ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާ އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން އުޅޭ ނިޒާމީ ވޯޓަކީ ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރާނޭ ވޯޓެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނިޒާމީ ވޯޓެއް ނަގަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އޭނާގެ ހުށަހެޅުމުއި ގޮވައިލެއްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. ނަމަވެސް މި މަހުގެ 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށް އިސްލާހު ހުށަހަޅާ މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 31 މެންބަރުންގެ އިއްތިފާގުން އެ ގަރާރު ފާސްކޮށްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ ވޯޓަށް އިލެކްސަންސް ކޮމިޝަނުން ތައްޔާރުވަމުން ދާ ވަގުތެއްގައި ގާސިމް މިއަދު ވިދާޅުވީ ‏ރާއްޖޭގެ ގާނޫނު އަސާސީގައި ވާ ގޮތަށް ރިޔާސީ އިންތިހާބެއްގެ ދެ ބުރު ބާއްވާ އެ އިންތިހާބު މެދުވެރިކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބަކު އިންތިހާބު ކޮށް ދިވެހި ރައްޔިތުންނާއި، ބައިނަލްއަގްވާމީ މުޖުތަމައުން އެ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށްފައި ވަނިކޮށް، އިންތިހާބީ ރައީސް އާއި ނާއިބު ރައީސް މަގާމުގެ ހުވާކުރުމުގެ ކުރން، ވެރިކަން ކުރަންވީ ކޮން ނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމީ ވޯޓެއް ނެގުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު އަދި ބައިނަލްއަގްވާމީ މުޖުތައުގައި އަމަލު ކުރާ އުސޫލު ތަކާ ވެސް މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން އަމަލު ކޮށްފައިވާ ގޮތެއް ނޫން ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ހަމައެހެންމެ ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބަކު އިންތިހާބު ކޮށްފައި ވާ އިރު ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރުހުރި ފަރާތްތަކަކުން ގާނޫނު އަސާސީ އާއި ގާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑު ކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

އެހެން ކަމުން ތިމާމެން އެދޭގޮތް ހާސިލް ކުރުމަށް އެފަދަ ވޯޓެއް ނެގުމަކީ ދިވެހި ގައުމުގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެން ދާނޭ ކަމެއް ކަމުގައި މެނުވީ ނުވާނެ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން ގައުމުގައި އުފެދިގެން ދާނީ، ފިތުނައާއި ފަސާދައިގެ އަލިފާނުގެ ހުޅުގަނޑު ނޫން ކޮން އެއްޗެއްތޯ އައްސަވާ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެއީ ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކަން މިހެން އޮތުމާއި އެކު މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ވެރިކަމުގެ ނިޒާމާއި މެދު އިލްކްޝަންސް ކަމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކިޕާޓީ އަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއި އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާނޭ ވޯޓެއް ނޫން ކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން ކަން އަޅުގަނޑު ފުރިގަމަ އަށް ގަބޫލު ކުރަމެވެ.
ގާސިމް އިބްރާހިމް

ގައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިހާބު ކުރި ފަރާތްތަކާ ހަވާލުކޮށް، އަމާންކަމާއި އޮމާން ކަމާ އެކު ގައުމައިގެން ކުރިއަށް ދިއުމަކީ، ދިވެހި ގައުމުގެ ހައްގުގައި އެންމެ އިސް ވާޖިބު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ. އަދި ގައުމު ދަރަނިވެރިވެފައި ވާ މިންވަރުން ސަލާމަތް ކޮށް، ތަފާތު ރޮނގޮރޮނގުގައި ގައުމު ކުރިއަށް ގެންދެވޭނީ ގައުމުގައި ސިޔާސީ އަދި އިޖްތިމާއީ ހަމަޖެހުން ގާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށް ކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ގާސިމްގެ އިލްތިމާސަކީ ގައުމުގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރާ ވަކާލާތު ހުއްޓާލައި މުޅި ގައުމުގެ ހަމަޖެހުމަށްޓަކައި، ގައުމު އިސްކޮށް ގައުމައިގެން ކުރިއަށް ދިޔުން ކަމަށެވެ. "ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކުން ދިވެހި ރައްޔިތުންނަށް ލިބޭނޭ އިތުރު އެއްވެސް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ގަބޫލު ކުރައްވައެވެ. ބަރުލަމާނީ ނިޒާމަކުން ފައިދާވާނީ މަޖިލިސް މެންބަރުންނާއި، މަދުވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް އައްޔަން ކުރެވޭ މެންބަރުންނަށާއި، ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށެވެ." ގާސިމް ވިދާޅުވެފައި ވެއެވެ.

ނިޒާމު ބަދަލު ކުރުމުގެ ހިޔާލަކީ، އެމްޑީޕީގެ ކުރީގެ ރައީސް އަދި ފަހުން ޑިމޮކްރެޓްސް އާ ގުޅިވަޑަިއގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔާލުފުޅެކެވެ. އަބަދުވެސް ބަރުލަމާނީއަށް ވަކާލާތު ކުރައްވައި ބޮދުވަޒީރު ކަމުގެ ހުވަފެން ދެކެވަޑައިގަންނަވާ ނަޝީދު ވަނީ، ބަރުލަމާނީ ނިޒާމެއް ގެނެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ކުރުމަށްޓަކައި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް އެތައް ފަހަރަކު ވިދާޅުވެސް ވެފައެވެ.