ރާއްޖޭގެ މަޝްހޫރު ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުން ގިނަ ޕްރޮޖެކްޓްތަކެއް އިއުލާން ކޮށްފިއެވެ.

ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓުން ވަނީ އެމީހުން މުސްތަގްބަލުގައި ގެނެސްދޭނެ ހަ ޕްރޮޖެކްޓެއް އިއުލާންކޮށް އެ ފިލްމުތަކުގެ ފަސްޓްލުކް ވެސް ދައްކާލާފައެވެ. އެ ކުންފުނިން އިއުލާންކުރި ހަ ފިލްމަކީ "އަލިފާން"، "ފެށުމާއި ނިމުން"، "ލައިފް ސަޅި"، "ލޭ"، "ވާރޭ" އަދި "އަވަ" އެވެ. މި ހުރިހާ ފިލްމުތަކަކީ ވެސް އޮލިމްޕަސް ސްކްރީނުގައި އަޅުވަން ހަމަޖެހިފައިވާ ފިލްމުތަކެކެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓަށް މިއަހަރު 17 އަހަރުވެގެން ދިޔަ އިރު އެ ފިލްމު ކުންފުންޏަކީ އެންމެ ކާމިޔާބު އެއް ފިލްމު ކުންފުނިވެސް މެއެވެ. ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ މި ކުންފުންޏަކީ ހުރިހާ ރަހަތަކެއް އެކުލެވޭ ފިލްމުތައް ވެސް އާންމުންނަށް ގެނެސްދީފައިވާ ބައެކެވެ. ކޮވިޑް 19 ގެ ވަބާގައި އޮލިމްޕަސް ބަންދުކުރުމަށްފަހު މިއަހަރު އަލުން ހުޅުވުނީ ވެސް އެ ކުންފުނީގެ "ބީވީމާ" އިންނެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މިއަހަރު ނިމިގެންދާނީ ވެސް އެ ކުންފުނިން ގެނެސްދޭ ފިލްމަކުންނެވެ. އެއީ "ނޮވެމްބަރ" އެވެ. މި ފިލްމަކީ މީގެ ތިން އަހަރެއްހާ ދުވަސްކުރިން އެއްކޮށް މަސައްކަތް ނިމި، ސިނަމާގައި އަޅުވަން ތައްޔާރަށް އޮތް ފިލްމެކެވެ. ނަމަވެސް ކޮވިޑް ގެ ސަބަބުން އެކަން ކާމިޔާބު ނުވީއެވެ.

ޑާކްރެއިންގެ މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމު "ނޮވެމްބަރ" އަކީ ލަންކާގައި ބޮޑު ބައެއް ޝޫޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަށް 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.