މާލެ އޮކްސިޖަން ރެސްޓޯރެންޓްގެ ކައިރިން ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ބައްޕަ، އަހުމަދު މަނިކު (74އ) ރޭ ދަންވަރު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު ބޮޑުތަކުރުފާނު މަގުން ދަނިކޮށް ޕީޕީއެމް އޮފީސް ސަރަހައްދުގައި ހުންނަ އޮކްސިޖަން ރެސްޓޯރެންޓްގެ ކައިރިން ކާރެއްގައި ޖެހިގެންނެވެ.

އަހްމަދު މަނިކު އިންނެވި ސައިކަލުން ވެއްޓި ބޮލާއި ނޭފަތް ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ. މި އެކްސިޑެންޓުގައި އޭނާގެ ސިކުނޑި އަށް ވަރަށް ބޮޑަށް ލޭ އެޅުމާ ގުޅިގެން ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާއިރު އަހުމަދު މަނިކު ނިޔާވީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް، ހޭނާރާ އޮވެއެވެ.

އަހުމަދު މަނިކުގެ މައްޗަށް ކުރެވޭ ކަށުނަމާދަށް އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގައެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގެ ޗައިނާ އެމްބަސީ ކައިރީގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.