ރާއްޖެ އަބަދު ވެސް އޮންނާނީ ފަލަސްތީނާ އެކުގައި ކަމަށް ސަރުކާރުން ބުނާ ބުނުން މިއަދު ވެސް ތަކުރާރުކޮށްފިއެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރާއި ރައްޔިތުން އަބަދު ވެސް ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށާއި، ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިސޯރުކޮށްފައި ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފަށް ކަމަށެވެ.
އެ ބަޔާނުގައި ސަރުކާރުން ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ދާއިމީ ހައްލެއް ލިބެން އޮތީ 1967 ވަނަ އަހަރުގައި ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށް ބުނާ ބުނުން ވެސް ތަކުރާރުކޮށްފައެވެ.
ސަރުކާރުގެ އިތުރުން، އިޒްރޭލުން ގާނޫނުތަކާ ހިލާފަށް ހިސޯރުކޮށްފައި އޮތް ފަލަސްތީނުގެ ބިންތައް އަނބުރާ އެ ގައުމުގެ ރައްޔިތުންނަށް ދިނުމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރޭ ގޮވާލައްވައިފައެވެ
ޔަހޫދީ އިޒްރޭލުން މުސްލިމުންގެ މުގައްދަސް އެއް ހަރަމް ކަމަށްވާ މަސްޖިދުލް އަގްސާ އަށް ވަދެ ހިންގާ ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުން ހަމާސްއިން ހަމަލާތައް ދެމުންދާއިރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިންޓެލިޖަންސް އިދާރާ، އިޒްރޭލުގެ މޮސާޑަށް ދޮންކަޅު ވެސް އަންގާނުލައި ކުއްލި އަކަށް ދިން ހަމަލާގެ ފުރަތަމަ 20 މިނެޓް ތެރޭގައި 5000 ރޮކެޓް ފޮނުވާލާފައި ވާ ކަަމަށް ހަބަރުތައް ބުނެއެެވެ. އެއާއެކު ހަމާސް އިން ބުނެފައި ވަނީ، މިއީ ކުޅިކުޅިވަރަށް ކުރާ ކަމެއް ނޫން ކަމަށާއި ހަނގުރާމަ އިއުލާނު ކުރީ ކަމަށެވެ.
ހަނގުރާމަ ދިގުދެމިގެން ދާނެ ކަމަށާއި ހަމަލާތައް ވަރުގަދަ ވާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފައި ވާ އިރު މިހަމަލާތަކުގައި ފަލަސްތީނު ފަޅިން މިހާތަނަށް 198 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި 1600 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ހޮސްޕިޓަލްތައް ދަނީ ފުރެމުންނެވެ.
ހަމާސް އިން ފެށި މިހަމަލާތައް އެމެރިކާއިން ވަގުތުން ކުށްވެރިކޮށް ބަޔާން ނެރެފައި ވާ އިރު، އިޒްރޭލުން ބުނީ، ޕަލަސްތީނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ފުރިހަމަ ހައްގާއި އިހުތިޔާރު ލިބިފައި ވާ ކަމަށާއި އަދި އެފަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާ ތައްޔާރު ކަމަށެވެ.
ފަލަސްތީނުގެ ގާޒާ އާއި ވަށައިގެން އޮންނަ ސަރަހައްދުތަކަށް ޔަހޫދީން ބާރު ފޯރުވާތާ ކިތަންމެ ޒަމާނެކެވެ. 1967 ގެ އަރަބް އިޒްރޭލް ހަނގުރާމަ އަށް ފަހު އެސަރަހައްދުގައި ހިނގަނީ އިޒްރޭލުގެ ބާރެވެ.