ހަމާސް އިން ކުއްލިއަކަށް ދިން ހަމަލާތަކާ އެކު އިޒްރޭލަށް ސިހުން ލިބިފައި ވާ އިރު، ގަވައިދާ ހިލާފަށް ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ފިލަން ދުވާ މަންޒަރުތައް އާންމު ވެއްޖެެއެވެ.

ސަހާރާ ތެރެއިން އެތައް ސަތޭކަ ބަޔަކު ފިލަން ދުވާ އިރު، ހަމާސް އިން އިޒްރޭލަށް ވަނުމަށްޓަކައި މޮޓަރައިޒް ގްލައިޑާ [ބުރަފަތި ލައި ވައިކުޑަ ފާޑަށް ހަދާފައި ހުންނަ އުދުހޭ އުޅަނދު] ގައި ވަނީ އުދުހި ގޮސް ވަދެފައެވެ.

މިއާއެކު އެއްގަމު މަގުން ގާޒާގެ ތެރެއިން ރޮކެޓް ހަމަލާތައް ވެސް ދަނީ ދެމުންނެވެ.

އާންމުވެފައި ވާ އެހެން ވީޑިއޯ އަކުން ފެންން ގޮތުގައި ހަމާސް އިން ވަނީ ޔަހޫދީ ސިފައިންގެ 2 މީހަކު ރަހީނުވެސް ކޮށްފައެވެ.

މުޅި އިޒްރޭލް އެލާޓްވެ ހަނގުރާމައިގެ ހާލަތު އިއުލާން ކޮށްފައި ވާ އިރު، ހަމާސްގެ މި ކުއްލި ހަމަލާތައް ފެށީ ޔަހޫދީންގެ އިންޓެލިޖަންސަށް ކުޑަވެސް ހިލަމެއް ނުވެއެވެ.

ކުއްލި މިހަމަލާގެ ފުރަތަމަ ވިހި މިނެޓްގެ ތެރޭގައި 5000 ރޮކެޓް ފޮނުވާލާފައި ވާ އިރު އަދިވެސް ރޮކެޓްތައް ދަނީ ފޮނުވަމުންނެވެ.

ޔަހޫދީ ސިފައިން ބަރުހަތިޔާރާއެކު ގާޒާގެ ތެރެއަށް ވަންނަންމުން ދާއިރު، ދެފަރާތުން ބަޑީގެ ހަމަލާތައް ވެސް ބަދަލުކުރަމުން އެބަދެއެވެ.

ފުޅާ އަދި ވަރުގަދަ އޮޕަރޭޝަނެއް ހިންގާނެކަން އިޒްރޭލުން އިއުލާން ކޮށްފައި ވާ އިރު، ހަމާސް އިން ބުނީ މިފަހަރު ކުޅިވަރު ކުޅުމެއް ނެތް ކަމަށާއި، ޔަހޫދީންގެ އުނދަގޫ ނިންމާނެ ކަމަށެވެެ.

ޔަހޫދީ އިޒްރޭލުން މުސްލިމުންގެ މުގައްދަސް އެއް ހަރަމް ކަމަށް ވާ އަލް އަގްސޯއަށް ވަދެ ހިންގާ ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުން ހަމާސް އިން މިފަހަރު ފޮނުވަން ފެށި ރޮކެޓް ތަކަކީ މީގެ ކުރިން ފޮނުވާ، ކުރު ރާސްތާ ރޮކެޓާ ހިލާފަށް ދުރަށް [އިޒްރޭލުގެ ތެރެއަށް] ފޯރާ ވަރުގެ ރާސްތާއެއް ލިބިފައި ވާ ރޮކެޓް ތަކެކެވެ. ކުއްލި އަކަށް ދޭން ފެށި މިހަމާތަކުގައި އިޒްރޭލުގެ އެކި ސިޓީތަކުން މިހާތަނަށް 5 މީހަކު މަރުވެ 15 ވަރަކަށް މީހުން ޒަހަމްވެފައި ވާ އިރު، ހަމާސް އިން ވަނީ އިޒްރޭލުގެ ޓޭންކަރެއްވެސް ގޮއްވާލައި ބައެއް މީހުން ރަހީނުވެސް ކޮށްފައެވެ.

