އަލަށް އަންނަ ވެރިކަމަށް އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްރަސީއެއްގައި ވެރިކަން ބަދަލުވަނީ އިންތިހާބުން ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކާ، އިންތިހާބުން އަލަށް އަންނަ ވެރިކަމަށް މަރުހަބާ ކިޔައި އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށް ވެސް މައުމޫނު ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރީގައި އޮތީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މުއިއްޒަށް 129،159 ވޯޓު ލިބިވަޑައިގެންފައި ވާ އިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.