ދިރިއުޅުމެއް ފަށައިގެން ދެމަފިރިއަކު އެކުގައި އުޅެމުން އައިސް ދަރިއަކު ހޯދާނީ ވަރަށް ފޮނި އުންމީދުތަކަކާ އެކީގައެވެ. ނަމަވެސް އެ ހާލަތުގައި ލިބޭ ދަރިފުޅަށް ސިއްހީ ގޮތުން މައްސަލަތަކެއް ދިމާވުމަކީ އެއްވެސް މަޔަކު އަދި ބަފަޔަކު ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ.

މާލެއަށް އުފަން އާމިނަތު ސުހާ، އަކީ މީގެ ކުރިން ވެސް މީހަކާ އިނދެގެން ދެކުދިން ހުންނަ މަންމައެކެވެ. ނަމަވެސް އޭނާގެ ދެވަނަ ކައިވެންޏަށް ފަހު ލިބުނު އަންހެން ދަރިފުޅު، ޔަޝްވީ ބިންތް ޝާކިރުގެ ލިވާ އަދި ބަނޑުގެ ބައެއް އުފެދިފައި ވަނީ ހަށިގަނޑުން ބޭރުގައި ކަމުން، ސިއްހީ ގޮތުން ދަރިފުޅަށް ދިމާވާ އެއްވެސް ކަމެއްގައި ރާއްޖެއިން ފަރުވާ ނުދެވޭ ކަމަކީ އެ އާއިލާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

އާދައިގެ ރޯގާއެއް ނުވަތަ ހުމެއް ޖެހުނަސް އެ ކުއްޖާއަށް އެއްވެސް ބޭހެއް ނުދެވެއެވެ. ފެންފޮތި ލައިގެން ހުން މަޑުކޮށްލުން ނޫން ކަމެއް ނުކުރެވެއެވެ. ބަލިވެގެން ސީރިއަސް ހާލަތަކަށް ގޮސް ދާނެތީ، ކުއްޖާ ގެންގުޅެން ޖެހެނީ ވަރަށް ބަލައިގެންނެވެ. ހާލަތު ސީރިއަސް ވެއްޖެ ނަމަ ދެން އެ މީހުންނަށް ދާން ޖެހެނީ އިންޑިއާއަށެވެ.

ޔަޝްވީ ބިންތް ޝާކިރު

ޔަޝްވީގެ ކޮންޑިޝަނަށް ކިޔާ ނަމަކީ ލާޖް އެމްފެލޯސެލްއެވެ. މާބަނޑު ދުވަސްވަރު ހަވަނަ ހަފުތާއިން ފެށިގެން ދިހަ ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ބަނޑުގައިވާ ތުއްތު ކުއްޖާ ހެދިބޮޑުވާ ވަރަކަށް އެ ކުއްޖާގެ ބަނޑުގައި ހުންނަ ބައެއް ގުނަވަންތައް ކަމުގައިވާ ގޮހޮރު ލިވާ ފަދަ ގުނަވަންތައް ފޫޅު ދަނޑީގެ ތެރެއަށް ދަމައިގަނެއެވެ. ނަމަވެސް އާންމު ގޮތެއްގައި ބަނޑަށް 11 ހަފްތާއާ ހަމައަށް ދާއިރު، ފޫޅު ދަނޑީގެ ތެރެއަށް ދަމަައިގަންނަ މި ގުނަވަންތައް ފޫޅުދަނޑިން ކުއްޖާގެ ބަނޑުގެ ތެރެއަށް އެނބުރި ދެއެވެ. އެކަން ނުވެއްޖެ ނަމަ އޮމްފެލޯސެލް އެއް އުފެދެއެވެ. އަދި ލާޖް އެމްފެލޯސެލްއެއް އުފެދީ ބަނޑުގެ ބަޔަކާ އެކު ލިވާ ބޭރުގައި އުފެދިއްޖެ ހާލަތެއްގައެވެ. މިއީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ދިމާވާ ހާލަތެއް ނޫން ކަމަށް ޑޮކްޓަރުން ބުނެއެވެ.

ޔަޝްވީއަށް ސުހާ ބަލި ވެއިން އިރު މިފަދަ ކަމެއް ކުރިމަތިވެދާނެ ކަމަކަށް އުންމީދެއް ނުކުރެއެވެ. ނަމަވެސް ހެދި ސްކޭންތަކުން ކުއްޖާގެ ކޮންޑިޝަން ޑޮކްޓަރުންނަށް ފާހަގަ ވެގެން ވަނީ ރާއްޖެއިން ބޭރަށް ވިހަން ދިއުމަށް ލަފާ ދީފައެވެ. އެހެންކަމުން ބަނޑަށް 8 މަހުގައި އޭނާ ވަނީ ޑޮކްޓަރުންގެ ލިޔެކިޔުމާއެކު އިންޑިއާށް ވިހަން ގޮސްފައެވެ.

