ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިކަމުގެ ރަސްމީ ލިޔުން ހަވާލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ނިންމި ރަސްމިއްޔާތު ނުބާއްވާ ގޮތައް ނިންމައިފިއެވެ.

އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެއްވިކަމުގެ ރަސްމީ ލިޔުމެއް ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާރު އެ ރަސްމިއްޔާތު ނުބާއްވަން ނިންމާފައި ވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.

އީސީ އިން ބުނީ މި ރަސްމިއްޔާތު ކެންސަލް ކުރުމަށް ނިންމަވާފައި ވަނީ ވީހާވެސް ހަރަދުކުޑަކޮށް ކަންކަން ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުން ކަމަށެވެ. އެހެންނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވިކަމުގެ ރަސްމީ ލިޔުން ޑރ. މުއިއްޒު އާ ހަވާލު ކުރައްވާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށްވެސް އިންތިހާބުގައި ވާދަކުރެއްވިކަމުގެ ހަނދާނީ ލިޔުމެއް ދެއްވާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓަކު ވަނީ ވާދަކުރައްވާފައެވެ. މި ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. ޑރ. މުހައްމަދު މުއިއްޒު އަށް 101،635 ވޯޓު ލިބި ވަޑައިގެންނެވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ވާދަކުރެއްވި އިލްޔާސް ލަބީބް އަށް 15،839 ވޯޓު ލިބިވަޑައިގެންނެވި އިރު އަމިއްލަގޮތުން ވާދަކުރެއްވި އުމަރު ނަސީރުއަށް 6،343 ވޯޓު ލިބިވަޑައިގަތެވެ. އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރެއްވި ގާސިމް އިބްރާހީމް އަށް 5،460 ވޯޓު ލިބިވަޑައިގެންނެވި އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނު އަށް ލިބިވަޑައިގަތީ 2،979 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމްއަށް 1،907 ވޯޓު ލިބިވަޑައިގަތް އިރު އަމިއްލަގޮތުން ވާދަކުރެއްވި ހަސަން ޒަމީލް އަށް ލިބިވަޑައިގަތީ 327 ވޯޓެެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރެއްވި އިރު ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 126،499 ވޯޓުންނެވެ. މި އިންތިހާބުގައި ރާއީސް ސޯލިހް އަށް ލިބިވަޑައިގަތީ 108،735 ވޯޓެވެ.