިން ކިޔަވަމުންދާ ކަމަށް ވެއެވެ.

މީގެ ކުރިން މޫނު ބުރުގާ އަޅައިގެން ކިޔަވާ ދިނުމަކީވެސް މަނާކަމެކެވެ. ނަމަވެސް މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލަށް އިސްލާހަށް ބަދަލު ގެނެސްފައިވުމުން އުމުރުން 10 އަހަރުން މަތީގެ ކުދިންނަށް މޫނު އަޅައިގެން ކިޔަވާ ދެވޭނެ ކަމަށްވެއެވެ. ޖުލައި މަަހުން ފެށިގެން އަމަލުކުރަން ފެށި މި އިސްލާހުގައި ބުނެފައި ވަނީ އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ، މޫނު ބުރުގާ އަޅާ މުދައްރިސުން މޫނު ހާމަކުރުމަށް އެކަށީގެންވާ މާހައުލެއްގައި ކިޔަވައިދޭއިރު ދަރިވަރުންގެ ކުރިމަތީގައި ހުންނަންވާނީ، ކާކުކަން އެނގޭގޮތަށް ސްޓާފް ކާޑު އަޅައިގެން، މޫނު ފެންނަ ގޮތަށް ކަމަށެވެ.

އަދި އަދި މޫނު ބުރުގާ އަޅާ މުވައްޒަފުން ދަރިވަރުންނާ މުއާމަލާތުކުރާ ހުރިހައި ވަގުތެއްގައި ހުންނަންވާނީ ސްޓާފް ކާޑު އަޅައިގެން ކަމަށްވެސް ބުނެފައި ވެއެވެ.