މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެއްވިއިރު އެންމެ ގިނަ ވޯޓާއެކު ދެވަނަ ބުރަށް ދަތުރުކުރެއްވި އިދިކޮޅު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މެޖޯރިޓީ ގެއްލިފައި ވަނީ ތިން ސަރަހައްދަކުންނެވެ. އެގޮތުން އއ އަތޮޅާއި ޅ އަތޮޅުގެ އިތުރުން އައްޑޫ ސިޓީއިން މުއިއްޒަށް ވަނީ މެޖޯރިޓީ ގެއްލިފައެވެ.

އިންތިހާބުތަކުގައި ކެންޑިޑޭޓުން ބޮޑު ސަމާލުކަމެއް ދޭ އައްޑޫން 2018 ވަނަ އަހަރު، މިހާރުގެ ރާއިސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހަވާލުކުރެއްވީ 12100 ވޯޓާއެކު 67.8 ދީގެންނެވެ. އެހެންނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ފަރަގު 5 ޕަސެންޓަށް ކުޑަވެގެން ދިޔައިރު އޭގެ ފަހަތުގައިވާ ސިއްރަކީ ކޮބާ ހެއްޔެވެ؟

އައްޑޫ ސިޓީ އިން 23،406 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން ވާއިރު މިއީ މި އިންތިހާބުގެ ނަތީޖާއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ސިޓީއެކެވެ. އައްޑޫ ސިޓީއަށް ދާދިފަހުން ދެ ކެންޑިޑޭޓުންވެސް ވަނީ ވަޑައިގެންފައެވެ. އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އެ ސިޓީއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު ފޭދޫ ބަނދަރު ސަރަހައްދަށް އެއްވެ ތިބީ މަރުހަބާ ކިޔާށެވެ. އައްޑޫގެ ކޮންމެ ރަށަކަށްވެސް މުއިއްޒު ވަޑައިގެން ވާހަކަ ދައްކަވާފައި ވާއިރު ކޮންމެ ބައްދަލުވުންތަކުގައި ވެސް ފެނިގެން ދިޔައީ ޕީޕީއެމް އަށް ގިނަ އަދަދެއްގެ ބަޔަކު ސޮއި ކުރި މަންޒަރެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ވަޑައިގަތުން/ ފޮޓޯ: ޕީޕީއެމް

މުއިއްޒަށް އޮތް ތާއީދުގެ ފަހަތުގައި އިންޑިއާ ސިފައިން ބޭލުން؟

ރާއްޖެއާއި އިންޑިއާ އާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބި ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އެކަން ސަރުކާރުން ދަނީ ތަކުރާރުކޮށް ދޮގު ކުރަމުންނެވެ. އެގޮތުން އިންޑިއާ ސިފައިން އައްޑޫގައި ތިބި ވާހަކަތަކަކީ ވެސް ވަރަށް ގަދައަށް ދެކެވޭ ވާހަކަތަކަށް ވާއިރު 'އަސްކަރީ ބޭނުމެއްގައި'، 'ހަތިޔާރާއެކު ސިފައިން ނެތް' ކަމަށް ބުނުން ފިޔަވައި އެކަމުގެ ސާފު މައުލޫމާތު ސަރުކާރުން މިހާތަނަށް ހާމަކޮށްފަައެއް ނުވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކަމަށް ބުނެ އިދިކޮޅުން އިސްވެ ފެށި "އިންޑިއާ އައުޓް" ކެމްޕެއިނުގެ ބޮޑު ހަރަކާތެއް އައްޑޫގައި ބާއްވާފައި ވާއިރު އެ ހަރަކާތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެ ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު އެ ދުވަހުވެސް ގަބޫލުކުރަން މަޖުބޫރުވި ހަގީގަތަކީ އައްޑޫގައި އިންޑިއާ ސިފައިން ނެތް ނަމަ އެހާ ގިނަ ރައްޔިތުން ނިކުތުމުގެ ބޭނުން ނެތް ކަމަށެވެ.

އައްޑޫއިން ވާހަކަދައްކާލި ކޮންމެ މީހަކުވެސް ދެއްކީ ގައުމީ ވާހަކަތަކެވެ. މިނިވަންކަން ނެތިގޮސް އިންޑިއާއަށް އަޅުވެތި ވެދާނެ ކަމުގެ ބިރުގައި އެ ރައްޔިތުން ތިބި ކަން ވާހަކަ ތަކުން އެނގުނެވެ. އެ ސިޓީއިން ވާހަކަދައްކާލި މީހަކު ބުނީ އެންމެ ބޭނުމީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބުން ކަމަށާއި ދިވެހިރާއްޖެ މިނިވަންކަމާއި އިސްލާމްކަން މަތީގައި އޮތުން ކަމަށެވެ. އަދި ގައުމު ހަމަ މަގަށް އަޅުވާ، އިންޑިއާ ސިފައިން މި ގައުމުން ބޭލުމަކީ އެންމެ ބޮޑު މަގުސަދު ކަމަށް އެ މީހުން ބުނެއެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތުން/ ފޮޓޯ: ޕީޕީއެމް
"އެންމެ ބޮޑު ބޭނުމަކީ އިންޑިއާ ސިފައިން މި ގައުމުން ބާލާފައި ދިވެހިންނަށް ދިވެހިންނަށް ދިވެހިންގެ އަތްމައްޗަށް ދިވެހި ގައުމު ލިބުން، ސޯލިހު ގެނައީ ވަރަށް މަސައްކަތް ކޮށްގެން އެކަމު އެއް ގޮތަކަށްވެސް ކަމަކު ނުދޭ، މި ގައުމު އިންޑިއާ ވިއްކާ ހުސްކޮށްލައިފި"
އައްޑޫގެ ރައްޔިތެއް

