ވެރިކަމުގެ ފަސް އަހަރު ނިމިގެން ދާއިރު ރައްޔިތުންގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަކުރާރު ކުރައްވައިފިއެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަން ކޮށްފައި ތިބި ބަޔަކު މިނިވަންކަމާ ގުޅުވައި ހަގީގަތެއް ނެތް ބޮޑެތި ދޮގުތައް ހަދަމުން އަންނަކަމަށެވެ. ވެރިކަމަށް އަންނަން ބޭނުންވެގެން ރާއްޖޭގެ މިނިވަންކަމާ ގުޅުވައި, ވެރިކަން ކޮށްފައި ތިބި ބަޔަކު މިވަރަށް [ޕީޕީއެމްއަށް އިޝާރާތް ކުރައްވައި] ރައްޔިތުންނަށް އޮޅުވާލާނެ ކަމަށް ހީފުޅު ނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް މިކަމުގައި ދޮގު ހަދައި އޮޅުވާލަމުން ދިއުމުގެ ބޭނުމަކީ، އެއީ ތެދެއްކަން ވިސްނައިދިނުން ކަމަށާއި ބައެއް މީހުންނަށް އެކަން ގަބޫލުވެސް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ބިން، ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައި އޮތް އިސްލާހު އުވާލައި އެންމެ ވެލިފުކެއް ވެސް ދޫކޮށްނުލައި ގޮތަށް ހެދީ މި ސަރުކާރުން ކަމަށެވެ.

"ރާއްޖޭގެ މިނިވަންކަމާ ގުޅުވައި ދޮގު ހަދައި އިންޑިއާ ސިފައިން ތިބި ކަމަށާއި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަކުން ރާއްޖޭގެ ކަނޑުވިއްކާލީ ކަމަށް އިދިކޮޅުން ވާހަކަ ފަތުރަމުންދޭ. މިއަދު ހަމަގައިމު ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުންނަށް އެ އެގްރިމެންޓުގައި އޮތް އެއްޗެއް އެނގިވަޑައިގަންނަވާނެ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިތުރަށް ރައީސް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ހަމައެކަނި އޮތީ އދ. ގައި ނަގާ ވޯޓެއްގައި ރާއްޖެއިން އަމަލުކުރަން ނިންމާފައި އޮތް ގޮތް ކަމަށާ މިހާރު އެ ސިޓީވެސް އޮތީ އާއްމު ވެފައި ކަމަށެވެ. އަދި އޭގައި ގޯހެއް އޮތް ނަމަ ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ލީކުވި ސިޓީގައި ކަނޑު ވިއްކާލި ކަމަށް ނުވަތަ ކަނޑުން ބައެއް ދޭކަމަށް ބުނެފައި ނެތް ނަމަވެސް އެސިޓީގައި ރައީސް އޮފީހުގެ ތައްގަނޑެއް އަދި ރައީސްގެ ސޮއިފުޅެއް ނެތެވެ. ނަމަވެސް ލީކުވީ ސައްކަ ސިޓީއެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ ޔަގީން ކޮށްދެއްވާފައެވެ.

އުތުރު ތިލަފަޅުގައި އަޅާ ބަނދަރާ ގުޅުވައި އެތަނުގައި ބޭރުގެ ސިފައިން ތިބޭނެ ކަމަށާއި އިންޑިއާގެ މަނަވަރުތައް އޮންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ދާ ވާހަކައަށްވެސް ރައީސް ވަނީ ރައްދު ދެއްވާފައެވެ. މި ގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކަންކަން ކުރެއްވަމުން ގެންދަވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ.

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ރައީސް ތަކުރާރު ކޮށް ވިދާޅުވި ނަމަވެސް އިދިކޮޅުން ގަބޫލު ކުރަނީ އެއީ އިންޑިއާ ސިފައިން ތިބޭނެ ތަނެއް ކަމަށެވެ. އަދި އެކަމާ ސުވާލު އުފައްދާ، ދިވެހި ސަރުކާރާއި އިންޑިއާ އާ ދެމެދު ހަދާފައި އޮތް ޔޫޓީއެފް އެގްރީމަންޓް ދެއްކުމަށް އަންނަނީ އަޑުއުފުލަމުންނެވެ. ނަމަވެސް ސަރުކާރުން އެ އެއްބަސްވުން އާންމުނުކޮށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ވަނީ މައުލޫމާތު ހިއްސާ ކޮށްފައެވެ.

ޔޫޓީއެފް އާ ބެހޭ ގޮތުން މީޑިއާއަށާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ވެސް މައުލޫމާތު ހިއްސާ ކުރެއްވި ކަން ފާހަގަ ކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، އެކަތަ ހާބަރު ފެސިލިޓީއާ ބެހޭ ހުރިހާ މައުލޫމާތެއް ވެސް ވާނީ ހާމަކުރައްވާފައި ވާ ކަމަށެވެ. އެގޮތުން އުތުރު ތިލަފަޅުގައި ހަދަމުންދާ އެކަތަ ހާބަރަކީ އުޅަނދުފަހަރު އަޅާނެ ފެސިލިޓީއެއް ކަމަށާއި ދެން އޮތީ ރިޕެއާ ފެސިލިޓީއެއް ކަމަށް އޭނާ ވިދާޅުވެއެވެ.