ފަލަސްތީނާއި އިޒްރޭލާ ދެމެދު ކުރިއަށް ދާ ހަނގުރާމަ އާ ގުޅިގެން ކަންބޮޑުވާ ކަމަށާއި ދެފަރާތް ސުލްހަ ކުރުމަށް އަވަހަށް އައި އިސްކަމެއް ދީގެން ފިޔަވަޅުތައް އެޅުމަށް ޗައިނާއިން ގޮވާލައިފިއެވެ.

ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނީ، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލައި ދެފަރާތުންވެސް ސުލްހަވެރިކަމާއެކު ތިބުމަށާއި އިތުރަށް މަޝްރަހު ގޯސްވެ އާންމު ރައްޔިތުންނަށް ނުރައްކާވުމުގެ ފުރުސަތު ނުދޭން އެދޭ ކަމަށެވެ.

އަދި މިއަދުގެ ހާލަތުން ދޭހަވާ ދެވަނަ ކަމަކީ، ސުލްހަ ގާއިމުނުކޮށް މަޑުޖައްސާލައިގެން ނުވަތަ ސުލްހަ ގާއިމުނުވެ ހުއްޓިފައި އޮތުން ދިގުދެމިގެން ނުވާނެ ކަން ކަމުގައިވެސް ބުނެފައި ވެއެވެ.

އެހެންކަމުން ބައިނަލްއަގުވާމީ މުޖުތައު ގުޅިގެން ދެފަރާތް ސުލްހަ ކުރުމަށް ހާއްސަ އިސްކަމެއް ދީ އެކަން ކުރުމަށް ޗައިނާއިން ގޮވާލައެވެ.

ޗައިނާގެ ވާހަކަ މިމޭރުމުން ހުރި އިރު އިޒްރޭލަށް އެންމެ ބޮޑަށް މަދަދު ދޭ އެމެރިކާއިން ރޭ ބުނީ، އެގައުމު ދެމި ތިބޭނީ އިޒްރޭލުގެ ރައްޔިތުންނާ އެކުގައި ކަމަށާއި، އިޒްރޭލަށް ފުރިހަމަ މަދަދާއި ސަޕޯޓް ދޭނެ ކަމަށެވެ. ރޭ ދަންވަރު ވައިޓްހައުސް އަށް ނޫސްވެރިން ހާޒިރުކޮށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ، އެގައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، އިޒްރޭލު ދިފާއު ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ އިހުތިޔާރު އިޒްރޭލަށް އޮތް ކަމަށާއި ހިފެހެއްޓުމެއް ނެތި އެމެރިކާގެ ތާއީދު އިޒްރޭލަށް އޮންނާނެ ކަމަށެވެ. އަދި ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި، ސަރަހައްދީ ހަމަނުޖެހުމާ ގުޅޭ ގޮތުން، މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންގެ އިތުރުން ފަލަސްތީނު ސަރުކާރުގެ ވެރިންނާވެސް މަޝްވަރާ ކުރައްވާފައި ވާ ކަމަށެވެ.

އެމެރިކާއެކޭ އެއްގޮތަށް ރާއްޖެ އާ އަވަށްޓެރި އިންޑިއާއިން ވެސް ބުނެފައި ވަނީ އެގައުމު ދެމި އޮތީ އިޒްރޭލާ އެކުގައި ކަމަށާއި އިޒްރޭލަށް ބޭނުންވާ އެހީތެރިކަމާއި މަދަދު ދޭނެ ކަމަށެވެ.

ހަމާސްގެ ކުއްލި ހަމަލާތައް ފެށިތާ 24 ގަޑިއިރު ވެފައި ވާ އިރު، އަދިވެސް މުޖާހިދުންގެ ފައުޖުތައް އިޒްރޭލުގެ ސިދްރަތް ގެ ތެރޭގައި އެބަތިއްބެއެވެ. ނަމަވެސް ހަމާސްއިން އަތުލި އިޒްރޭލުގެ ޕޮލިސް ހެޑްކްއާޓަރު މިހާރު ވަނީ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ. ރޭ ދަންވަރު އިޒްރޭލު ސިފައިން އެތަނަށް ހަމަލާތައް ދީ އަތުލުމަށް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހުނު އިރު އެތަނަށް ނުވަދެވިގެން އެންމެ ފަހުން ވަނީ، ބޭރުން ބުލްޑޯޒަރުގައި ގޮސް ފާރު ވައްޓާލައިގެންނެވެ. ހަބަރުތައް ބުނާގޮތުން އިޒްރޭލް ސިފައިން ވަނީ އެތާ ތިބި ހަމާސްގެ 11 މުޖާހިދުން ޝަހީދު ކޮށްލާފައެވެ.

