ޖުމްހޫރީ ޕާޓީގެ ދެ ކައުންސިލް މެންބަރުންކަމަށްވާ، ޝައިހު މޫސާ ނިޒާރާއި ޑރ. މަހުމޫދު ޝައުގީ، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

އެކަން އިއުލާންކުރައްވާ ޝައިހު މޫސާ ވިދާޅުވީ އެގޮތަށް ނިނެމެވީ ވަރަށް ބޮޑަށް އެކަމާ ދޭތެރޭގައި ވިސްނާފައި ކަމަށާއި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ލީޑަރު ގާސިމް ވެސް ވާހަކަދައްކަވާފައި ހުރީ ރާއްޖެއަށް މި ވަގުތު ކުރިމަތިވެފައިހުރި ވަރަށް ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ކަމަށެވެ.

ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި ދަރަނީގެ ވާހަކަތައް ފާހަގަކުރައްވާ ޝައިހު މޫސާ ވިދާޅުވީ އެ މައްސަލަތައް ހައްލުކުރަން ދެވަނަ ޗޮއިސްއެއް ނުފެނޭ ކަމަށާއި ޑރ. މުއިއްޒު ކަހަލަ އިލްމީ ގާބިލް ބޭފުޅަކު އެއީ އެންމެ އެކަށީގެންވާ ކެންޑިޑޭޓް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މުއިއްޒުއާ ބެހޭ ގޮތުން ފާހަގަކުރެވޭ ވަރަށް ތާފަތު ކަންކަން އެބަހުރި ކަމަށާއި މުއިއްޒަކީ ވަރަށް ވަތަނީ ބޭފުޅެއްކަން ވާހަކައާއި ކަންކަން ހުރި ގޮތުން އެނގޭ ކަމަށް ޝައިހު މޫސާ ވިދާޅުވިއެވެ.

ޝައިހު މޫސާ ވިދާޅުވީ މި ވަގުތު ވަތަނީ ރޫހު ހުރި ގައުމު ދިވެހިންގެ އަތް މަތީގައި ބާއްވާނެ ދިވެހިން ބޭނުންވާ ގޮތަށް މި ގައުމު ހިންގާނެ ކަހަލަ ވެރިއަކު ބޭނުންވާ ކަމަށާއި ޑރ. މުއިއްޒަކީ އެ ވިސްނުމުގެ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މުއިއްޒަކީ ރާއްޖޭގައި ހުރި އުމްދާނީ ބޮޑެތި މަސައްކަތް އަމަލީ ގޮތުން ކުރެއްވުމުގައި ގިނަ ދުވަސްތަކެއްވެފައިވާ ކަމަށާއި ރާއްޖޭގެ އެންމެ ފަހުން ކުރެވިފައި ހުރި މަސައްކަތްތަކުގެ އިސް ދައުރެއް އަދާކުރައްވާފައިވަނީ މުއިއްޒު ކަމަށް ޝައިހު މޫސާ ވިދާޅުވިއެވެ.

ޝައިހު މޫސާ ވިދާޅުވީ ގައުމުގެ މައްސަލަތައް ހައްލުކުރުމުގައި އަވަސްފިޔަވަޅުތަކެއް އެޅުމުގައި ތަޖުރިބާއާއި އިލްމާ ވަރަށް މުހިއްމު ކަމަށާއި އެ ސިފަތައް މުއިއްޒުގެ ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ވިސްނުންތެރިކަމާއި ހިކުމްތަތެރިކަމާއެކު ގައުމުގެ ވެރިކަމާ ހަވާލުވާނެ ފަދަ ސިފަތަކެއް ހުރި ބޭފުޅެއް ގައުމު ބޭނުންވާ ކަމަށާއި އެ ސިފަތައް އެބަހުރި ކަމަށް ޝައިހު ވިދާޅުވިއެވެ.

ޝައިހު މޫސާ އިތުރަށް ވިދާޅުވީ މުއިއްޒުގެ ފަރާތުން ދީނީ ރޫހު ފާހަގަކުރެވޭ ކަމަށާއި މުއިއްޒަކީ ދީނީ ސިފަތައް އިސްލާމްވަންތަކަން ހިފަހައްޓާ ދަމަހައްޓާނެ ހިމާޔަތްކުރާނެ ބޭފުޅެއް ކަމަށެވެ.

ޝައުގީ ވިދާޅުވީ މުއިއްޒަށް ތާއީދު ކުރައްވަން ނިންމި ނިންމުމަކީ ވަރަށް ފަސޭހަ ނިންމެވުމެއް ކަމަށާއި މީގެ ގާތްގަނޑަކަށް ހަފްތާއެއްހާ ކުރިން އެ ނިންމުން ނިންމެވި ނަމަވެސް ބައެއް މީހުންނާ މަޝްވަރާކޮށްލާފައި ނިންމުން ހާމަކުރުން މަޑުކުރެއްވީ ކަމަށެވެ. އަދި ގާސިމްވެސް އެންމެ ބޮޑަށް ދައްވަކަވަމުން ދިޔައީ ރާއްޖޭގެ ސަރަހައްދުތަކުގައި ބޭރުގެ ސިފައިން ތިބި ވާހަކައާއި ދަތުރުކުރަމުން މިދަނީ މިނިވަންކަން ގެއްލިދާނެ މަންޒިލަކަށް ކަމަށް ރާއްޖޭގެ ދަރަނީގެ ވާހަކަ ކަން ޝައުގީ ވިދާޅުވިއެވެ.

ޝައުގީ ވިދާޅުވީ ދެ ކެންޑިޑޭޓުންގެ ތެރެއިން ގާސިމްގެ ސިޔާސަތާއި ވިސްނުމާއި އަދި އޭނާގެވެސް ވިސްނުމާއި އެންމެ އެއްގޮތް ކެންޑިޑޭޓެއް ބެއްލެވި ކަމަށާއި އެގޮތުން ބެއްލެވުމަށްފަހު މުޢިއްޒު އިޚހުތިޔާރު ކުރެއްވީ ކަމަށެވެ.

ދެން މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވި ސަބަބަކީ ވަރަށް ޕާސަނަލް ސަބަބެއް ކަމަށާއި ޝައުގީއަކީ ތައުލީމަށް ލޯބިކުރާ ބޭފުޅަކަށްވުމާއެކު ޑރ. މުއިއްޒަކީ މަތީ ފެންވަރަށް ރަނގަޅަށް ކިޔަވައިގެން ހުންނެވި އިލްމީ ގާބިލު ބޭފުޅެއް ކަމަށް ޝައުގީ ވިދާޅުވިއެވެ. އަދި މުއިއްޒަކީ ގިނަ ދުވަސްތަކެއް ވަންދެއް ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އޭގެ ނަތީޖާ ފެންނަން އެބް ހުރި ކަމަށް ޝައުގީ ވިދާޅުވިއެވެ.