ސުހާ ޔަޝްވީއަށް ބަލިވެ އިން އިރު ހެދި ސްކޭނެއް

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ސުހާ ސިޒޭރިއަންއަކަށް ދިއުމުގެ ކުރިން އެކަމަށް އޭނާ ނަފްސާނީ ގޮތުން ތައްޔާރު ވުމަށް އިންޑިއާގައި ހުންނަ އަމްރިތާ ހޮސްޕިޓަލުން ވަނީ ކައުންސިލިން ދީފައެވެ. އަދި އާންމުކޮށް ސިޒޭރިއަން ހަދާ ގޮތާ ހިލާފަށް ސުހާގެ ބަނޑު ފަޅާލަން ޖެހުނީ ބަނޑުގެ މެދުން ފޫޅާއި މޭ ކަށިގަނޑާ ދެމެދުން ދިގަށެވެ. އެ ގޮތަށް ފަޅާލަން ޖެހުނީ ދަރިފުޅު ނަގާ އިރު ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ބޭރުގައި އުފެދިފައިވާ ގުނަވަންތަކަށް ބަލައިގެން ކުއްޖާ ނެގުމަށް ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

"ސިޒޭރިއަން ހަދާފަ ކުއްޖާ ނެގި ފަހުން އުރާލަން ވެސް އަތަށް ލިބުނީ 25 ދުވަސް ފަހުން. އަސްލު ވަރަށް ދެރަވި އެހާ ދުވަސް އަތަށް ނުލިބި. މަޔަކަށް އިނގޭނީ އަސްލު އަޅުގަނޑު ދެރަވާނެ ވަރު"
ޔަޝްވީގެ މަންމަ

ޔަޝްވީ އުފަންވުމާ އެކު އެ ކުއްޖާގެ ސާޖަރީއެއް ވަނީ ހަދާފައެވެ. އެއީ ލާޖް އޮމްފެލޯސެލް، ބަނޑާއި ލިވާ ހަށިގަނޑުން ބޭރުގައި އުފެދިފައި ހުރުމުން ހެދި ސާޖަރީއެކެވެ. އެ ސާޖަރީ ހެދީ ސާޖިކަލް މެޝްއެއް ލައި ހަމުގެ އެންމެ ބޭރު ފަށަލައިން އެ ގުނަވަންތައް ނިވާކޮށްގެންނެވެ. އާންމުކޮށް ހަމުގެ ހަތް ފަށަލަ ބޭރަށް އިން ނަމަވެސް މި ސާޖަރީގައި ހަމުގެ އެންމެ ބޭރު ފަށަލަ ލާފައި ވަނީ ކުއްޖާ ހެދިބޮޑުވާ ވަރަކަށް ބަލައި، ކުއްޖާއަށް ރައްކާތެރި ގޮތަކަށް ބެލުމަށް ފަހު އެ ގުނަވަންތައް އެތެރެއަށް ލުމަށް ސާޖަރީއެއް ހަދަން ނިންމާފައެވެ.

މިހާތަނަށް ވިހަން ދިޔަ ފަހުން ވެސް ޔަޝްވީއަށް ފަރުވާ ހޯދުމަށް އިންޑިއާ އަށް ދެ ބުރަކަށް ވަނީ ގޮސްފައެވެ. އެ ގޮތުން ކުއްޖާއަށް 6 މަސްވުމުން ދިޔަ ކަަމަށާއި އެ ފަހަރު ވެސް ސާޖަރީ ނުހަދާ ކުއްޖާއަށް އެއް އަހަރުވުމުން އައުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފައެވެ. އަދި މި އަހަރު އޭޕްރީލް މަހު ކުއްޖާއަށް އެއް އަހަރު ފުރުމުން ވެސް އިންޑިއާއަށް ދިޔަ ކަމަށާއި ސާޖަރީ ހެދުމަށް ތިއޭޓަރަށް ވެސް ކުއްޖާ ވެއްދުމަށް ފަހު 7 ޑޮކްޓަރުން ހިމެނޭ ޓީމުން ވަނީ ސާޖަރީ ނުހެދޭނެ ކަމަށް ބުނެފައެވެ.

