މޫސުން ގޯސްވެ އުތުރުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ ށ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 10:30 އިން ފެށިގެން 14:00 ނިޔަލަށެވެ. އަދި މި ވަގުތު ތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އުތުރުގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލުވެސް ނެރެފައި ވެއެވެ. ހއ. އަތޮޅުން ފެށިގެން ގޮސް ބ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކޮށް ހުދު ސަމާލު ނެރެފައި ވަނީ މިއަދުގެ 14:00ގެ ނިޔަލަށެވެ.

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެން ވާ ކަަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ. މި ސަމާލު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.