އައްޑޫ ބައެއް މީހުން ބުނީ އިންޑިއާ ސިފައިން މި ގައުމުން ބާލާ، ދިވެހިންނަށް އަދި ދިވެހިންގެ އަތްމައްޗަށް ދިވެހި ގައުމު ލިބުމަކީ އެންމެ ބޭނުންވާ ކަންތައް ކަމަށާއި ރައީސް ސޯލިހު ވެރިކަމަށް ގެނައީ ވަރަށް މަސައްކަތް ކޮށްގެން ނަމަވެސް އެއް ގޮތަކަށްވެސް މިހާރު ކަމަކު ނުދާ ކަމަށާއި މި ގައުމު އިންޑިއާ އަށް ވިއްކާ ހުސްކޮށްލައިފި ކަމަށެވެ.

އައްޑޫ ބައެއް މީހުން ބުނީ އައްޑޫގައި އިންޑިއާ ސިފައިންނާއި އެ މީހުންގެ އާއިލާތައް އުޅެމުންދާ ކަމަށާއި އަދި އެ މީހުންނަކީ މަޝްރޫއަކަށް ނުވަތަ މަސައްކަތަކަށް ގެނެސްފައި ތިބި ސިފައިންނަށް ވުރެ ގިނަ އަދަދެއްގެ ސިފައިން ކަމަށެވެ. އަދި އެއީ ރަނގަޅު ބޭނުމެއްގައި ކުރަމުންދާ ކަމެއް ނޫން ކަމަށް އައްޑޫގެ އެމީހުން ތުހުމަތު ކުރެއެވެ.

އައްޑޫގެ މީހުން ބުނަމުން ދިޔައީ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ހުވާކުރެއްވުމަށް ފަހު، މިހާރުގެ ސަރުކާރުން ކޮށްފައި ހުރި ހުރިހާ ކަމަކާއި އޭގެތެރެއިން ސިއްރު އެއްބަސްވުންތަކާއި ހިޔާނާތްތަކާއި ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި އެކަން މުއިއްޒު ކޮށްދެއްވާނެ ކަމުގެ އިތުބާރު އައްޑޫގެ ރައްޔިތުންނަށް އޮތް ކަމަށް ވެސް ބުނެފައި ވެއެވެ.

އައްޑޫގެ މެޖޯރިޓީ އަނބުރާލާ، ތަފާތު ބޮޑުކޮށް އިންތިހާބު ނިންމާނަން!

މިދިޔަ ބުރުގައި އައްޑޫއިން ރައީސް ސޯލިހަށް މެޖޯރިޓީ ލިބުނީ 948 ވޯޓުގެ ފަރަގަކުން ކަމަށް ވާއިރު އެ ނަތީޖާ ބަދަލު ކޮށްލުމަކީ ބޮޑު އާބާދީ އޮތް އައްޑޫއަށް ފަހަރުގައިވެސް އުނދަގޫ ކަމަކަށް ނުވާނެއެވެ. އައްޑޫގެ ގުޅިފައިވާ، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ އަދި ހިތަދޫގެ ރައްޔިތުން ޖަހާ ހިސާބުން 60 ޕަސެންޓަށް ވުރެ މަތިން އައްޑޫގެ މެޖޯރިޓީ މުއިއްޒަށް މިފަހަރު ލިބިވަޑައިގަންނަވާނެއެވެ. އަދި ހުޅުދޫ އާއި މީދޫގެ ރައްޔިތުން ބުނަމުން ދިޔައީ ރައީސް ސޯލިހަށް އެ ދެ ރަށުން ލިބޭނީ 25 ޕަސެންޓް ކަމަށެވެ.

