އިންތިހާބީ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު، މޭޔަރު ކަމުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ހަވާލު ކުރައްވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައި ވާއިރު މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 119 ވަނަ ރަސްމީ އާންމު ޖަލްސާ އަކީ މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ކައުންސިލްގެ އެންމެ ފަހު ޖަލްސާއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ މާލެ ސިޓީ ކައުންސިލަރުންނާއި ވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވޭތުވެދިޔަ ތާނގައި އެފަރާތްތަކުން ދިން އެއްބާރުލުމާއި ކުރި ބުރަ މަސައްކަތް މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މުއިއްޒު ވަނީ މާލޭގެ ކަންކަތައްތައް ރައްޔިތުން އެދޭ ގޮތަށް ކުރުމުގައި ހުރި ހުރިހާ ގޮންޖެހުންތަކެއް ގިރާކުރުމުގައި ކައުންސިލަރުން ދެއްވި އެއްބާރުލުން ހިތުގެ އަޑިން ފާހަގަކުރައްވައި ހުރިހާ ކައުންސިލަރުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ ގާނޫނީ ގޮތުން 17 ނޮވެންބަރާ ހަމައަށް މަގާމުގައި ހުންނަވާނެ ކަމަށާއި ގާނޫނީ ފަރާތްތަކާއި އެލްޖީއޭ މެދުވެރިކޮށް ބެއްލެވިއިރުވެސް ޒިންމާތައް ޑެޕިއުޓީ މޭޔަރާ ހަވާލުކުރެވެން އޮތުމާއެކު އެގޮތަށް އެކަން ކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މި ޓްރާންސިޝަނަލް މުއްދަތުގައި ޓްރާންސިޝަން މަސައްކަތަށް ވަގުތު ދެއްވަން ބޭނުން ވެވަޑައިގަންނަވާ ކަމަށާއި 17 ވަނަ ދުވަހު މަސައްކަތް ފަށާއިރު އެކަމަށް ތައްޔާރު ވެފައި ހުންނަވަން ބޭނުން ވެވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހުރިހާ ވަގުތެއް ޓްރާންސިޝަން މަަސައްކަތް ތަކަށް ދެއްވައިގެން ކޮމިޓީތައް ހިނގާ ގޮތް ބެއްލެވުމާއި ޑިރެކްޓާ ޖެނެރަލް ކުރައްވާ މަސައްކަތަށް އެހީތެރިކަން ދެއްވުމަށް ބޭނުން ވެވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މައުލޫމާތެއް އެއްކޮށް އެނަލައިޒްކޮށް ޕްލޭން ހައްދަވަން ބޭނުން ވެވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެެ.
މުއިއްޒު ވިދާޅުވީ މެނިފެސްޓޯއެއް އޮތް ނަމަވެސް ތަފްސީލީ ޕްލޭނެއް ހަދައިގެން ފަށަން ގަސްތު ކުރައްވާ ކަމަށާއި އެއަށް ހުރިހާ ވަގުތެއް ދެއްވަން ބޭނުން ވެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށް ވަގުތު ދެއްވަމުން ކައުންސިލްގެ ޒިންމާތަކަށް ވަގުތު ނުދެއްވޭ ކަމަށް ވަނީނަމަ އެއީ މާލޭގެ ރައްޔިތުންނަށް އެންމެ ހައްގު ގޮތް ނޫން ކަމަށް ވެސް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ އެލްޖީގެ ގާނޫނީ ޓީމުން ލަފާ ދީފައި ވަނީ މިއީ ހާއްސަ ހާލަތެއް ކަމަށާއި އެ މަސައްކަތަށް ވީއްލާ ގޮތަށް ޗުއްޓީ ދެވިދާނެ ކަމަށާއި އެއީ ހަމަ ރަސްމީ މަސައްކަތަށް ވާތީ ކަމަށެވެ. އަދި މުއިއްޒު ވިދާޅުވީ މިއަށްފަހު ރަސްމީކޮށް ޒިންމާތައް ހަވާލުވެ ކުރިއަށް ގެންދަވާނީ ނަރީޝް ކަމަށާއި ވަރަށް ފުރިހަމައަށް ގެންގޮސްދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.