އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ނޮވެމްބަރު މަހުގެ 17 ގެ ފަހުން މިނިވަން ކުރައްވާނެ ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އަޑުއުފުލައި އެއްވެ ނޫޅުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވާފައި ވަނިކޮށް ޔާމީންގެ ސަޕޯޓަރުން އެ މަނިކުފާނު މިނިވަންކުރަން ގޮވާލައި މަގު މައްޗަށް ރޭ އެއްވެއްޖެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ، ވެރިކަން ލިބިވޑައިގަތުމުން ކޮށްދެއްވާނެ ކަންކަމުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރުމުގެ ވާހަކައަށް އަލިއަލުވާލައްވާފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށާއި އެ ފުރުސަތު ދިނުމަށް ރައްޔިތުންގެ ފަރާތުން މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން އެ މަނިކުފާނު މިނިވަން ކުރަން ގޮވާލައި އަޑު އުފުލައި އެއްވެ ނޫޅުމަށް ވެސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު މި ދަންނަވަނީ 17 ވަނަ ދުވަހަށް (ނޮވެމްބަރު 17) ދާއިރުގައި މިހާރު އޮތް ޕްރޮސެސްއިން އެ މަނިކުފާނު މިނިވަން ނުވާ ކަމަށް ވަންޏާ، މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ. އެހެންވެ މި ދަންނަވަނީ އެ ދުވަސް ވާނީ އެ ނުފޫޒު ނިމުމަކަށް އަންނަ ދުވަހަކަ ށޭ. އެ ހިސާބުން އެމަނިކުފާނު މިނިވަންވާނެ." މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް، ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު ޔާމީންގެ ސަޕޯޓަރުން އެ މަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހި ކައިރިޔަށް އެއްވެ އެ މަަނިކުފާނު މިނިވަން ކުރުމަށާއި އިސްތިއުނާފުގެ މައްސަލަ އަވަސް ކުރުމުގެ އިތުރުން އިންޑިއާ ސިފައިން ބޭރުކުރަން ވަނީ ގޮވާލާފައެވެ. މިހާރު އޮތީ ޕީޕީއެމްގެ ސަރުކާރެއް ކަމަށް ބުނެ، މި ސަރުކާރުން ޔާމީނަށް ދެމުންގެންދާ އަނިޔާ މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް އެއްވި ބައިވެރިން ވަނީ ގޮވާލާފައެވެ. އަދި އެ ވަގުތު އެ މަނިކުފާނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ގޭގެ ކުޑަދޮރުން އެ މަންޒަރު ބައްލަވަމުން ގެންދެވިއެވެ.

11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން، ގޭ ބަންދަށް ބަދަލު ކުރީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީން ހޯދި ކާމިޔާބާއެކު މުއިއްޒު އެގޮތަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލެއްވުމުންނެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ދެއްވި މެސެޖްގައި ވެސް މުއިއްޒު ވިދާޅުވެފައި ވަނީ، މިވަގުތުން މިވަގުތަށް ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ހިނގަމުން ދާ ސަރުކާރަށް ކުރެވޭނެ ކަމަށް ވާތީ ލަސްނުކޮށް އެކަން ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

އިއްޔެ ޔާމީން ގެއަށް ވަޑައިގެންނެވި އިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ޔާމީނަށް މަރުހަބާ ކިޔުމަށް އެއްވިއިރު، އެތާނގައި އިންތިހާބީ ރައީސް އަދި ނައިބުގެ އިތުރުން ޕީއެންސީގެ ރައީސް އާއި ޔާމީންގެ ލޯޔަރުންވެސް ތިއްބެވިއެވެ. ޔާމީން ގެކޮޅާ ހަމައަށް ވަޑައިގެން އަނބިކަނބަލުންނާ ބައްދާލެއްވުމަށް ފަހު އެއްވެ ތިބި މީހުންނަށް ހަނާއަޅުއްވާ ހެއްދިއެވެ. އަދި އެވަގުތު ކައިރީގައި ތިބެއްވި ޕީއެންސީގެ ރައީސް އާއި އިންތިހާބީ ރައީސް އަދި ނައިބުގެ އިތުރުން އިސް ލޯޔަރު މުހައްމަދު ޖަމީލާ ޔާމީން ވާހަކަ ދެއްކެވި ނަމަވެސް އިންތިހާބީ ރައީސް ޑރ. މުއިއްޒަށް މާބޮޑު ސަމާލުކަމެއް ދެއްވާފައެއް ނުވާކަން ފާހަގަ ކުރެވެއެވެ.