ހަމާސް އިން އެއްގަމާއި ވަޔާއި ކަނޑުގެ މަގުން އިޒްރޭލަށްް ދިން ކުއްލި ހަމަލާގައި އިޒްރޭލުގެ ދެކުނު ބިތުގެ ސަރަހައްދެއް ހިފައިފިއެވެ.
ޔަހޫދީ ވަޒަންވެރިން އާބާދުކޮށްފައި ވާ ސަރަހައްދަކަށް މުޖާހިދުން ވަދެ ހަރަކާތްތެރިވާތަން ފެންނަ ވީޑިއޯތައް އާންމުވެފައި ވާ އިރު، މުޖާހިދުން ވަނީ ޔަހޫދީ ބައެއް ވަޒަންވެރިންނާއެކު ފެންނަ ވީޑިއޯވެސް އާންމު ކޮށްފައެވެ.
ހަބަރުތައް ބުނާގޮތުން، މި ކުއްލި ހަމަލާތަކާއެކު މުޖާހިދުން އަވަށްތަކަށް ވަނުމުން، ވަޒަންވެރިން ވަނީ ޖާނު ޖަލާމަތް ކުރަން ދުވެފައެވެ. އަދި މުޖާހިދުންނާ ކުރިމަތިލައި ރައްދު ހަމަލާ ދިން ޔަހޫދީންގެ ތެރެއިން 22 މީހަކު މިހާތަނަށް މަރުވެފައި ވާ އިރު 545 މީހަކު ޒަހަމްވެގެން ދަނީ ފަރުވާ ދެމުންނެވެ.
އާންމުވަމުން އަންނަ އެހެން ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމާސް އިން ވަނީ، ގިނަ އަދަދެއްގެ ޔަހޫދީން ރަހީނުވެސް ކޮށްފައެވެ. އެގެ ތެރެއިން ބައެއް މީހުން ގާޒާއަށް ގެންގޮސްފައި ވާ އިރު އެހެން ބައެއް މީހުން މަގުމަތީގައި ބަންޑުން ބައިތިއްބާ ބަޑި ދިއއްކޮށްގެން ތިބޭ މަންޒަރުތައް ވެސް ވަނީ އާންމު ކޮށްފައެވެ.
ހަމާސްގެ އިދާރާތަކުން މައުލުމާތު ދޭ ގޮތުގައި، ހަމަލާތައް ފެށިފަހުން މިހާތަނަށް އެތައްހާސް ރޮކެޓެއް ފޮނުވާލާފައި ވާ އިރު، އިޒްރޭލުގެ އެތަން މިތަނަށް އަމާޒުވެ ގޮވާ ރޯވެ އަނދަމުން ދާތަންވެސް ފެނެއެވެ.
ހަމާސްގެ މުޖާހިދުން މިއަދު ހަމަލާތައް ފެށީ ރޮކެޓުގެ އިތުރުން މޮޓަރައިޒްޑް ގްލައިޑާ [ބުރަފަތި ލައި ވައިކުޑަ ފާޑަށް ހަދާފައި ހުންނަ އުދުހޭ އުޅަނދު] ގެ އިތުރުން ކަނޑުމަގުންނާއި ޑްރޯން އިންނެވެ. އެއް ފައުޖަކުން ރޮކެޓް ހަމަލާ ދެމުން ދިޔަ އިރު އަނެއް ފައުޖަކުން ދިޔައީ ގްލައިޑާގައި އިޒްރޭލުގެ ތެރެއަށް ވަންނަމުންނެވެ. ހަބަރުތައް ބުނާގޮތުން 50 އެއްހާ މުޖާހިދުން ގްލައިޑާގައި އިޒްރޭލުގެ ތެރެއަށް ވަދެ ދަނީ ހަމަލާ އުފައްދަމުންނެވެ. އަނެއް ބަޔަކު ކަނޑުމަގުން އިޒްރޭލަށް އަރަން މަސައްކަތް ކޮށްފައި ވީ ނަމަވެސް އެ މީހުންނަށް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.
