އެއްގަމާއި، ކަނޑާއި، ވައިގެ މަގުން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގައި ހަމާސް އިން އިޒްރޭލުގެ ޑެޕްތް ބްރިގޭޑްގެ ކޮމާންޑަރު ނިމްރޮދް އަލޯނީ ރަހީނު ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމު ކުރި ވިޑިއޯތަކުން ފެންނަ ގޮތުގައި، އަލޯނީ ރަހީނު ކޮށްގެން އަތުގައި ހިފާ ގެންދާ ތަން ފެންނަ އިރު އޭނާ ހުންނަނީ ކަޅުކުލައިގެ ޓީޝާޓަކާއި ސޯޓުކޮޅެއް ލައިގެންނެވެ.

އޭނާ ރަހީނު ކުރިކަން އާންމުކޮށް ހަމާސް އިން ބުނީ، އޭނާ އާ އެކު އިތުރު ސިފައިންވެސް ރަހީނުކޮށްފައި ވާ ކަމަށާއި އަދި އަސްކަރީ މަރުކަޒެއްވެސް އަތުލާފައި ވާ ކަމަށެވެ.

ހަތަރެސް ފަރާތުން ދޭން ފެށި ކުއްލި ހަމަލާތަކުގައި ވަރުގަދަ އިޒްރޭލަށް ސިހުން ގެނުވާފައި ވާ އިރު، ހަމާސްގެ މުޖާހިދުން ވަނީ 20 މިނެޓް ތެރޭގައި 5000 ރޮކްޓް ހަމަލާ އިޒްރޭލަށް ދީފައެވެ. އަދި ކެމެރާ ހަރުކޮށްފައި ހުރި ޑްރޯން ހަމަލާތައް ދޭ މަންޒަރުތައް ވެސް އާންމުވެފައި ވާ އިރު އެފަދަ އެއް ހަމަލާއެއްގައި އިޒްރޭލުގެ ޓޭންކެއް ގޮވާ މަންޒަރު ފެނެއެވެ. އެއްގަމު މަގުން މޮޓަރައިޒްޑް ގްލައިޑާތަކުގައި އުފުހި ގޮސް އިޒްރޭލުގެ ތެރެއަށް ވަދެފައި ވާ އިރު، އަސްކަރީ މަރުކަޒު ވަށާލީވެސް ގްލައިޑާގައި ގޮސް ތިރިކޮށްލައެވެ. ހަތިޔާރާއެކު ފުރިހަމައަށް ތައްޔާރުވެ ފެށި މި ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ 22 މީހަކު މަރުވެ 545 މީހަކު ވަނީ ޒަހަމްވެފައެވެ.

އަލޯނީ އަކީ، އިޒްރޭލުގެ ދެކުނު ބިތުގައި ގާއިމު ވެ ތިބޭ ޔަހޫދީ ބްރިގޭޑްގެ ކޮމާންޑަރެވެ.

އޭނާ ރަހީނު ކުރުމާއެކު އަސްކަރީ ތަޖުރިބާކާރުން ބުނަމުން ދަނީ އެއިން ދައްކަިދެނީ ހަމާސްގެ ވަރުގަދަ ކަމާާއި އިޒްރޭލު ތައްޔާރުވެފައި އޮތް މިންވަރު ކަމަށެވެ.

ހަމާސްއިން ފެށި ހަމަލާތަކުގައި ރޮކެޓްތައް އިޒްރޭލުގެ އަމާޒުތަކަށް އޮއްސަމުން ދާ އިރު މިހާރު 7 ގަޑިއިރު ފާއިތުވީއެވެ. އަދިވެސް ރޮކެޓް ހަމަލާ އެބަދެއެވެ. ނަމަވެސް ހަމަލާތައް ފެށިތާ ކައިރީގައި ދިންހާ ގިނައިން ނުދިން ނަމަވެސް މި ވީ 7 ގަޑިއެއްހާއިރުތެރޭގައި އެތައްހާސް ރޮކެޓެއް ވަނި ފޮނުވާލާފައެވެ. މީގެ ކުރިން ޕަލަސްތީނުން އިޒްރޭލަށް އަމާޒުކޮށްދޭ ރޮކެޓްރަކަށް ވުރެ މި ރޮކެޓްތަކުގެ ރާސްތާ ދިގު އިރު، 85 ކިލޯމީޓަރަށް ވެސް ދަތުރު ކޮށްފައި އެބަހުއްޓެވެ. އިޒްރޭލުގެ ދެކުނުން ޔަހޫދީ ވަޒަންވެރިން ގާއިމިވެ ތިބޭ އަވަށެއް ހަމާސްއިން މިހާރު އަތުލާފައި ވާ އިރު، އިތުރު ސިޓީތަކާއި މަގާމުތަކަށް ހަމާލާތައް އަމާޒުވެ ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