ހަމަލާތައް ރެއާ ހަމައަށް އައިއިރު ހަމާސް އިން ވަނީ އެމީހުންނާ ގުޅުމަށް، ލުބުނާނުގައި ތިބި ހިޒުުބުﷲ އާއި އެހެން ޖަމާއަތްތަކަށް ވެސް ދައުވަތު ދީފައެވެ. އެއާއެކު ހިޒުބުﷲ އިން މިއަދު ރޮކެޓް ހަމަލާތަކެއް އިޒްރޭލަށް ދީފައި ވުމުން، އިޒްރޭލުން މިހާރު ދަނީ ހިޒުބުﷲ ގެ މަގާމުތަކަށް ވެސް ބޮން އަޅަމުންނެވެ.

މީގެ އިތުރުން ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުން ވަނި ހަމާސް އާ ގުޅި ހަނގުރާމައަށް ނިކުމެފައެވެ. ހަމަލާތައް ފެށިފަހުން އެތައްހާސް ރޮކެޓެއް އިޒްރޭލަށް ފޮނުވާލާފައި ވާ އިރު، ރޭ ދަންވަރުވެސް ވަނީ ރޮކެޓް ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި އިޒްރޭލުގެ ދެކުނު ބިތުގެ ގިނަ ތަންތަނަށް ބޮޑެތި ގެއްލުންތައް ލިބިފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

މި ހަނގުރާމައިގައި ބައިވެރިވުމަށް ތޯލިބާނުންވެސް ވަނީ އެދިފައެވެ. އެމީހުން ބުނެފައި ވަނީ، ބޭނުންވަނީ އިޒްރޭލުގެ ތެރެއަށް ވަންނަން ކަމަށާއި އެކަމުގެ ހުއްދަ ދީ އެއްގަމު މަގުން ދެގެން ހުރި މަގުތައް ހުޅުވާލަ ދިނުމަށް އުރުދުން ފަދަ ގައުމުތަކަށް އެ ޖަމާއަތުން ވަނީ ގޮވާލާފައެވެ.

ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނީ 75 އަހަރުވި އިޒްރޭލުގެ އުދުވާނުގައި 130،000 އަށް ވުރެ މީހުން ޝަހީދު ކޮށް ކޮންމެ ދުވަހަކު އެތައް ޖަރީމާއެއް ހިންގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ހަމަޖެހުމާއެކު އުޅުމުން މަހުރޫމްކޮށް ދެމުންގެންދާ އަނިޔާތައް ހައްދުފަހަނައަޅާ ގޮސްފައި ވުމުންނާއި، މުސްލިމުންގެ މުގައްދަސް އެއް ހަރަމް ކަމަށް ވާ އަލް އަގުސޯއަށް ޔަހުދީން ވަދެ ހިންގާ އުދުވާނުތަކަށް ކެތް ނުކުރެވިގެންނެވެ. ހަމާސްގެ މިހަމަލާތަކަކީ އަދި މިހަމަލާތަކުގައި އިޒްރޭލުން މަރުވި ނިސްބަތަކީ، އެގައުމުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނާ އަޅާ ބަލާއިރު އެންމެ 1 ޕަސެންޓެވެ.

ހަބަރުތައް ބުނާގޮތުން ބޮމާއި މިސައިލް ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ފަލަސްތީނުގެ 230 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލު ފަޅިން މަރުވި މީހުންގެ އަދަދު މިހާރު 250 އަށް އަރައިފި ކަމަށް އެގައުމުގެ އިދާރާތަކުން ބުނެއެވެ. އަދި ފަލަސްތީން ފަޅިން 1600 މީހަކު ޒަހަމްވެފައި ވާ އިރު އިޒްރޭލުން ވަނީ 535 މީހަކު ޒަހަމްވެފައެވެ.