އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަނބިކަނބަލުން ސާޖިދާ މުހައްމަދު ނިސްބަތްވެ ވަޑައިގަންނަވާ ދ. އަތޮޅުން ބޮޑު މެޖޯރިޓީއެއް ދީފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ވެސް 48.63 ޕަސެންޓު ވޯޓާއެކު ދ. އަތޮޅުގެ މެޖޯރިޓީ މުއިއްޒު ހޯއްދަވާފައި ވާއިރު މި ބުރުގެ މެޖޯރިޓީ މުއިއްޒު ހޯއްދަވާފައި ވަނީ 61.62 ޕަސެންޓު ވޯޓާ އެކުގައެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރެއްވި މުއިއްޒު ވަނީ އައްޑޫ ސިޓީ އަދި އއ. އަތޮޅު ފިޔަވާ ދެން އޮތް 18 އަތޮޅުން ވެސް މެޖޯރިޓީ ހޯއްދަވާފައެވެ. އައްޑޫ ސިޓީގެ މެޖޯރިޓީ މުއިއްޒުއަށް ގެއްލިފައި ވަނީ 2 ޕަސެންޓަށް ވުރެ ކުޑަ ތަފާތަކުންނެވެ.

މުއިއްޒުގެ ރަށް ކަމަށްވާ ހއ. ވަށަފަރުން އޭނާއަށް ވަނީ 68.18 ޕަސެންޓު ވޯޓު ލިބިވަޑައިގެންފައެވެ. މުއިއްޒުއާ ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިސްބަތްވެ ވަަޑައިގަންނަވާ ޅ. އަތޮޅުގެ މެޖޯރިޓީ ވެސް އިންތިހާބުގެ މި ބުރުގައި ހޯއްދަވާފައި ވަނީ މުއިއްޒުއެވެ.

ފ. ކ. އަދި ލ. އަތޮޅުން މުއިއްޒަށް 57 ޕަސެންޓަށް ވުރެ ގިނަ ވޯޓާއެކު މެޖޯރިޓީ ލިބިވަޑައިގެންފައި ވާއިރު މުއިއްޒުއަށް މުޅި އިންތިހާބުގައި ވޯޓުލީ މީހުންގެ 53.9 ޕަސެންޓު ވަނީ ލިބިވަޑައިގެންފައެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 46.1 ޕަސެންޓު ވޯޓެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ދެވަނަ ބުރުގައި މި ތަފާތު ބޮޑުކުރައްވައި 18،666 ވޯޓުން މުއިއްޒު ކުރި ހޯއްދަވާފައި ވާ އިރު މިއީ ވާދަވެރި އިންތިހާބެއްގައި ބޮޑު ކޯލިޝަނަކަށް ނުވާ ކޯލިޝަނަކާއެކު އެކަނި އެއް ކެންޑިޑޭޓަކު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވި އިންތިހާބެވެ. ދެވަނަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީ އާ ކޯލިޝަން ހެދީ 2000 ވޯޓު ހަމަ ނުވާ އެމްއެންޕީންނެވެ.