އިޒްރޭކުގެ އޮފިޝަލުން ބުނީ، ހަމާސްގެ މުޖާހިދުންގެ އަތްދަށަށް ދިޔަ ތަންތަނުގައި ހުރި ބަރު ހަތިޔާރާއި އަސްކަރީ ވެހިކަލްތަކުގެ އިތުރުން 2 އެމްބިއުލާންސެއްވެސް އަތުލާފައި ވާ ކަމަށެވެ. އަދި ދަނޑުގޮވާން ކުރަން ގެނގުޅޭ ބޮޑެތި ޓްރަކްޓަރުތަކުގެ ތެރެއިން ބައެއް ބެހިކަލްވެސް ހަމާސްއިން ވަނީ އަތުލައި ގާޒާއަށް ގެންގޮސްފައެވެ.

ހަމާސްެ ހަމަލާތައް ވަރުގަދަކޮށް ހުރިހާ ދިމާއަކުން އެއްފަހަރާ އަރައިގެންފައި ވާ އިރު، ޕަލަސްތީނާއި އިޒްރޭލު ވަކިކުރަން ޖަހާފައި ހުންނަ ކަށި ނަރުދަލުގެ ފެންސް ބްލްޑޯޒަރު ބޭނުންކޮށްގެން ހަލާކުކޮށްލައި ވައްޓާލުމަށް ފަހު އެ ދިމާއިންވެސް ވަނީ ވަދެގެންފައެވެ. މަގުތަކުގައި ހަތިޔާރު ހިފައިގެން މުޖާހިދުން ދުވަމުން ދާ މަންޒަރުތައް އާންމު ވެފައި ވާ އިރު، މުޖާހިދުން ހިފި ސަރަހައްދުތަކަށް އަދިވެސް ޔަހޫދީ ސިފައިންނަކަށް ކައިރިއެއް ނުވެވެއެވެ. ބޭސްފަރުވާ އާއި އަސްކަރީ އެހީއައިގެން އެއްވެސް ބަޔަކު ނުދާކަމަސް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން ވަނީ ގާޒާގެ 20 ތަނަކަށް ބޮން އަޅާ ސުންނާފަތި ކޮށްލާފައެވެ. އޭގެ ތެރެއިން 17 ތަނަކީ، އަސްކަރީ ކޮމްޕައުންޑްތައް ކަމަށާއި 3 ތަނަކީ ކޮމާންޑް ސެންޓަރުތައް ކަމަށް އިޒްރޭލުން ބުނެއެވެ.

މިހަމަލާތަކުގައި ފަލަސްތީނު ފަޅިން މިހާތަނަށް 160 މީހަކު ވަނި ޝަހީދުވެފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ޒަހަމްވެ ހޮސްޕިޓަލްތައް ދަނީ ފުރެމުންނެވެ.

ހަނަގުރާމަ ދިގުދެމިގެން ދާނެ ކަމަށާއި ހަމަލާތައް ވަރުގަދަ ވާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފައި ވާ އިރު މިހަމަލާތަކުގައި ގާޒާއިން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެސް ވެއްޖެެއެވެ. ހޮސްޕިޓަލްތައް ދަނީ ފުރެމުންނެވެ.

މި ހަމަލާއާ ގުޅިގެން ވަގުތުން ހަމަލާތައް ހުއްޓާލުމަށް ސައުދީން ގޮވާލާފައި ވާ އިރު، އީރާނުން ވަނީ ހަމާސް އަށް މަރުހަބާ ކިޔާ، ހިތްވަރު ދީފައެވެ. އެމެރިކާއިން ވަނީ 'ހަމާސްގެ ޓެރަރިސްޓް ހަމަލާ' ތައް ކުށްވެރި ކޮށްފައެވެ. ފަލަސްތީނާއި އިޒްރޭލުގެ ސުލްހައަށް އދ އިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ވިދާޅުވީ ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

މިސްރާއި ތުރުކީން ބުނީ، ހަމަނުޖެހުން އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަންކަމުން ދުރުހެލިވެތިބުމަށް އެދޭ ކަމަށެވެ.