ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެ އުސޫލު އެކުލަވާލައިފައި ވަނީ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރެވޭ ޑިރެކްޓަރުންގެ ޒިންމާތައް އަދާ ކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާން ކުރުމަށް ކަމަށެވެ.

އަދި ހަމައެހެންމެ އެ ފަރާތްތައް ނަޒާހަތްތެރި ކަމާއެކު ޖަވާބުދާރީ ކުރަވަނިވި އަދި ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތް ކުރުމަށާއި އަމަލުތައް ބެހެއްޓުމަށް ބާރުއެޅުމާއި ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރާނަމަ އެޅޭނެ ފިޔަވަޅުތައް ބަޔާން ކުރުމާއެކު އެކަމުގައި އަމަލުކު ރެވޭނެ އިޖުރާއަތްތައް ކަނޑައެޅުމަށް ކަމަށް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.

އެގޮތުން، ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ގަބޫލު ކުރެވިއްޖެ ނަމަ، ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ އިންކުއަރީއެއް ހެދުމާ މެދު ގޮތެއް ނިންމައި ތިން ދުވަހުގެ ތެރޭގައި އިންކުއަރީއެއް ހަދަން ޖެހޭ ކަމަށް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ. ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވާނަމަ ޝަކުވާ ހުށަހެޅުމުގެ ހައްގު އެކަމުގައި މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

އަދި ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ހާލަތުގައި އެފަދަ ގޮތަކަށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމް ޕްރައިވަޓައިޒޭޝަން ބޯޑުން ހަމަޖައްސަދޭން ވާނެ ކަމަށް ވެއެވެ. އަދި ހުށަހެޅޭ މައްސަލަ ބަލައިނުގަތުމަށް ނިންމިއިފި ނަމަ ތިން ދުވަހުގެ ތެރޭގައި، އެ ޝަކުވާ ހުށަހެޅި ފަރާތަށް އެކަން އަންގަން ޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

ސަރުކާރު ކުންފުނިތަކުގެ އިތުރުން ސަރުކާރު ހުއްސާވާ ހުރިހާ ކުންފުންޏަކުންވެސް އެ އުސޫލަށް އަމަލުކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ އަންގާފައެވެ. މި އުސޫލު ފާސްކޮށްފައި ވަނީ ސެޕްޓެމްބަރު 14، 2023 ގައި ޕްރައިވަޓައިޒޭޝަން ބޯޑުން ބޭއްވި ބައްދަލުވުމުގައެވެ. އަދި މި އުސޫލަށް އަމަލު ކުރަން ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ.