އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޮވެމްބަރު މަހުގެ 17 ގެ ފަހުން މިނިވަން ކުރައްވާނެ ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އަޑުއުފުލައި އެއްވެ ނޫޅުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ، ވެރިކަން ލިބިވޑައިގަތުމުން ކޮށްދެއްވާނެ ކަންކަމުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރުމުގެ ވާހަކައަށް އަލިއަލުވާލައްވާފައެވެ. މުއިއްޒު ވިދާޅުވީ، ކުރިން ވެސް އޭނާ ވިދާޅުވި ފަދައިން އިންތިހާބު ކާމިޔާބު ވުމުން ޔާމީން ގެއަށް ގެނެސްދެއްވާނެ ކަމަށް މީޑިއާގެ ކުރިމަތީގައި ވިދާޅުވި ކަމަށާއި އެގޮތަށް އެކަން ކުރެއްވައިފި ކަމަށެވެ.

"އަޅުގަނޑު ދެންނެވި ގޮތަށް ފުރަތަަމަ ދުވަހު ފުރަތަަ ވެސް އަޅުގަނޑު ދެންނެވިން އަޅުގަނޑު އިންތިހާބު ކުރައްވައިފި ނަމަ ފުރަތަމަ ދުވަހު މީޑިއާއަށް ބައްދަލުވާ ދުވަހު އަޅުގަނޑު ގޮވާލާނަމޭ އެމަނިކުފާނު ގެއަށް ބަދަލުކޮށްދޭން. އެގޮތަށް އަޅުގަނޑު ކުރިން. އަދި ޖެހިގެން އައި ދުވަހު އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވި"
ޑރ. މުހައްމަދު މުއިއްޒު

އެގޮތުން އަންނަ ނޮވެމްބަރު މަހުގެ 17 ވަަނަ ދުވަހާ ހަމައަށް ދާއިރު، އެމަނިކުފާނު މިނިވަން ނުވާނަމަ، މިނިވަން ނުވާނީ މި ސަރުކާރުން ނުފޫޒު ފޯރުވަތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ ރައީސުލްޖުމްހޫރިޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ ކަމަށާއި ނޮވެމްބަރު 17 ވަނަ ދުވަހު ސަރުކާރުގެ ނުފޫޒަށް ނިމުމެއް އަންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ދުވަހުގެ ފަހުން ރައީސް ޔާމީން މިނިވަން ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ މި ދަންނަވަނީ އެ ދުވަސް [ނޮވެމްބަރު 17] ވާނީ އެ ނުފޫޒް ނިމުމަކަށް އަންނަ ދުވަހަށޭ. އެ ހިސާބުން އެމަނިކުފާނު މިނިވަން ވާނެ."
ޑރ. މުހައްމަދު މުއިއްޒު

އެ ދުވަހާ ހަމައަށް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށާއި އެ ފުރުސަތު ދިނުމަށް ރައްޔިތުންގެ ފަރާތުން މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން އެ މަނިކުފާނު މިނިވަން ކުރަން ގޮވާލައި އަޑު އުފުލައި އެއްވެ ނޫޅުމަށް ވެސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން، ގެކޮޅަށް ބަދަލު ކުރީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީން ހޯދި ކާމިޔާބާއެކު މުއިއްޒު އެގޮތަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލެއްވުމުންނެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ދެއްވި މެސެޖްގައި ވެސް މުއިއްޒު ވިދާޅުވެފައި ވަނީ، މިވަގުތުން މިވަގުތަށް ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ހިނގަމުން ދާ ސަރުކާރަށް ކުރެވޭނެ ކަމަށް ވާތީ ލަސްނުކޮށް އެކަން ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ކާމިޔާބު ހޯއްދަވާފައި ވަނީ، ބޮޑު ތަފާތަކުން ކަމަށް ވާއިރު، މުއިއްޒުގެ ކެމްޕެއިންގެ ހުރިހާ ދަތުރުތަކެއްގައި ވެސް، ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލައްވައި އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ އެއް މަސައްކަތަކަށް ވާނީވެސް ޔާމީން މިނިވަން ކުރެއްވުން ކަމަށް ތަކުރާރު ކޮށް ވިދާޅުވެފައި ވެއެވެ.