މިއަދު އިރުއޮއްސެން ގާތްވެފައި ވަނިކޮށް މާލެއިން ހުޅުމާލެއަށް ދާ ހައިވޭގެ ލޭންގައި 4 ކާރެއް ޖެހި ހިނގި އެކްސިޑެންޓަގައި އަނިޔާވި މީހަކަށް ނައިބު ރައީސް ފައިސަލް ނަސީމް އެހީތެރިވެ ވަޑައިގެންފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އެކްސިޑެންޓް ހިނގި އިރު ނައިބު ރައީސް ވެސް ހުޅުމާލެއަށް ވަޑައިގަތުމަށް އޭރު އިންނެވީ ހައިވޭގައި އެމަނިކުފާނުގެ ކާރުކޮޅުގައެވެ. އެކްސިޑެންޓް ހިނގައި އެ ސަރަހައްދުގައި ޓްރެފިކް ހުއްޓިފައިވާ އިރު، ފައިސަލް ނަސީމް އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އެހީތެރިވެ ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ.

އެ ވީޑިއޯގައި މަގުމަތީގައި އޮތް މީހާއާ ނައިބު ރައީސް ވާހަކަފުޅު ދައްކަވާ މަންޒަރު ފެނެއެއެވެ. އަދި އެއަށްފަހު އެމަނިކުފާނު ފޯނުން ގުޅުއްވައިގެން ވާހަކަފުޅު ދައްކަވާ މަންޒަރު ވެސް ފެނެއެވެ.

މި އެކްސިޑެންޓް ހިނގި ތާ ގަޑިއިރެއް ވީ އިރު ވެސް ޓްރެފިކް ބްލޮކް ވެ ސިނަމާލެ ބްރިޖުން މާލެއިން ހުޅުމާލެއަށް ދާ ލޭން ވަނީ ހުއްޓިފައެވެ. ޓްރެފިކްގައި ޖެހިފައި ގިނަ ބަޔަކު ކިއުގައި އަދިވެސް ތިބި އިރު، އަދިވެސް ޓްރެފިކް ކްލިއާ ނުވާ ކަަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެ ލިބުނު ގެއްލުން ފުލުހުން ހާމަކޮށްފައި ނުވާ އިރު، އުޅަނދުތަކަށް ލިބުނު ގެއްލުން ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ސީން ގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް ބުނެފައިވާ އިރު، މި ވަގުތު ސިނަމާލެ ބްރިޖުން ހުޅުމާލެ އަށް ދަތުރުކުރާ ފަރާތްތަކުން ޓްރެފިކް ބްލޮކް ވެފައިވާތީ އެކަމަށް ސަމާލު ވުމަށް ފުލުހުން ވަނީ ބުނެފައެވެ.