ޕީއެންސީގެ އާ ރައީސް ކަމަށް އިންތިހާބީ ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފިއެވެ.

ދާދިފަހުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްްވި މުއިއްޒު ޕީއެންސީގެ ރައީސް ކަމަށް އިންތިހާބުކުރީ އެ ޕާޓީން މިރޭ ބޭއްވި މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ވަނީ އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޕީއެންސީގެ ނައިބު ރައީސް ކަމަށް، އަދި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބު ކޮށްފައެވެ.

ތިން ބޭފުޅުން ވެސް ޕީއެންސީގެ މަގާމުތަކަށް އިންތިހާބުކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 40 މެންބަރުންގެ އިއްތިފާގުންނެވެ.

މުއިއްޒު ޕީއެންސީ އަށް ސޮއިކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިމިދިޔަ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް މުއިއްޒު ވެވަޑައިގަތީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓު ދެއްވި 48 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ އިއްތިފާގުންނެވެ.

އެއަށްފަހު މިދިޔަ މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުކުރައްވައި، މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރައްވައި ރައީސް ކަމަށް ހޮވިވަޑައިގެންފައެވެ. މުއިއްޒާ ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.