އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް މަގާމުތަކުގައި ޑިމޮކްރެޓުންގެ މެންބަރުން ތިއްބަވާނެ ކަމަށް، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު ޑިމޮކްރެޓުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާޞު ދެއްވަމުން ހަސަން ވިދާޅުވީ، އުންމީދުކުރަނީ އާ ސަރުކާރު ހިންގުމުގައި ޑިމޮކްރެޓުންގެ ބައިވެރިވުން އޮތުން ކަމަށާއި، ހަމައެކަނި އާ ސަރުކާރަށް މަޝްވަރާ އާއި ލަފާ ދިނުމުގައި ބައިވެރިވުން އެކަންޏެއް ނޫން ކަމަށެވެ.
"އޭގެ މާނައަކީ ސަރުކާރުގެ މަގާމުތަކުގަ ޑިމޮކްރެޓުންގެ ވެސް މެންބަރުން ތިއްބެވުން،" ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޑިމޮކްރެޓުން ވާހަކަ ދައްކާފަ އޮންނާނީ މުއިއްޒު އެކުލަވާލައްވާ ސަރުކާރާ އެއްކޮށް މަސައްކަތްކުރުމަށް ކަމަށާއި، އެ ސަރުކާރުގައި ދެން ބައިވެރިވަނީ ކޮން ޕާޓީތަކެއްތޯ ބެލުމުގެ ޝައުގެއް ނެތް ކަމަށެވެ.
ހަސަން ވިދާޅުވީ، މުއިއްޒުގެ ބޭފުޅުންނާއި ޑިމޮކްރެޓުންގެ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ނިމި އެއާ ޖެހިގެން އައި ދުވަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ހަސަން ވަނީ، މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުންގެ ބައިވެރިވުން އޮންނާނެ ކަން ހާމަކުރައްވައިފައެވެ.
'ދަ ޕްރެސް' އިން އޭރު ސުވާލުކުރުމުން އޭނާ ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ އެކީ މަޝްވަރާތައް ފަށާނެ ކަމަށާއި، ޑިމޮކްރެޓުން އަލަށް އިންތިހާބުވި ސަރުކާރުގައި ހިއްސާވާނެ ކަން އެނގޭނީ މަޝްވަރާތައް ފެށުމުން ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވިއެވެ.
ނޯޗާންސް.
ހަސަންލަތީފަކީ ފޮނިއަނގަ ތަޅާ މީހެއް ކަމެއް ކުރެވޭ މީހެއްނޫން މަރުހޫމު ކައިރުކުޑޭވެސް އެކަހަލަ ވާހަކަ ދައްކާނެ