އާ ސަރުކާރުން ވެރިކަމާ ހަމާލުވުމަށް ކައިރިވަމުންދާ މި ދަނޑިވަޅުގައި ކޮރަޕްޝަނަށް މަގުފަހިވާނޭ ފަދަ ކަންކަން ނުކުރުމަށް އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.
އެސީސީއިން ބުނީ ރިޔާސީ އިންތިހާބު ނިމި، ވެރިކަން ހިންގުމުގެ ބާރާ، އާ ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާ ކަމުގެ ގިނަ ޝަކުވާތަކެއް އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވާނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެސީސީއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެސީސީއިން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އަމަލު ކުރަން ލަފާދީފައިވާ ގޮތް:
- މުޅިން އާ ޕްރޮޖެކްޓުތައް ނުފެށުން
- ހަރަދުކުރުމުގައި، ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް އަމަލު ނުކުރުމަށާއ، ކުރަންޖެހޭ ހަރަދުތައް ފިޔަވައި އަލަށް ކަންކަން ނިންމައިގެން ހަރަދު ނުކުރުން
- ކުރިން ބަޖެޓްކޮށްފައިނުވާ ނުވަތަ ކުރިން ޕްލޭންކޮށްފައިނުވާ އާ ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިނުކުރުން
- ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަނުގެ އަމަލަކަށް މަގުފަހިވާ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލެ އޮންނަނަމަ އެ ފަދަ ނިންމުންތައް ނުނިންމުން
- ލިޔެކިއުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު، އަދި ފައިސާއާއި، ވިޔަފާރިއާއި މުއާމަލާތްތަކާ ގުޅުންހުރި އެއްވެސް ލިޔެކިއުމެއް ނައްތައުނުލުން
- މަތީގައި ދެންނެވިފައިވާ ކަންކަމަށް އޮފީސްތަކާއި، އިދާރާތަކާއި، ކުންފުނިތައް އަދި މުއައްސަސށތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ސަމާލުކަންދިނުން
އެސީސީއިން އިތުރަށް ބުނީ މި ދަނޑިވަޅުގައި އެފަދަ އެއްވެސް އަމަލެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެ މައުލޫމާތު ކޮމިޝަނާ ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެ ކޮމިޝަނުން އެފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގު ކުރަން ޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ.
އެފަދަ އަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން އެސީސީއިން ވަނީ ދީފައެވެ.
މިހުރިހާ ދުވަހު މިބޭފުޅުންގެ އަޑެއްބަޑެެއް ނުވެ އޮވެފާ ކޮންތާކުންތޯ މި ނުކުމެވަޑައިގަތީ. ޜަނގަޅު ވާނީ ދެެންވެސް މީހުން ކުރާ ކަންކަމާ ނުބެހި މުސާރައާއި ޢިނާޔަތް ނަންގަވައިގެން ގޭގައި ނިދި ކުރައްވާފައި ތިއްބެވުން.
ކުއްލިއަކަށް މިތަނުގެ އަނގަ ފެޅީމަ ވަރަށް ހިނި އާދޭ. މިތާ ތިބެނީ ލަދުގަންނާން ވެސް ނޭނގޭ ބައެއްކަން ޔަގީން.