"ކުއްޖާ ލިބުނު އިރު ހިތުގައި ލޯވަޅެއް ވެސް ހުރިކަމަށް ބުނި، ފަހުން ހެދި ޓެސްޓުތަކުން އެ ކޮންޑިޝަން ރަނގަޅުވެފަ ހުރީ، އަސްލު ޔަޝްވީގެ ބަލި ހާލަތާ ހުރެ އާންމުކޮށް އެ އުމުރުގެ ކުދިން ކާ ވަރަށް ނުކެވޭނެ. އެހެންވީމަ ހެދި ބޮޑުވުމުގައި ލަސްތަކެއް އުޅޭތީ ޑޮކްޓަރުން ވިޓަމިންސް ވެސް ދީފަ ހުންނަނީ"
ޔަޝްވީގެ މަންމަ

ޔަޝްވީގެ ހަށިގަނޑުން ބޭރުގައި އުފެދިފައިވާ ގުނަވަންތައް އެތެރެއަށް ލައިފި ނަމަ އެހެން ގުނަވަންތަކަށް ގެއްލުމެއް ވެދާނެތީ ކަމަށް ނިންމައި ޑޮކްޓަރުން އަނެއްކާ ވެސް ލަފާ ދީފައި ވަނީ ކުއްޖާއަށް 2 އަހަރުވުން އިންޑިއާ އަށް އައުމަށެވެ. އެހެންކަމުން އެ އާއިލާއިން މިހާރު ތައްޔާރުވަމުން ދަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ޔަޝްވީގެ އޮޕަރޭޝަން ކުރަން އިންޑިއާއަށް ދާށެވެ.

ހަން ފަށަލައެއް ލާ ހަދާފައިވާ އެ ސާޖަރީއާއެކު ކުއްޖާގެ ފޫޅު ވެސް ބޭރަށް ފެންނާކަށް ނީންދެއެވެ. އެ އޮޕަރޭޝަނަށް ފަހު އެ ކުއްޖާ އޮތީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ބާއްވާފައެވެ. ކުއްޖާ ދެކިލަން ގޮސް ދުރުދުރުން ބަލާލަން ފުރުސަތު ލިބޭ ކަަމަށާއި ކުއްޖަ ގައިގާ އަތް ޖައްސާލަން ފުރުސަތު ލިބޭ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އޭނާގެ އަތަށް ދަރިފުޅު ލިބުނީ 25 ދުވަސް ފަހުން ކަމަށާއި އެއީ އޭނާގެ ހިތަށް އެތައް އަސަރުތަކެއް ކުރި ދުވަހެއް ކަމަށް ޔަޝްވީގެ މަންމަ ބުންޏެވެ.

ޔަޝްވީގެ ލިވާ މަތިން ސާޖިކަލް މެޝްއެއް ލައްވައި ހަމުގެ މަތީ ފަށަލައިގެ އެތެރެއަށް ލިވާ ލާފައި

ކޮންމެ ހާލެއްގައި ވެސް އެ ދަރިފުޅު ރަނގަޅުވެ ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް އެ ދެމަފިރިން އެދެއެވެ. އަދި ކުރެވެން އޮތް ހުރިހާ ކަމެއްކޮށްގެން ވެސް އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތެއް ކުރަން އެ ދެމަފިރިން ތިބީ އަޒުމް ކަނޑައަޅައިގެންނެވެ. ކޮންމެ ދެ ދުވަހަކުން އެއް ދުވަހު މިހާރު ވެސް އެ ތުއްތު ކުއްޖާގެ ބަނޑުގައި އަޅާފައިވާ ބޭސްގަނޑު ބަދަލު ކުރާ އިރު، އެ މަންމަގެ ހިތަށް އެތައް އަސަރުތަކެއް ކުރެއެވެ.

ސުހާ އާއި އޭނާގެ ފިރިމީހާ، ޝާކިރު އަހްމަދަކީ ވަޒީފާ އަދާކުރާ ދެމަފިރިންނެވެ. ހުޅުމާލޭގައި ސުހާއަށް ލިބިފައިވާ އެޕާޓްމަންޓްގައި އެ އާއިލާ ދިރިއުޅެމުން އަންނަ އިރު، އެ ދެމަފިރިންނާ އެކު އެ އެޕާޓްމަންޓް އުޅެނީ 3 ކުދިން އެކަންޏެވެ. ތިން ކުދިން ގޮވައިގެން ދިރިއުޅެމުން އަންނަ އިރު، ޝަކިރަކީ އޭނާގެ ވަޒީފާ އަދާކޮށް ނިންމާލުމަށް ފަހު ޓެކްސީ ކޮށްގެން އިތުރަށް ފައިސާ ހޯދަން މަސައްކަތް ކުރާ މީހެކެވެ. ދެމަފިރިންނަށް ލިބޭ އާމްދަނީން އެޕާޓްމަންޓްގެ ކުލި ދައްކައި ބިލްތައް ދައްކުމަށްފަހު، ކެއުންބުއިމުގެ ކަންކަމާއި އެހެނިހެން ހަރަދުތައް އެ އާއިލާއިން ފޫބައްދަމުން އަންނަނީ ޓެކްސީ ކޮށްގެން ޝާކިރު ހޯދާ ފައިސާއިންނެވެ.

