އިންތިގާލީ މުއްދަތުގެ ތެރޭގައި ކުންފުންޏަށް ބަދަލު އަންނަފަދަ ކަންކަން ނުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގައިފިއެވެ.

ޕީސީބީން ބުނީ އިންތިގާލީ މުއްދަތުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ޒިންމާދާރު އަދި ހާމަކަންބޮޑު ގޮތެއްގައި ކުންފުނީގެ ނިންމުންތައް ނިންމުމަށް ކުންފުނީގެ ބޯޑުތަކަށް އަންގާ ކަމަށެވެ.

އަދި ޕީސީބީން ވަނީ ރިޔާސީ އާ ދައުރަކަށް ހޮވިފައިވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެށުމާ ހަމައަށް މިހިނގާ އިންތިގާލީ މުއްދަތުގައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވިޔަފާރި ކުރާ އެންމެހާ ތަންތަނުން އަމަލު ކުރަންވީ ގޮތް އާންމު ކޮށްފައެވެ.

ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލު ކުރަންވީ ގޮތް:

  1. ކުންފުނިން އާންމުކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި މުޅުން އަކަށް އެއްވެސް ޕްރޮޖެކްޓެއް ނުވަތަ ކުންފުނިން ބޮޑު ހަަރަދެއް ކުރަންޖެހޭ އާ އެއްވެސް ކަމެއް ނުކުރުން
  2. ކުންފުނީގެ އާމްދަނީއަށް އަސަރުކުރާނެ ގަވާއިދުތަކާއި އުސޫލުތަކާއި ނިންމުންތަކަަށް އެއްވެސް ބަދަލެއް ނުގެނައުން
  3. ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި އަދި މުސާރައާއި އިނާޔާތްތަކަށް އެއްވެސް ބަދަލެއް ނުގެނައުން
  4. ކުންފުނީގެ މުވައްޒަފުންނާގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް އެއްވެސް ބަދަލެއް ނުގެނައުން
  5. ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުން

މީގެއިތުރުން އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ފަރާތުން އިންތިގާލީ މަރުހަލާގައި މަސައްކަތް ކުރަމުން ގެންދާ އިންތިގާލީ ކޮމިޓީއަށް ބޭނުންވާ އެންމެހާ މައުލޫމާތު ފޯރުކޮށް ދިނުމަށާއި، އެ ކޮމިޓީއަށް ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ޕްރަވެޓައިޒޭޝަން ބޯޑުން ވަނީ އެދިފައެވެ.