ހަމާސްެ ހަމަލާތައް ވަރުގަދަކޮށް ހުރިހާ ދިމާއަކުން އެއްފަހަރާ އަރައިގެންފައި ވާ އިރު، ޕަލަސްތީނާއި އިޒްރޭލު ވަކިކުރަން ޖަހާފައި ހުންނަ ކަށި ނަރުދަލުގެ ފެންސް ބްލްޑޯޒަރު ބޭނުންކޮށްގެން ހަލާކުކޮށްލައި ވައްޓާލުމަށް ފަހު އެ ދިމާއިންވެސް ވަނީ ވަދެގެންފައެވެ. މަގުތަކުގައި ހަތިޔާރު ހިފައިގެން މުޖާހިދުން ދުވަމުން ދާ މަންޒަރުތައް އާންމު ވެފައި ވާ އިރު، މުޖާހިދުން ހިފި ސަރަހައްދުތަކަށް އަދިވެސް ޔަހޫދީ ސިފައިންނަކަށް ކައިރިއެއް ނުވެވެއެވެ. ބޭސްފަރުވާ އާއި އަސްކަރީ އެހީއައިގެން އެއްވެސް ބަޔަކު ނުދާކަމަސް ވެސް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން ވަނީ ގާޒާގެ 20 ތަނަކަށް ބޮން އަޅާ ސުންނާފަތި ކޮށްލާފައެވެ. އޭގެ ތެރެއިން 17 ތަނަކީ، އަސްކަރީ ކޮމްޕައުންޑްތައް ކަމަށާއި 3 ތަނަކީ ކޮމާންޑް ސެންޓަރުތައް ކަމަށް އިޒްރޭލުން ބުނެއެވެ.
ހަނަގުރާމަ ދިގުދެމިގެން ދާނެ ކަމަށާއި ހަމަލާތައް ވަރުގަދަ ވާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފައި ވާ އިރު މިހަމަލާތަކުގައި ގާޒާއިން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެސް ވެއްޖެެއެވެ. ހޮސްޕިޓަލްތައް ދަނީ ފުރެމުންނެވެ.
މި ހަމަލާއާ ގުޅިގެން ވަގުތުން ހަމަލާތައް ހުއްޓާލުމަށް ސައުދީން ގޮވާލާފައި ވާ އިރު، އީރާނުން ވަނީ ހަމާސް އަށް މަރުހަބާ ކިޔާ، ހިތްވަރު ދީފައެވެ. އެމެރިކާއިން ވަނީ 'ހަމާސްގެ ޓެރަރިސްޓް ހަމަލާ' ތައް ކުށްވެރި ކޮށްފައެވެ. ފަލަސްތީނާއި އިޒްރޭލުގެ ސުލްހައަށް އދ އިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ވިދާޅުވީ ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ.
މިސްރާއި ތުރުކީން ބުނީ، ހަމަނުޖެހުން އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަންކަމުން ދުރުހެލިވެތިބުމަށް އެދޭ ކަމަށެވެ.
ހަމާސްގެ މުޖާހިދުން އިޒްރޭލަށް ވަދެގަތީ، އިޒްރޭލާ ގުޅޭ އުތުރު ބިރުގެ އީރެޒް ނުވަތަ ބައިތް ހަނޫން އާއި މިސްރާއި އިޒްރޭލު ގުޅޭ ރަފާ ކްރޮސިން އިން އާއި ކާރިމް ސަލޫމް އާ ދިމާއިންނެވެ. އެއީ ގާޒާގެ އުތުރާ ދެކުނުން ހުރަސް ކުރެވެން އޮންނަ ސަރަހައްދުތަކެވެ. މި ސަރަހައްދުތައް ބަންދުކޮށް ބަލަހައްޓަނީ ޔަހޫދީ އިޒްރޭލުންނެވެ. ހަމާސް އިން އެ ސަރަހައްދުތައް ފޫއަޅުވާލީ ދިން ވަރުގަދަ ހަމަލާތަކުގައި ޔަހުދީ ޓޭންކްތައް ގޮއްވާލައި ޔަހޫދީން ދުއްވި އަސްކަރީ އުޅަނދުތައް ވެސް އަތުލުމަށް ފަހުއެވެ. އިޒްރޭލާއި ގާޒާ ގުޅޭ 7 މަގެއް އޮވެއެވެ. އެ 7 މަގުވެސް ބަލަހައްޓާ ބަޔަކީ ޔަހޫދީން ކަމަށް ވާއިރު، ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އަސާސީ އެއްވެސް އެއްޗެއް ވައްދާ ބޭރުކުރުމުގަޔާއި މީހުން ވަދެ ނިކުމެ އުޅުމުގައި ސެކިއުރިޓީ ޗެކްޕޮއިންޓްތަކުން ހުއްދަ ނުލިބި ނުވެއެވެ.