ސްޓާޕްލަސް އިން ގެނެސްދޭ އެންމެ ގިނަ މީހުން ބަލާ ޑްރާމާ "އަނުޕަމާ" އަކީ މިއަހަރު ސްޓާ ޕަރިވާރު އެވޯޑު ހަފްލާގައި ބެލުންތެރިންގެ އެންމެ މަގްބޫލު ޝޯގެ އެވޯޑު ހޯދި ސިލްސިލާއެވެ. މި ޑްރާމާ އަކީ ހަގީގީ ދިރިއުޅުމުގައި ވެދާނެ ކަންތައްތަކަށް ބިނާކޮށް ގެނެސްދޭ ޑްރާމާއެއްވެސްމެއެވެ. ޑްރާމާގެ ލީޑު ތަރި ރުޕާލީ ގަންގޫލީ (އަނުޕަމާ) ގެ ފުރަތަމަ ކައިވެނި އޭނާގެ ފިރިމީހާ ސުދަންޝޫ ޕާންޑޭ (ވަންރާޖް) ބޭވަފާތެރިވުމުގެ ސަބަބުން އަނުޕަމާ އޭނާގެ ކައިރިން ވަރިވެ މިހާރު އުޅެނީ ގޯރަވް ކަންނާ (އަނުޖް) އާއި ކައިވެނި ކޮށްގެންނެވެ.
ޑްރާމާގައި މިހާރު ވަނީ ކިހިނެއް؟
އަނުޖްގެ މަންމަ އަކީ އަނުޕަމާގެ ގުރުމާ ކަން އެނގިފައިވާނެއެވެ. ނަމަވެސް ގުރުމާ އަކީ އަނުޖްގެ މަންމަ ކަމަށް އޭނާ ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ސަބަބަކީ އަނުޖް ވިހެއުމަށްފަހު އޭނާ ކުޑަކުދިން ބަލަހައްޓާ މަރުކަޒަކަށް ލުމަށްފަހު ގުރުމާ އަނުޖްގެ ހަބަރު ދުވަހަކުވެސް ބަލާފައިނުވުމުންނެވެ. އަނުޕަމާގެ ފިރިހެން ދަރިފުޅު ސަމަރުގެ އަންހެނުން ޑިމްޕަލް ބަލިވެއިދެއެވެ. މުޅި އާއިލާއަށް އުފާވެރިކަން ލިބިގެންދަނީ ސަމަރު ބައްޕަ އަކަށްވާން އުޅޭކަމުގެ ހަބަރުލިބުމުންނެވެ. ނަމަވެސް ތަގުދީރުގައި ސަމަރުއަށް އޭނާގެ އަލަތު ދަރިފުޅާ ބައްދަލުވުމުގެ ފުރުސަތެއް ނުދެއެވެ. ސަމަރު ބައްޕަ އަކަށް ވާތީ އެ އާއިލާގެ ހުރިހާ ފިރިހެނުން ވެގެން ސަމަރު ގޮވައިގެން އުފާފާޅުކުރަން ރެސްޓޯރަންޓަކަށް ދެއެވެ.
ޑްރާމާގައި ދެން ވާނީ ކިހިނެއް؟
ރެސްޓޯރަންޓުގައި އުޅޭ ސޯނޫ ނަމަކަށް ކިޔާ މީހަކަށް އަނުޖް ފެނެއެވެ. އަދި އެމީހުން ހަމަޖެހިލައިގެން އުފާފާޅުނުކުރެވޭ ސަބަބަކަށް ސޯނޫވެގެންދެއެވެ. ސޯނޫގެ އަމަލުތަކަށް ރައްދު ނުދިނުމަށް އަނުޖް މަސައްކަތްކުރެއެވެ. އަދި އެމީހުންނާ ދުރުގައި އިން މޭޒަކަށް އެ މީހުން ބަދަލުވެއެވެ. ނަމަވެސް އެކަން ސޯނޫ އަށް ހަޖަމެއް ނުވެއެވެ. އަނުޖް އަށާއި އާއިލާއަށް ސޯނޫ ޖެއްސުން ކުރަން ފެށިއެވެ. އަނުޖްގެ ރުޅިގަނޑު ފަޅައިގެން ދަނީ އެހިސާބުންނެވެ. ސޯނޫ އާ ކުރިމަތިލައެވެ. ނަމަވެސް ކަންތައްތައް ބަދަލުވެގެންދަނީ ސިކުންތެއްގެ ތެރޭގައެވެ. ސޯނޫ އޭނާގެ ބަޑި ނަގައެވެ. އަދި އަނުޖްގެ ގަޔަށް ވަޒަން ފޮނުވާލައެވެ. ނަމަވެސް އެދެމެދަށް ސަމަރު ވަދެއެވެ. އެ ވަޒަން އައިސް ސަމަރުގެ ހަށިގަނޑު ފޫދުއްވާލައެވެ. އެ ހާދިސާގެ ސަބަބުން ސަމަރަށް ފަރުވާނުލިބި އޭނާ މަރުވެއެވެ. ވަންރާޖް އޭނާގެ ދަރިފުޅުގެ މަރުގެ ޒިންމާ އަނުޖްގެ ބޮލުގައި އަޅުވައެވެ. އަނުޕަމާގެ ދިރިއުޅުމަށް ލޮޅުމެއް އަރައެވެ. އެންމެ ލޯބިވާ ދަރިފުޅު މަރުގެ ހަބަރާއެކު ދެން އޭނާ އަށް އިވެނީ އެ މަރުގެ ފަހަތުގައި ވަނީ އޭނާގެ ލޯބިވާ ފިރިމީހާ އަނުޖް ކަމުގެ ހަބަރެވެ. ޑްރާމާގައި ދެން ކަންތައްތައްވެގެންދާ ގޮތް ބަލާލާށެވެ. އެންމެންނެކޭ އެއްގޮތަށް ސަމަރުގެ މަރުގެ ޒިންމާ އަނުޕަމާ އަޅުވާނީ އަނުޖްގެ ބޮލުގައިބާވައެވެ؟ އަނުޖް އަށް އަނުޕަމާ މައާފްކުރާނެ ހެއްޔެވެ؟