ޔަހޫދީ އިޒްރޭލުން މުސްލިމުންގެ މުގައްދަސް އެއް ހަރަމް ކަމަށް ވާ އަލް އަގްސޯއަށް ވަދެ ހިންގާ ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުން ރޮކެޓްގެ ވާރޭ ވެއްސާލައިފިއެވެ.

ދުނިޔޭގެ އެންމެ ވަރުގަ އެއް އިންޓެލިޖަންސް އިދާރާ، އިޒްރޭލުގެ މޮސާޑަށް ދޮންކަޅު ވެސް އަންގާނުލައި ކުއްލި އަކަށް ދިން މިހަމަލާގައި ފުރަތަމަ 20 މިނެޓް ތެރޭގައި 5000 ރޮކެޓް ފޮނުވާލާފައި ވާ ކަަމަށް ހަބަރުތައް ބުނެއެެވެ. އެއާއެކު ހަމާސް އިން ބުނެފައި ވަނީ، މިއީ ކުޅިކުޅިވަރަށް ކުރާ ކަމެއް ނޫން ކަމަށާއި ހަނގުރާމަ އިއުލާން ކުރީ ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ، އިޒްރޭލުން ހިންގާ ހުރިހާ އުދުވާނަކަށް ނިމުން ގެންނަން، އެމީހުން ޒިންމާދާރު ކުރުވުމަށް ހުރި ހުރަސްތައް ނިންމާލަން"
ހަމާސް

ހަމާސް އިން މިފަހަރު ފޮނުވަން ފެށި ރޮކެޓް ތަކަކީ މީގެ ކުރިން ފޮނުވާ، ކުރު ރާސްތާ ރޮކެޓާ ހިލާފަށް ދުރަށް [އިޒްރޭލުގެ ތެރެއަށް] ފޯރާ ވަރުގެ ރާސްތާއެއް ލިބިފައި ވާ ރޮކެޓް ތަކެކެވެ. ކުއްލި އަކަށް ދޭން ފެށި މިހަމާތަކުގައި އިޒްރޭލުގެ އެކި ސިޓީތަކުން މިހާތަނަށް 5 މީހަކު މަރުވެ 15 ވަރަކަށް މީހުން ޒަހަމްވެފައި ވާ އިރު، ހަމާސް އިން ވަނީ އިޒްރޭލުގެ ޓޭންކަރެއްވެސް ގޮއްވާލައި ބައެއް މީހުން ރަހީނުވެސް ކޮށްފައެވެ.

ހަމާސްގެ ރޮކެޓްތައް ގާޒާއިން އުދުއްސާލަނީ

މުޅި އިޒްރޭލު މިހާރު އެލާޓްގައި އޮތް އިރު ބޯމަތިން ރޮކެޓްތައް ނުފައިވާ ތަނެއް ނެތެވެ. އިޒްރޭލުގެ އަޝްކެލޮން، ކްރަފް އަވީވް ފަދަ ތަންތަނަށް ރޮކެޓްތައް ދަނީ އޮހެމުންނެވެ.

ހަމަލާތަކުން ދިފާއުވުމަށް އިޒްރޭލުން ގާއިމުކޮށްފައިވާ އަޔަން ޑޯމް ފޫއަޅުވާލައި ރޮކެޓްތައް ވަންނަމުން ދާއިރު، ރޮކެޓް ތައް އަމާޒުވެ ބައެއް އިމާރާތްތަކާއި ވެހިކަލްތަކުގައި ވެސް ރޯވެ އަނދަމުން އެބަދެއެވެ.

މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ރައްދު ދޭން ފަށާފައި ވާ އިރު، ގާޒާގެ އާންމުން މިހާރު ވަނީ އެމީހަކަށް އަތުޖެހުނު އެއްޗެއް [ބާލީހާއި، ބްލޭންކެޓާއި ދެން ކާން ބޭނުންވާ ބައެއް ތަކެތި] ހިފައިގެން ޕަލަސްތީނާއި އިޒްރޭލު ގުޅޭ ބޯޑަރަށް ޖަމާވާން ފަށާފައެވެ.

އިޒްރޭލުގެ ބޮން އަޅާ ބޯޓުތަކުން ހަމަލާ ދޭން ފަށާފައި ވާ އިރު، ގާޒާ އިން މިހާތަނަށް 5 މީހަކު ޒަހަމްވެ ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ހަބަރުތައް ބުނެއެވެ.

ހަމާސްގެ އަލް އަގްސޯ ބްރިގޭޑުން ހިންގާ މިހަމަލާތަކާ ގުޅިގެން ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ މިހާރު ގެންދަވަނީ އާންމުންނާ މުހާތަބު ކުރައްވާ ބަޔާނެއް ދެއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.

މި ބަޔާން ކުޑައިރުކޮޅެއްގެ ތެރޭގައި ދެއްވާނެކަން މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވީ ނަމަވެސް އަދި ވަގުތެއް ސާފެއް ނުވެއެވެ.

ހަމާސްގެ ރޮކެޓްތައް އިޒްރޭލަށް އަމާޒުވެ ވެއްޓެމުން ދާ ބައެއް ސަރަހައްދުތަކުގައި އޮފިޝަލުން ހަރަކާތްތެރި ވަނީ

ހަމާސް އިން އިޒްރޭލާ ދެކޮޅަށް މި ފެށި ކުއްލި ހަމަލާތަކަކީ 17 އަހަރުވީ ރަށު ބަންދަކުން ގާޒާގެ ރައްޔިތުން މިނިވަން ކޮށް އަދި ޕަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާނަށް ނިމުމެއް ގެނައުމަށް ފެށި ހަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާޒާ އަކީ 2.3 މިލިއަން މީހުންގެ އާބާދީއަކަށް ވާއިރު ދިރިއުޅުމަށް ބޭނުންވާ އާންމު އަސާސީ ހިދުމަތްތަކާއި ކާބޯތަކެތި ލިބުމާއި ދަތުރުފަތުރު ކުރުމައި އިޒްރޭލުން އޮންނަނީ ހުރަސް އަޅާފައެވެ. ގާޒާއާ ގުޅޭ ހުރިހާ މަގުތަކެއްގައި ބެރިކޭޑް ޖަހާ ސެކިއުރިޓީ ޗެކް ކުރަމުން ގެންދާއިރު، އެ ރައްޔިތުންގެ މިނިވަންކަން ވަނީ ނިގުޅައިގެންފައެވެ.

ހަމާސްގެ ރޮކެޓް ހަމަލާތަކުގެ ބަދަލު ހިފަން ޔަހޫދީން ބޮން އަޅަން އުދުހެނީ

ހަމާސް އިން ފެށި މިހަމަލާތައް އެމެރިކާއިން ވަގުތުން ކުށްވެރިކޮށް ބަޔާން ނެރެފައި ވާ އިރު، އިޒްރޭލުން ބުނީ، ޕަލަސްތީނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ފުރިހަމަ ހައްގާއި އިހުތިޔާރު ލިބިފައި ވާ ކަމަށާއި އަދި އެފަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާ ތައްޔާރު ކަމަށެވެ.

ފަލަސްތީނުގެ ގާޒާ އާއި ވަށައިގެން އޮންނަ ސަރަހައްދުތަކަށް ޔަހޫދީން ބާރު ފޯރުވާތާ ކިތަންމެ ޒަމާނެކެވެ. 1967 ގެ އަރަބް އިޒްރޭލް ހަނގުރާމަ އަށް ފަހު އެސަރަހައްދުގައި ހިނގަނީ އިޒްރޭލުގެ ބާރެވެ.