ޔަޝްވީ އުފަންވީ އިރު އެ އާއިލާ އިންޑީއާއަށް ދާން ޖެހުމުން މާލީ ގޮތުން ތަނަވަސްކަމެއް ނެތުމުން އެ ދެމަފިިރިން ވެސް ވަނީ ބޭންކްތަކުން ލޯން ނަގާފައެވެ. ފުރަތަމަ އިންޑިއާއަށް ދިޔަ ދަތުރުގައި 5 މަސް ދުވަހު އިންޑިއާގައި ތިބި އެ ދަތުރުގައި ފައިސާ ހޭދަކޮށް ބާކީ ފައިސާ ރައްކާކޮށްފައި ބެހެއްޓި ނަމަވެސް އޭގެ ފަހުން އިންޑިއާއަށް ކުރި ދަތުރުތަކުގައި އެ ފައިސާ ބޭނުން ކުރީ ކަމަށް ސުހާ ބުނެއެވެ. ޔަޝްވީއަށް ދެ އަހަރު ވުމުން ސާޖަރީއަށް ދިއުމަށް ޑޮކްޓަރުން ބުނެފައި ވާއިރު، އެކަމަށް މާލީ ގޮތުން އެ އާއިލާ ވަނީ ނުކުޅެދިފައެވެ. މިހާރު އަދާ ކުރާ ވަޒީފާއިން އެމީހުންނަށް ލިބޭ މުސާރަ ލިބެނީ ވެސް ދެމަފިރިން ނެގި ލޯނަށް ކަނޑާފައި ކަމުން، މި ވަގުތު އެ އާއިލާގެ ކެއުންބުއިން ވެސް ހަމަޖައްސަމުން ދަނީ ސުހާގެ ފިރިމީހާ، ޝާކިރު ޓެކްސީކޮށްގެން ލިބޭ ފައިސާއިންނެވެ.

އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ލިޔުންތައް

ކޮންމެ ފަހަރަކު ވެސް ބޭސްފަރުވާ އަށް އެ އާއިލާ އިންޑީއާއަށް ދަނީ އާސަންދައިގެ ފަރާތުން ދޭ އެހީގެ ދަށުންނެވެ. އަދި އެންސްޕާއަށް ލައިގެން ކޮންމެ ފަހަރަކު ވެސް އިތުރު އެހީތެރިއަކަށް ޓިކެޓް ހަމަޖެހޭ ކަމަށް ސުހާ ބުނެއެވެ. އާސަންދައިން ބޭސްފަރުވާ އަށް އެހީ ދިން ނަމަވެސް ޔަޝްވީ އެންއައިސީޔޫގައި ބާއްވައިގެން ކުރާ ބައެއް ހަރަދުތަކާއި، އެތަނުން ޖަހާ ނެޕީ އާއި ހަދާ ޖެނެޓިކަލް ޓެސްޓުތަކާއި ކުއްޖާއަށް ދޭ ބައެއް ވިޓަމިންތަކަކީ އާސަންދައިން ކަވާ ކުރާ އެއްޗިއްސެއް ނޫނެވެ. އެހެންކަމުން އެ ހޭދައަކީ އަމިއްލަ އަތުން ކުރަން ޖެހޭ ހަރަދުތައް ކަަމަށް ޔަޝްވީގެ މަންމަ ބުނެއެވެ.

އޭނާގެ ދަރިފުޅުގެ ކުރަން ޖެހޭ މި ބޮޑު އޮޕަރޭޝަން ކުރަން ދިއުމަށް މިއަދު ސުހާ އެދެނީ ދީލަތި އެހީއަށާއި ކިޔުންތެރިންގެ ފަރާތުން ހެޔޮ ދުއާއަށެވެ. ޔަޝްވީ އަށް އެހީވާން ބޭނުންވާ ފަރާތްތަކުން ޔަޝްވީގެ މަންމަ، އާމިނަތު ސުހާގެ ނަންބަރު 7594844 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުން އެދެމެވެ.

އެކައުންޓް ނަން: އާމިނަތު ސުހާ

  • އެކައުންޓް ނަމްބަރު (ރުފިޔާ): 7770000075760
  • އެކައުންޓް ނަމްބަރު (ޑޮލަރު): 7730000447934

'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ ޔަޝްވީ ބިންތް ޝާކިރު އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމެވެ.