މި ސަރުކާރަށް ބާރުވެރިކަން އޮވެ، ވެރިކަން ގެއްލިގެން ދިޔައީ އެއްވެސް ޕްލޭނެއް ނުވަތަ ސްޓްރެޓެޖީއެއް ނެތުމުން ކަމަށާ، މިކަމަކީ ރައްޔިތުން ވިސްނާލަންޖެހޭ ކަމެއް ކަމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިމްތިޔާޒު ވިދާޅުވީ ދިވެހި ރައްޔިތުންނާ އަދި ރާއްޖެ ތަމްސީލު ވާގޮތަށް މަޖިލިސް އެކުލާވާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންގެ ކަންކަން ތަމްސީލުވާ ގޮތަށް ބައްޓަން ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން އިމްތިޔާޒު ވިދާޅުވީ މަޖިލީހުގެ ސައިޒަށް އަންނަ ބަދަލަށް ވެސް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުންދާ ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒު ވިދާޅުވީ ރައްޔިތުނަށް ކަމުދަނީ ކޮން ނިޒާމެއްތޯ ބަލަން އެމްޑީޕީއިން ބޭނުން ނުވާ ކަމަށާ އެހެންނަމަވެސް ބަރުލަމާނީ އާއި ރިޔާސީ އަކީވެސް ނިޒާމެއް ކަމަށެވެ. 'ނިޒާމު' ތަކަކީ އެންމެން ގެ އެއްޗެއް ކަން ފާހަގަ ކުރައްވަމުން އިމްތިޔާޒު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަކީ ނިޒާމެއް ނޫން ކަމަށާ އެއީ 'އެންމެންގެ އެއްޗެއް' ނޫންކަމަށެވެ.

އެމްޑީޕީ އާއި މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިމްތިޔާޒު ވިދާޅުވީ ވެރިކަމުގެ 'ސުޕާ ޕަވަރުގެ' ދަށުންވެސް އެއްވެސް ކަމެއް ކުރެވިފައި ނުވާކަމަށާ ކޯލިޝަންވެސް ގެއްލުނީ ލީޑާޝިޕެއް ނެތުމުން ކަމަށެވެ. އިތުރަށް އިމްތިޔާޒު ވަނީީ މި ވެރިކަމުގައި ގައުމަށް ގެންނަން ޖެހޭ ބަދަލުތަކާ އަދި ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތަކަށް އެޑްރެސް ކުރުމެއްނެތި ކަންނެތްކަމުގައި ފަސް އަހަރުގެ ދައުރެއް ދުއްވާލީ ކަމަށް ސިފަކުރައްވާފައެވެ.