މުދައްރިސުން ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދޭ ޕޯޓަލް، އިފުތިތާހު ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ހިދުމަތް ތައާރަފުކޮށްފައިވަނީ ވަންގަވްގެ ތެރެއިން ކަމަށާއި މުދައްރިސުން ރަޖިސްޓަރީވެ، ލައިސަންސް ހޯދުމަށް މިހާރު ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

މުދައްރިސުން ރަޖިސްޓަރީވެ، ލައިސަންސް ހޯދުމަށް މިލިންކު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި މުދައްރިސްކަމުގެ ލައިސަންސް އަށް އެދި ހުށަހަޅާނީ މިލިންކު މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީއެވެ.

މުދައްރިސުން ލައިސަންސް ދިނުމުގެ މަސައްކަތް ކުރިއަށްދާ ޕޯޓަލް އިފްތިތާހުކޮށްފައިވާއިރު މުދައްރިސުންގެ ދުވަހާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ ދެއްވި ހިތާބެއްގައި ވަނީ ރަނގަޅު މުދައްރިސުން ލިބުމުގެ ދަތިކަމަކު ހުރިހާ ގައުމަށް ކުރިމަތިވެފައިވާ ބޮޑުގޮންޖެހުމެއް ކަމަށް ވިދާޅުވެފައެވެ.

މިކަން އިދިކޮޅަށް ޖަހައި ރަނގަޅު މުދައްރިސުން ގިނަކުރުމަށް ހުރިހާ ގައުމަކުން އިސްކަންދީ، ހަރަކާތްތެރިވާންޖެހޭ މަޖުބޫރީ ހާލަތެއް ކަމަށާއި މި ޝިއާރުން އަންގައިދެނީ ތަރައްގީ ވެފައިވާ ގައުމުތަކަށާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެސް މި މައްސަލަ ކުރިމަތިވެފައިވާ ކަން ކަމަށް އާއިޝަތު ވިދާޅުވިއެވެ.

އާއިޝަތު އިތުރަށް ވިދާޅުވީ، ޔުނެސްކޯއިން ފާހަގަކުރާ ގޮތުގައި، ދިވެހިރާއްޖެ ހިމެނޭ ފަދައިން، ހުރިހާ ގައުމަށް ދިމާވެފައިވާ މައިގަނޑު ދެ މައްސަލައަކީ ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ހިޔާރު ނުކުރާކަން ކަމަށެވެ. މުދައްރިސުން މަސައްކަތް ކުރަންޖެހޭ މާހައުލުގެ ސަބަބުން، މިދާއިރާގައި އޮތް ޝައުގުވެރިކަން ނެތުމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފިރިހެނުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާލެއް މަދުކަން ފާހަގަކުރައްވާ އާއިޝަތު ވިދާޅުވީ، ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަންހެން މުދައްރިސުންގެ ނިސްތަކީ 75 ޕަސެންޓު ކަމަށެވެ. ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުން ކަމަށާއި ރާއްޒޭގައި ހިދުމަތް ކުރާ މުދައްރިސުންގެ ތެރެއިން 22 ޕަސެންޓަކީ ބިދޭސީން ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