އައްޑޫ ސިޓީއިން ގިނަ އަދަދެެއްގެ ޒުވާނުން ޕީޕީއެމްއާ ގުޅުން/ ފޮޓޯ: ޕީޕީއެމް

މިދިޔަ ބުރުގައި އައްޑޫ މީދޫއިން 52.80 ޕަސެންޓް މުއިއްޒަށް ލިބިވަޑައިގެންނެވި އިރު ހުޅުދޫއިން ވަނީ 50.95 ޕަސެންޓް ލިބިވަޑައިގެންފައެވެ. ހުޅުދޫ އަދި މީދޫއަށް މުއިއްޒު ކުރެއްވި ދަތުރުގައިވެސް ފެނިގެން ދިޔައީ އެ އަދަދަށް އިތުރަށް ބަދަލު ގެންނާނެ މަންޒަރެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެންބަރުގެ އިލްޔާސް ލަބީބާއި އެހެން ކެންޑިޑޭޓުންނަށް ވެސް ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ވޯޓު ވެސް މި ބުރުގައި މުއިއްޒަށް ލިބިވަޑައިގަންނަވާނެ ކަމަށް އެ ސިޓީގެ މީހުން ބުނެއެވެ.

އައްޑޫ ސިޓިގެ ބައެއް ރައްޔިތުން ބުނީ މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި މުއިއްޒަކީ ރާއްޖޭގެ އިސްލާމްދީން ހިމާޔަތް ކޮށް ތަރައްގީ ހޯއްދަވައި ދެއްވާނެ ވެރިއެއް ކަމަށާއި މެޖޯރިޓީ އަނބުރާލެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޮތް ކަމަށެވެ. އަދި މުއިއްޒަކީ ވެރިކަމަށް ގެންނަން އެންމެ ރަނގަޅު ބޭފުޅާ ކަމަށާއި ބޭނުންވަނީވެސް މުއިއްޒު ކަމަށާއި ނާގާބިލު ވެރިކަމެއް ބޭނުން ނުވާ ކަމަށް އެ ރައްޔިތުން ބުނެއެވެ.

އައްޑޫ ޒުވާނުންގެ އުންމީދު ޓޫރިޒަމަށް!

މުއިއްޒު ވެރިކަމެއްގައި ގައުމުގެ މިނިވަންކަމަށް ފަހު ބޭނުމީ ތަރައްގީ މެކުހަށް ޖަހާލަން ކަމަށާއި މުއިއްޒުގެ ވެރިކަމުގައި ކޮވިޑަށް ފަހު އައްޑޫގައި ބަންދު ކޮށްފައިވާ ރިސޯޓުތައް ހުޅުވުމަކީ ޒުވާނުންގެ އުންމީދު ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން ވިލިނގިއްޔާއި އެހެނިހެން ރިސޯޓުތައް މި ސަރުކާރުގައި ފަޅު ރަށްތަކަށް ހަދާފައިވާ ކަމަށް ވެސް އައްޑޫގެ ބައެއް ޒުވާނުން ވަނީ ބުނެފައެވެ.

"އަފިރިން ބޭނުމީ އައްޑޫގައި ލޯކަލް ޓޫރިޒަމް ތައާރަފްވެގެން އައްޑޫ ރައްޔިތުންނަށް ލޯކަލް ޓޫރިޒަމުން ކުރިއަށް ގިއަށް. އަފިރިން ބޭނުމެއް ނޫން ހުށިހައި މިތާ ތިބިހާ އައްޑޫ ކުދިން ރާއްޖޭ ދުރުތަންތާ ރިސޯޓަށް ވަޒީފާ ފެނޑުވައި. އަފިރިން ބޭނުންވަނީ މިތާ ތިބެ އަފިރިންނަށް މިކަން ވޭނެލެކެ"
އައްޑޫ ޒުވާނެއް
އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތުން/ ފޮޓޯ: ޕީޕީއެމް

އައްޑޫގެ ޒުވާނުން ދުރު ރިސޯޓުތަކަށް ގޮސް ވަޒީފާ އަދާކުރަމުން ދާކަން ފާހަގަކޮށް އައްޑޫގެ ޒުވާނުން ވަނީ އެކަން ބަދަލުކޮށް އައްޑޫގައި ޓޫރިޒަމް ފުޅާކުރުމުގެ އުންމީދު ކުރާ ކަމަށް ބުނެފައެވެ. އަދި މާލެއަށް ނުގޮސް އައްޑޫއިން ބޭސްފަރުވާލިބޭ ގޮތް ހަމަޖެހުމަކީ އެ ސިޓީގެ ކޮންމެ ރައްޔިތެއްގެ ވެސް އުންމީދު ކަމަށް ވެސް ބުނެފައި ވެއެވެ.

އައްޑޫ މީހުން ބުނީ އަނިޔާ ވެރިކަން ނިންމާލަން ބޭނުންވާ ކަމަށާއި މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ގައުމު ހަމަމަގަށް ގެންދާނެ ކަމަށެވެ. އަދި ކޮވިޑޭ ކިޔާ މި ސަރުކާރުން ވައުދުތައް ނުފުއްދިއިރު އިތުރު ވައުދުތައް ވަމުން އަންނަ ކަމަށާއި އެ ވައުދުތަކަކީ ފުއްދޭނެ ވައުދުތަކެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ބުނެއެވެ.