މީގެ ކުރިން މާލޭގައި ގެއެއްގައި އޮސްޓްރިޗެއް ގެންގުޅުނު ވާހަަކަ އަކީ އާ ވަހާކައަކަށް ނުވާނެއެވެ. އެ ދޫނި ގޭގައި ގެންގުޅޭ މައްސަލަ ބޮޑުވެ، އާންމުންގެ ފާޑު ކިޔުން ވެސް އޭރު އަމާޒުވެގެން ދިޔައެވެ.

މި ފާޑުކިޔުންތަކުގެ ސަބަބުން ފިޝަރީޒް މިނިސްޓްރީން ވަނީ، އެ މައްސަލަ އޭރު ބަލާފައެވެ. އަދި އެ ދޫންޏަކީ، ދޫނި ފާމެއްގައި ގެންގުޅެން ހުއްދަ ދޫކޮށްފައިވާ އޮސްޓްރިޗެއް ކަމަށާއި ނަމަވެސް ފާމުގެ ބަދަލުގައި ގޭގައި އެ އޮސްޓްރިޗް ގެންގުޅޭ މައްސަލަ މިނިސްޓްރީން ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.

އެކަމާ ގުޅިގެން އެ ދޫނި ގެންގުޅޭ ފަރާތުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އެ ދޫނި ބަދަލު ކޮށްފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދާޖަހައި ހަދަފައިވާ ކޮއްޓެއްގައި އެ ދޫނި ގެންގުޅެމުން އަންނަ އިރު އެ ދޫނި ބަލާލަން އެ ސަރަހައްދަށް އެތައް ބަޔަކު ގޮސް އުޅެއެވެ. ހާއްސަ ކޮށް ކުޑަކުދިން އެ ދޫނި ބަލާލަން ދެއެވެ.

ހުޅުމާލޭގައި ގެންގުޅެމުން ދިޔަ އޮސްޓްރިޗްގެ ފަޔަށް ތޫނު އެއްޗަކުން ހަމަލާ ދީފައި / ފޮޓޯ: އިސްމާއިލް ޝާހް

މިއަދު އެ ދޫނި ގެންގުޅޭ ވެރި ފަރާތް، އިސްމާއިލް ޝާހް ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ، ވަރަށް ލޯބިން ގެންގުޅެމުން ދިޔަ އޮސްޓްރިޗަށް ރޭގެ ވަގުތެއްގައި ބަޔަކު ހަމަލާ ދީ، އެ ސޮރުގެ ފައި ބިންދާލާފައިވާ ކަަމަށެވެ. އަދި އެއީ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެ ދޫނި ބަލާލަން ދުވާލަކު 50 ނުވަތަ 100 އެއްހާ މީހުން އެ ފާމް ކައިރިއަށް ޒިޔާރަތް ކުރާ ކަމަށެވެ. ދޫނީގެ ހާލު ގޯސް ކަމަށާއި އެ ސޮރަށް ފަރުވާ ދޭނެ ޑޮކްޓަރެއް ބޭނުންވާ ކަމަށް ބުނެ، ޑޮކްޓަރެއްގެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް އޭނާ އެދިފައި ވެއެވެ.

ދޫނީގެ ހާލު ބަލާލުމަށް 'ދަ ޕްރެސް' އިން އިސްމާއިލް ޝާހް އަށް ގުޅުމުން އޭނާ ބުނީ، މިހާރު އެ ދޫނި މަރުވެއްޖެ ކަމަށެވެ.

އޮސްޓްރިޗް ކައިރިއަށް އެންމެ ފަހުން އޭގެ ވެރިޔާ ޒިޔާރަތް ކުރީ ރޭގެ 11:40 ހާއިރުއެވެ. އޭރުވެސް އެ ދޫނި އިނީ ރަނގަޅަށް ކަމުން އެ ދޫންޏަށް ހަމަލާ ދީފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް އިސްމާއިލް ޝާހު ބުނެއެވެ.

އޮސްޓްރިޗާ އެކު އޭގެ ވެރިޔާ އިސްމާއިލް ޝާހް / ފޮޓޯ: އިސްމާއިލް ޝާހް

އޭނާ އާންމުކުރި ފޮޓޯއާއި ވީޑިއޯއިން ފެންނަ ގޮތުގައި އެ ސޮރުގެ ފަޔަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީފައެވެ. އެ ޒަހަމަތްކާ އެކު އެ ސޮރުގެ ފައި ބިނދިގެން، ނުވަތަ ބުރިވެގެން އެ ސޮރު ވަނީ ވެއްޓިފައެވެ.

މި ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ އަމަލު ކުށްވެރި ކުރަމުންނެވެ. އަދި މިފަދަ ދޫންޏެއް ގަނެ އެތެރެ ކުރުމަކީ ވަރަށް ބޮޑު ހޭދައެއް ކަަމަށާއި އެ ސޮރަށް ކާން ދީ ބެހެލެއްޓުމަށް ވެސް ބޮޑު ހަރަދެއް ހިނގާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. މީހަކު ލޯބިން ބަލަހައްޓަމުން ދާ އެފަދަ ދޫންޏަކަށް، އަދި ދާ ޖަހާފައި ފާމެއް ހަދައިގެން ބަންދުކޮށްފައިވާ ތަނެއްގައި އިން އެއްޗަކަށް އަނިޔާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށް ވެސް އާންމުންގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.