އައްޑޫ ސިޓީ މީދޫގައި ރޭ ދެ ސައިކަލެއްގައި ރޯކުރި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ސ.މީދޫ ޔާގޫތުގޭގެ ފެންޑާގައި ބަހައްޓާފަ ހުރި 2 ސައިކަލުގައި ރޯކޮށްލާފައިވާ އިރު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު އެ އިދާރައަށް ލިބިފައިވަނީ ރޭ 11:37 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށާ އެހެންނަމަވެސް ދެެ ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި މި އަލިފާނުގެ އަސަރު އެ ގެއަށް ވެސް ކޮށްފައިވާއިރު ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އައްޑޫ ސިޓީ މީދޫ އިން ވާހަކަދެއްކި މީހަކު ބުނީ އެގޭގައި އަލިފާން ނިއްވާލުމުގެ މަސައްކަތްކޮށްފައިވަނީ އެމްއެންޑީއެފް އާއި އެ ރަށުގެ ރައްޔިތުން ގުޅިގެން ކަމަށެވެ. އަދި އެ އަލިފާންގަނޑު ކޮންޓްރޯލްކުރެވުނު އިރު އެގޭގެ ފެންޑާ އާއި ސިޓިންރޫމުގެ ސީލިން ގަނޑު ހަލާކުވެފައިވާއިރު އަލިފާނުގެ އަސަރު ކޮޓަރިއަށްވެސް ކޮށްފައިވާކަމަށެވެ.