މުޅި އިޒްރޭލު މިހާރު އެލާޓްގައި އޮތް އިރު ބޯމަތިން ރޮކެޓްތައް ނުފައިވާ ތަނެއް ނެތެވެ. އިޒްރޭލުގެ އަޝްކެލޮން، ކްރަފް އަވީވް ފަދަ ތަންތަނަށް ރޮކެޓްތައް ދަނީ އޮހެމުންނެވެ.

ހަމަލާތަކުން ދިފާއުވުމަށް އިޒްރޭލުން ގާއިމުކޮށްފައިވާ އަޔަން ޑޯމް ފޫއަޅުވާލައި ރޮކެޓްތައް ވަންނަމުން ދާއިރު، ރޮކެޓް ތައް އަމާޒުވެ ބައެއް އިމާރާތްތަކާއި ވެހިކަލްތަކުގައި ވެސް ރޯވެ އަނދަމުން އެބަދެއެވެ.

މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ރައްދު ދޭން ފަށާފައި ވާ އިރު، ގާޒާގެ އާންމުން މިހާރު ވަނީ އެމީހަކަށް އަތުޖެހުނު އެއްޗެއް [ބާލީހާއި، ބްލޭންކެޓާއި ދެން ކާން ބޭނުންވާ ބައެއް ތަކެތި] ހިފައިގެން ޕަލަސްތީނާއި އިޒްރޭލު ގުޅޭ ބޯޑަރަށް ޖަމާވާން ފަށާފައެވެ.

އިޒްރޭލުގެ ބޮން އަޅާ ބޯޓުތަކުން ހަމަލާ ދޭން ފަށާފައި ވާ އިރު، ގާޒާ އިން މިހާތަނަށް 5 މީހަކު ޒަހަމްވެ ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ހަބަރުތައް ބުނެއެވެ.

ހަމާސް އިން އިޒްރޭލާ ދެކޮޅަށް މި ފެށި ކުއްލި ހަމަލާތަކަކީ 17 އަހަރުވީ ރަށު ބަންދަކުން ގާޒާގެ ރައްޔިތުން މިނިވަން ކޮށް އަދި ޕަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާނަށް ނިމުމެއް ގެނައުމަށް ފެށި ހަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާޒާ އަކީ 2.3 މިލިއަން މީހުންގެ އާބާދީއަކަށް ވާއިރު ދިރިއުޅުމަށް ބޭނުންވާ އާންމު އަސާސީ ހިދުމަތްތަކާއި ކާބޯތަކެތި ލިބުމާއި ދަތުރުފަތުރު ކުރުމައި އިޒްރޭލުން އޮންނަނީ ހުރަސް އަޅާފައެވެ. ގާޒާއާ ގުޅޭ ހުރިހާ މަގުތަކެއްގައި ބެރިކޭޑް ޖަހާ ސެކިއުރިޓީ ޗެކް ކުރަމުން ގެންދާއިރު، އެ ރައްޔިތުންގެ މިނިވަންކަން ވަނީ ނިގުޅައިގެންފައެވެ.

ހަމާސް އިން ފެށި މިހަމަލާތައް އެމެރިކާއިން ވަގުތުން ކުށްވެރިކޮށް ބަޔާން ނެރެފައި ވާ އިރު، އިޒްރޭލުން ބުނީ، ޕަލަސްތީނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ފުރިހަމަ ހައްގާއި އިހުތިޔާރު ލިބިފައި ވާ ކަމަށާއި އަދި އެފަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާ ތައްޔާރު ކަމަށެވެ.

ފަލަސްތީނުގެ ގާޒާ އާއި ވަށައިގެން އޮންނަ ސަރަހައްދުތަކަށް ޔަހޫދީން ބާރު ފޯރުވާތާ ކިތަންމެ ޒަމާނެކެވެ. 1967 ގެ އަރަބް އިޒްރޭލް ހަނގުރާމަ އަށް ފަހު އެސަރަހައްދުގައި ހިނގަނީ އިޒްރޭލުގެ ބާރެވެ.